ކްރޮއޭޝިޔާއަށް ހިތްވަރު ލިބުނީ އިނގިރޭސި މީޑިޔާއިން

Advertisement

ކްރޮއޭޝިޔާއަށް ހިތްވަރު ލިބުނީ އިނގިރޭސި މީޑިޔާއިން

ޢަބްދުﷲ އަޝްރަފް

ވޯލްޑް ކަޕްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗްގައި އިންގްލެންޑް ބަލިކުރަން ކްރޮއޭޝިޔާގެ ކުޅުންތެރިންނަށް ބޮޑު ހިތްވަރެއް ލިބުނީ މެޗާ ގުޅޭގޮތުން އިނގިރޭސި މީޑިޔާގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން ކަމަށް އެޓީމުގެ ކެޕްޓަން ލޫކަ މޮޑްރިޗް ބުނެފިއެވެ. އަދި، ކްރޮއޭޝިޔާގެ ކުޅުންތެރިންނަށް އިނގިރޭސި ނޫސްވެރިންނާއި އެނަލިސްޓުން އިހްތިރާމް ނުކުރާކަމަށްވެސް މޮޑްރިޗް ތުހުމަތުކޮށްފައިވެއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯ ގައި ރޭ ފަހަތުންއަރައި 2-1 އިން އިނގިރޭސިން ބަލިކުރި މެޗްގައިވެސް މޮޅު ކުޅުމެއް ދެއްކި ރެއާލް މެޑްރިޑްގެ ތަރި މި މޭރުމުން އިނގިރޭސި މީޑިޔާއަށް ފާޑުކިޔައިފައިވަނީ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

“އިނގިރޭސި ބައެއް ނޫސްވެރިންނާއި، ޕަންޑިތުން އަހަރެމެން މާބޮޑަށް މިރޭ އަންޑަރ އެސްޓިމޭޓް ކުރި. އެއީ އެމީހުން ހެދި ވަރަށް ބޮޑު ގޯހެއް. އެމީހުން އަހަރެމެންނަށް އަމާޒުކޮށް ދެއްކި ހުރިހާ ވާހަކައެއް އަހަރެމެން ސީރިއަސްކޮށް ނެގިން. އަހަރެމެން ދިޔައީ އެހުރިހާ ވާހަކަތަކެއް ބަލަމުން އަޑުއަހަމުން. އަހަރެމެން އެކަކު އަނެކަކަށް ބުނަމުން ދިޔައިން. މިރޭ އަހަރެމެން ރަގަޅަށް ދައްކައިދޭންވާނެއޭ ކޮންބައެއްކަން ވަރުބަލިވެފަ ތިބީ. އެމީހުން އެބަޖެހޭ އެއަށްވުރެ ހިތް ތިރިކޮށްފަ އިދިކޮޅު ޓީމަށް އިހްތިރާމްކުރަން” މެޗަށް ފަހު އައިޓީވީ އަށް ދިން އިންޓަވިއު އެއްގައި މޮޑްރިޗް ބުނެފައިވެއެވެ.

“އަހަރެމެން އަނެއްކާވެސް މި ސާބިތުކޮށްދިނީ އަހަރެމެން ތިބީ ވަރުބަލިވެފައި ނޫންކަން. މުޅި މެޗް އަހަރެމެން ފިޒިކަލީ ވެސް އަދި މެންޓަލީވެސް ޑޮމިނޭޓްކުރިން. އަހަރުމެންނަށް އެކްސްޓްރާ ޓައިމް އަށް ނުގޮސްވެސް މެޗް ނިންމާލެވުނީސް. މިއީ އަހަރެމެންނަށް ލިބުނު އާދަޔާޚިލާފް ކާމިޔާބެއް. އަދި، މިއީ ހަގީގަތަކަށްވާން  ވަރަށް ކުރިއްސުރެ ބޭނުންވި ހުވަފެނެއް. މިއީ ކްރޮއޭޝިޔާގެ ތާރީޚްގައި ވެސް ލިބުނު ލިބުނު އެންމެ ބޮޑު ކާމިޔާބީ. އެކަމަށްޓަކައި އަހަރެމެން ފަޚްރުވެރިވާން ޖެހޭ” މޮޑްރިޗް ބުންޏެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްރޮއޭޝިޔާގެ ކޯޗް ލެޓްކޯ ޑަލިޗް ބުނެފައިވަނީ ކްރޮއޭޝިޔާއަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި، ނޮކައުޓް ސްޓޭޖް ގެ ތިން މެޗްގައި އިތުރު ވަގުތު ކުޅުން ޖެހުނު ނަމަވެސް ޓީމްގެ ކުޅުންތެރިންގެ ހަކަތަ ހުސްނުވާ ކަމަށެވެ.

ރޭގެ މެޗުގައި މޮޅުވި ލަނޑު ޖެހުމަށްފަހު ކްރޮއޭޝިޔާ ކުޅުންތެރިން އުފާފާޅު ކުރަނީ. ޓީމުން ބުނަނީ ހިތްވަރު ލިބުނީ އިނގިރޭސި މީޑިޔާ އިން ކަމަށް ފޮޓޯ: މީސް މީޑިޔާ

“އަހަރެމެންނަށް ފައިނަލަށް ދެވުން ހައްގު. އަހަރެމެންގެ ކުޅުންތެރިން މިރޭ އެ ދެއްކި ކުޅުމަކީ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއް. އެމީހުން އެ ވަނީ ތާރީޚް ލިޔެފަ. މި މުބާރާތް ކާމިޔާބު ކުރާނީ އެންމެ ވަރުގަދަ ކަރެކްޓަރ އެއް ހުރި ކުޅުންތެރިން ތިބި ޓީމެއް. މިދިޔަ ތިން މެޗްގައިވެސް އަހަރެމެން ފުރަތަމަ އޮންނަނީ 1-0 އިން ބަލިވެފަ. މިއީ ކްރޮއޭޝިޔާ ކަހަލަ ކުޑަ ގައުމަކަށް ވަރަށް ތާރީޚީ ކާމިޔާބެއް. މިހާ ކުޑަ ގައުމެއް ވޯލްޑްކަޕް ގެ ފައިނަލަށް ދިޔަ ހެނެއް ހިޔެއް ނުވޭ” ޑަލިޗް ބުންޏެވެ.

ރޭގެ މޮޅާއެކު ކްރޮއޭޝިޔާ ހިމެނިގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ މުޅި ތާރީޚްގައިވެސް ފައިނަލްގައި އަލަށް ކުޅޭ ތޭރަ ވަނަ ގައުމަށެވެ. މީގެ ކުރިން އެ މުބާރާތުގައި އެންމެ ދުރަށް ކްރޮއޭޝިޔާ ގޮސްފައިވަނީ 1998 ވަނަ އަހަރު ފްރާންސް ގައި އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށެވެ. އެއީ އެ ގައުމު މިނިވަންވި ފަހުން ކުޅުނު ފުރަތަމަ މުބާރާތެވެ. އޭގެ ފަހުން އައި އެއްވެސް މުބާރާތެއްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ވަރެއް ކްރޮއޭޝިޔާއަކަށް ނުވެއެވެ. އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗްގައި ކްރޮއޭޝިޔާ ނުކުންނާނީ ވިހި އަހަރަށްފަހު ވޯލްޑް ކަޕް ތަށި އުފުލާލަން ކެތްމަދުވެފައި އޮތް ފްރާންސް އާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *