މިފަހަރުވެސް ހަމަ ހަޔަކަށްތަ؟

Advertisement

މިފަހަރުވެސް ހަމަ ހަޔަކަށްތަ؟

އައްބާސް

ދައްކަން މިއުޅެނީ ކުރިކެޓްގެ ވާހަކައެއް ނޫނެވެ. މިއީ ހަމަ ފުޓްބޯޅައިގެ ވާހަކައެވެ. އަދި އަމުދުން ވޯލްޑް ކަޕާވެސް ގުޅޭ ވާހަކައެކެވެ. ކޮންމެ ވޯލްޑްކަޕް މުބާރާތަކާ ގުޅިގެންވެސް ފުޓްބޯޅަ ސަޕޯޓަރުންގެ ތެރޭގައި ތަފާތު އެކި ކަހަލަ ބަހުސްތައް ކުރެވެއެވެ. މީގެ ތެރެއިން އެންމެ ފޯރިގަދަ އެއް ބަހުސަކީ އެންމެ ގިނަލަނޑު ޖަހައިގެން ރަންބޫޓް ހޯދާނެ ކުޅުންތެރިއަކީ ކާކުތޯ ކުރެވޭ ބަހުސެވެ. މިގޮތުން ބައެއް މުބާރާތްތައް ނިމިގެން ދާއިރު ސަޕޯޓަރުންނާއި ކޯޗުންނާއި އެނަލިސްޓުން ހީވެސް ނުކުރާ ކުޅުންތެރިން އެ މަޤާމު ހޯދާފައި އެބަހުއްޓެވެ. 1990 ވަނަ އަހަރު އެމަޤާމު ހޯދި އިޓަލީގެ ސިލާޗީ އާއި 1994 ގައި ބަލްގޭރިއާގެ ސްޓައިކޯފް އާއެކު އެ މަޤާމު ހޯދި ރަޝިޔާގެ ސަލެންކޯ އަދި 1998 ވަނަ އަހަރު  ރަން ބޫޓު ހާސިލްކުރި ކްރޮއޭޝިޔާގެ ޝުކަރ އަކީ މީގެ ރަނގަޅު މިސާލުތަކެވެ.

ފީފާގެ ޤަވާޢިދު މިހާރު ހަމަޖެހިފަ އޮންނަ ގޮތުން ލަނޑުގެ ގޮތުން ދެކުޅުންތެރިއަކު ނުވަތަ އެއަށްވުރެ ގިނަ ކުޅުންތެރިން އެއްވަރުވިޔަސް އެ އެންމެންނަކަށް އެމަޤާމެއް ނުލިބެއެވެ. އެ މަގާމަށް އެކަކަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާ ނަމަ ދެން ބަލާނީ އެހެން ކުޅުންތެރިން ލަނޑު ޖެހުމަށް އެހީތެރިވި އަދަދަށެވެ. އެގޮތުންވެސް އެއްވަރުވެއްޖެނަމަ ދެން ބަލާނީ ދަނޑުމަތީގައި ހޭދަކުރި ވަގުތަށް ބަލާފައި ކޮންމެ މިނިޓަކަށް އެވުރެޖްކޮށް ޖެހިގޯލް އެންމެ މަތީ ކުޅުންތެރިއެކެވެ. 2010 ވަނައަހަރުގެ ރަންބޫޓް  5 ގޯލު ޖަހައިގެން ޖަރުމަނުގެ މުލާ އަށް ލިބުނީ އެ އުސޫލުންނެވެ. ހަމަ އެއަދަދަށް ސްޕޭންގެ ވިޔާ އާއި ނެދަރލެންޑްސްގެ ޝްނައިޑަރ އަދި އުރުގުއޭގެ ފޯލާން ވެސް އެމުބާރާތުގައި ލަނޑު ޖެހިއެވެ.

ވޯލްޑްކަޕުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ 4 މުބާރާތެއްގައި 16 ލަނޑުޖެހި ޖަރުމަނުގެ ކުލޯސަރ އެވެ. ކުލޯސަރ މިރެކޯޑް ޤާއިމުކުރީ 2014 ވަނައަހަރު ބުރެޒިލްގައެވެ. އޭގެކުރިން މިރެކޯޑް އޮންނަނީ 3 މުބާރާތެއްގައި 15 ލަނޑު ޖެހި ބުރެޒިލްގެ ރޮނާލްޑޯ އަތުގައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ފަހަކަށް އައިސް ވޯލްޑް ކަޕްގައި ވަކިވަކި ކުޅުންތެރިން ޖަހާ ގޯލުގެ ޢަދަދު ވަކި ހިސާބެއްގައި ހިފެހެއްޓިފައި ހުންނަކަމަށް ފާހަގަކުރެވޭ ވޭހެއްޔެވެ؟ 1974 ގެ ވޯލްޑްކަޕުން ފެށިގެން 2014 ވަނަ އަހަރުގެ މުބާރާތާ ހަމަޔަށް ކުޅުނު 11 ވޯލްޑް ކަޕްގެ ތެރެއިން 10 ވޯލްޑްކަޕްގައި ރަންބޫޓް ހޯދި ކުޅުންތެރިޔާއަށް ކޮންމެ ފަހަރަކުވެސް ޖެހިފައިވަނީ ހަގޯލް ނުވަތަ އެއަށްވުރެ މަދުންނެވެ. އެއިން ކޮންމެ ކުޅުންތެރިޔަކަށްވެސް މިދެވެނީ ހަޔަކަށެވެ. އެއަށްވުރެ މައްޗަކަށް ނުދެވެއެވެ. 1974 ވަނަ އަހަރުގެ ފަހުން މި އަދަދު ފަހަނައަޅައިދިޔަ ހަމަ އެކަނި ކުޅުންތެރިޔަކީ 2002  ވަނައަހަރު ކޮރެއާ ޖަޕާން ގައި އޮތް މުބާރާތުގައި 8 ގޯލްޖެހި ބުރެޒިލްގެ ރޮނާލްޑޯއެވެ. 1978 ގައި ކެމްޕަސް، 1982 ގައި ރޮސީ، 1986 ގައި ލިނެކަރ، 1990 ގައި ސިލާޗީ، 1994 ގައި ސްޓޮއިކޯފް އާއި ސަލެންކޯ، 1998 ގައި ޝުކަރ އަދި 2014 ގައި ރޮޑްރިގޭޒް އެމަޤާމު ހޯދީ 6 ގޯލު ޖަހައިގެންނެވެ. 2006 ގައި ކުލޯސަރ އަދި 2010 ގައި މުލަރ އެމަޤާމު ހޯދީ 5 ގޯލް ޖަހައިގެންނެވެ.

މިފަހަުރުގެ ވޯލްޑް ކަޕްގައި ހެރީ ކޭން ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ. މިހާތަނަށް މުބާރާތުގައި 6 ގޯލް ވަނީ ޖަހާފައި. ފޮޓީޯ: މީސް މީޑިޔާ

ދެން އޮތީ މިފަހަރުގެ ވޯލްޑް ކަޕެވެ. މިހާރު ރަޝިޔާގައި ކުރިއަށްދާ މުބާރާތަށް ބަލާލާއިރު ފުރަތަމަ ބުރު ނިމިގެން ދިޔައިރު މުބާރާތުގެ ރަންބޫޓް ހޯދާ ކުޅުންތެރިޔާ 6 އަށްވުރެ މައްޗަށް ގޯލް ގެ އަދަދު ފަސޭހަކަމާއެކު ގެންދާނެ ކަމަށް ގިނަ ބަޔަކު ތިބީ ހީކޮށްގެންނެވެ. އަދި، މިފަހަރަކީ ބުރެޒިލްގެ ރޮނާލްޑޯ 2002 ގައި ހަ ގޯލްގެ ޓްރެންޑް ބަދަލުކުރިގޮތަށް ބަދަލުކޮށްލާނެ ފަހަރެއްކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރިއެވެ. މުބާރާތުގެ ފުރަތަމަ ބުރު ނިމުނު އިރު  އިންގުލެންޑްގެ ކޭން ވަނީ 5 ގޯލް ޖަހާފައެވެ. އަދި ޕޯޗްގަލްގެ ރޮނާލްޑޯ އާއި ބެލްޖިއަމްގެ ލުކާކޫ ވަނީ 4 ގޯލް ޖަހާފައެވެ.

އެކަމަކު މިއަންނަ އާދީއްތަ ދުވަހު މުބާރާތުގެ ފައިނަލުގައި ފުރާންސާއި ކްރޮއޭޝިއާ ވާދަކުރާއިރު މިހާރު މަންޒަރު ފެންނަންހުރި ގޮތުން މިފަހަރުވެސް މިއީ ހަމަ ހައެއްގެ ފަހަރެކޭ ހިވާން މިވަނީ ފަށާފައެވެ. އިނގިރޭސި ޓީމުގެ ކޭން މިހާތަނަށް 6 ގޯލު  ހަމަކޮށްފައިވިޔަސް ފުރަތަމަ ބުރުގެ ފަހުން އިންގްލެންޑް ކުޅުނު ތިން މެޗްގައި ކޭން އަށް ޖެހުނީ އެންމެ ގޯލެކެވެ. އަދި ކޭންގެ ހަގޯލުގެ ދެބައިކުޅައެއްބަޔަކީ ޕެނަލްޓީ ސްޕޮޓް މަތިން ޖެހި ގޯލްތަކެވެ. އެހެންކަމުން ހޮނިހިރުދުވަހުގެ ރޭ ބެލްޖިއަމްއާއި ދެކޮޅަށް 3 ވަނަ ހޮވާ މެޗްގައި ކުޅޭއިރު ކޭން އަށް 6 ފަހަނައަޅައި ދެވިދާނެތޯ މިއީ މިހާރު ބައެއް މީހުންގެ ހިތުގައި އުފެދޭނެ ސުވާލެއް ކަމަށް ބެލެވެއެވެ. ކޮންމެއަކަސް 6 ފަހަނައަޅައި ދިޔުމުގެ އެންމެ ފުރުޞަތު ބޮޑި ވެސް ކޭން އަށެވެ. ބެލްޖިއަމް ޓީމު ސެމީގައި ކުޅުނު މެޗަށް ބަލާނަމަ ލުކާކޫ އަށް އޭނާގެ ގޯލްޓެލީ އިތުރުކުރެވިދާނެބާއޭ މިއީވެސް އުފެދޭނެ ސުވާލެކެވެ. ލުކާކޫ 6 ފަހަނައަޅައިދާން އަދި 3 ގޯލް ޖަހަން ޖެހެއެވެ. ބެލްޖިއަމް އިން ދެން ގޯލް ލިސްޓްގެ އެންމެ ކުރީގައި އުޅެނީ 2 ލަނޑު ޖަހައިގެން ހަޒާޑްއެވެ.

ފައިނަލުގައި ކުޅޭ ދެ ޓީމަށް ބަލާއިރު ފްރާންސްގެ ގްރިޒްމަން އަދި އެމްބާޕޭ ވަނީ 3 ލަނޑު ޖަހާފައެވެ. އެހެންވެ މިދެކުޅުންތެރިންނަށްވެސް ކޭންގެ މައްޗަށް ކުރިހޯދުމުގެ ފުރުޞަތު ވަރަށް ކުޑަކަމުގައި ބުނެވިދާނެއެވެ. ކޮރޮއޭޝިޔާ ޓީމުގައި 3 ލަނޑު މި މުބާރާތުގައި ހަމަކުރި ކުޅުންތެރިއަކު ވެސް ނެތެވެ. އެޓީމުގެ މޮޑްރިޗް، ޕެރިސިޗް އަދި މަންޒުކިޗް މިއިން ކޮންމެ ކުޅުންތެރިއަކުވެސް ޖަހައިފައި ވަނީ 2 ގޯލެވެ.

އެހެންކަމުން އެއް ވޯލްޑްކަޕެއްގައި އެއް ކުޅުންތެރިޔަކު ޖެހި ގޯލުގެ ޢަދަދު މިފަހަރުވެސް ހަޔަކުން ނިމޭނީތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލަށް 3 ވަނަ ހޮވާމެޗުން ޖަވާބެއް ލިބިދާނެކަމަށް ބެލެވެއެވެ. އެމެޗުގައި ކޭންގެ ލަނޑެއް ފެނިއްޖެނަމަ މިފަހަރު ވާނީ އެގޮތުން ތަފާތު އަހަރަކަށެވެ. ނޫންނަމަ 2018 ގެ ވޯލްޑްކަޕަކީވެސް ހަ ގޯލްގެ ޓްރެންޑް ދަމަހައްޓާ މުބާރާތަކަށް ވެގެންދާނެއެވެ. ދެންއޮތް ހަމައެކަނި ގޮތަކީ ފްރާންސްގެ އެމްބާޕޭ އާއި ގްރީޒްމަން ނުވަތަ  ކްރޮއޭޝިޔަން ޓްރިއޯގެ އާދަޔާ ޚިލާފު މޮޅުކުޅުމަށް އަހަރެމެން ފައިނަލް މެޗްގައި އިންތިޒާރުކުރުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *