ޑޯޓްމަންޑްގެ ޔަރްމޮލެންކޯ ވެސްޓްހޭމްއަށް

Advertisement

ޑޯޓްމަންޑްގެ ޔަރްމޮލެންކޯ ވެސްޓްހޭމްއަށް

އަޙްމަދު ޔަޝައު

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޔޫކްރޭންގެ ވިންގާ އަންދްރޭ ޔަރްމޮލެންކޯ އިންގްލެންޑުގެ ވެސްޓްހޭމް ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ މި ކުޅުންތެރިޔާ ވެސްޓްހޭމް ޔުނައިޓެޑަށް ސޮއިކުރީ 4 އަހަރުގެ ކޮންޓްރެކްޓެއްގައި 17.5 މިލިއަން ޕައުންޑުގެ ޓްރާންސްފާރ ފީއެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ. މިއީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވެސްޓްހޭމުން ސޮއިކުރި 6 ވަނަ ކުޅުންތެރިޔާއެވެ.

އެގޮތުން، އާސެނަލްއަށް ކުޅެމުން އައި އިންގްލެންޑުގެ ޖެކް ވިލްޝެއާރ އާއި، ފުލަމްއަށް ކުޅެމުންއައި ރަޔަން ފްރެޑްރިކްސް އާއި، ސްވަންސީގެ ޕޮލެންޑް ގޯލްކީޕަރ ލޫކަސް ފަބިއާންސްކީ އާއި، ކްލަބުގެ ރެކޯޑް ފީއަކަށް ފްރާންސްގެ ޓޫލުސްއިން ގެނައި ޒުވާން ޑިފެންޑަރ އިއްސަ ޑިއޮޕް އާއި ރަޝިއާގެ ސްޕާޓަކް މޮސްކޯ އަށް ކުޅެމުން އައި ސްލޮވާކިއާގެ އުމުރުން 16 އަހަރުގެ ސެބާސްޓިއަން ނެބީލާ ހިމެނެއެވެ.

ޖެކް ވިލްޝެއާރ

ޔަރްމޮލެންކޯ ވަނީ 2017 ވަނަ އަހަރު ޑޯޓްމަންޑާ ގުޅުނުފަހުން އެޓީމަށް 18 މެޗު ކުޅެދީ 3 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެކުރިން އޭނާވަނީ ޔޫކްރޭންގެ ޑީނަމޯ ކިއެވްގައި 11 ސީޒަން ހޭދަކޮށްފައެވެ. ޔޫކްރޭންގެ ޤައުމީ ޓީމަށް 77 މެޗު ކުޅެ 35 ގޯލް ކާމިޔާބުކޮށްދީފައިވާ ޔަރްމޮލެންކޯ އަކީ އެ ޤައުމުގެ ޤައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. ޔޫކްރޭންގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާދީފައިވަނީ އޭސީ މިލާނުގެ ލެޖެންޑް އަންދްރޭ ޝެވްޗެންކޯއެވެ. އޭނާ ވަނި ޤައުމީ ޓީމަށް 111 މެޗުން ޖުމްލަ 48 ގޯލް ކާމިޔާބުކޮށްދީފައެވެ. ޔަރްމޮލެންކޯގެ މުޅި ކެރިއަރުގައި އޭނާވަނީ 443 މެޗު ކުޅެ، 178 ގޯލް ކާމިޔާބުކޮށް، 115 އެސިސްޓު ހަދާފައެވެ.

އިއްސާ ޑިއޮޕް

ވެސްޓްހޭމް ގެ ޑިރެކްޓަރ އޮފް ފުޓްބޯލް މާރިއޯ ހުސިލޯސް ބުނެފައިވަނީ، ޔަރްމޮލެންކޯ އަކީ ބޮޑެތި ޓީމުތަކަށް ކުޅެ ތަޖުރިބާހުރި ކުޅުންތެރިއެއްކަމާއި، އޭނާ އަކީ ތަށިހޯދަން މަސައްކަތްކުރާ ކުޅުންތެރިއެއްކަމަށެވެ. މީގެއިތުރުން، އޭނާއަކީ ކުލަބުން ބޭނުންވާ ޒާތުގެ ކުޅުންތެރިއެއްކަމާއި، މިހާރުގެ ކޯޗު މެނުއެލް ޕެލެގްރީނީއަށް ކަމުދާނެ ކުޅުންތެރިއެއް ކަމަށެވެ.

ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވާއިރު ވެސްޓްހޭމްއަށް ލިބޭނެ އެންމެ ބޮޑު ނުތަނަވަސްކަމަކީ އެޓިމުގެ ތަޖުރިބާކާރު ފޯވާޑު އެންޑީ ކެރޯލް އާއި ޑިފެންޑަރ ވިންސްޓަން ރީޑް ތިންމަސް ދުވަހަށް ކުޅުމާ ދުރަށް ދާންޖެހުމެވެ. މި ދެކުޅުންތެރިންވެސް ވަނީ ލިބިފައިވާ އަނިޔާއިން ސަލާމަތްވުމަށް ސާޖަރީ ހަދާފައެވެ. އެހެންނަމަވެސް، ވެސްޓްހޭމުންވަނީ އިންޖަރީގެ ސަބަބުން އާޖެންޓީނާގެ ވޯލްޑްކަޕް ސްކޮޑުން ބާކީކުރި ޓީމުގެ ޕްލޭމޭކަރ މެނުއެލް ލަންޒިނީ ކުރިއަށް އޮތް ހަފްތާގައި އިންޖަރީއިން ސަލާމަތްވެ ޓީމާ ގުޅޭނެކަން އަންގާފައެވެ.

ރަޔަން ފްރެޑްރިކްސް

ޕްރިމިއަރ ލީގުގައި ވެސްޓްހޭމްއަށް އޮތް ފުރަތަމަ މެޗަކީ އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ޖާގަން ކްލޮޕްގެ ލިވަޕޫލާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *