ރޮނާލްޑޯއަށް ޔުވެންޓަސްގެ އުއްމީދުތައް ފުރިހަމަ ކޮށްދެވިދާނެތަ؟

Advertisement

ރޮނާލްޑޯއަށް ޔުވެންޓަސްގެ އުއްމީދުތައް ފުރިހަމަ ކޮށްދެވިދާނެތަ؟

ޢަބްދުﷲ އަޝްރަފް

ސްޕެއިންގެ ރެއާލް މެޑްރިޑްގައި 9 އަހަރު ހޭދަކުރުމަށްފަހު އިޓަލީގެ އެންމެ ކާމިޔާބު އެއް ކްލަބް ޔުވެންޓަސް އަށް ބަދަލުވުން ކްރިސްޓިއާނޯ ރޮނާލްޑޯ ސިފަކުރީ އޭނާގެ ކެރިއަރުގެ އާބާބެއްގެ ފެށުން ކަމުގައެވެ. އިޓަލީގެ ނޫސްތަކުން ރޮނާލްޑޯގެ ޓްރާންސްފަރ އާއެކު ޔުވެންޓަސް އަށް ތައުރީފް އޮއްސިއެވެ. ބައެއް ނޫސްތަކުން އެކަން ފާހަގަކުރީ ގަރުނުގެ ޓްރާންސްފަރ ގެ ގޮތުގައެވެ. އަނެއްކޮޅުން މިއީ ކްލަބަށް މަރުދޭ ސަޕޯޓަރުންވެސް ޓްރާންސްފަރ ބާޒާރުގެ މިހާ ކުރީކޮޅު ނިމިގެން ހިނގައިދާނެކަމަށް ހީކުރި ކަމެއްވެސް ނޫނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ ކުޅުންތެރިއަކު ޓިއުރިން އަށް އަތުވެދާނެ ކަމަށް އެމީހުންނަށް ގަބޫލުކުރެވިފައި ނެތީ ކަމަށް ވެސް ވެދާނެއެވެ. މީގެ އިތުރުން އޭސީ މިލާނަށް ކުޅުނު ބްރެޒިލްގެ ކަކާ 2007 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފަހުން އިޓާލިއަން ލީގުގައި ކުޅެމުންއައި ކުޅުންތެރިއަކު އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފަވެސް ނެތީމައެވެ.

ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި  އިނގިރޭސި ލީގާއި ސްޕެނިޝް ލީގުގެ މަގްބޫލްކަން އާސްމާނަށް އެރިއިރު އިޓާލިއަން ސީރިއޭ ދިޔައީ ދަށަށެވެ. ރޮނާލްޑޯ ގެނައުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށް އޭސީ މިލާންގެ ވެރިޔާ ސިލްވިއޯ ބާލޮސްކޯނީ މީގެ ދިހަ އަހަރު ކުރިން ހާމަކުރުމުން ރޮނާލްޑޯ އޭރު ބުނެފައިވަނީ ސީރިއޭ އަކީ އޭނާ އެހާ ގަޔާވާ ލީގެއް ނޫން ކަމަށެވެ. ޖުމްލަ ގޮތެއްގައި އިޓާލިއަން ލީގްގެ މަގްބޫލްކަން ދަށަށް ދިޔަ ނަމަވެސް ޔުވެންޓަސް އެ މުއްދަތުގައި ޖެހުނީ ކުރިއަށެވެ.

މެޗް ފިކްސިންގް އާ ގުޅޭ މައްސަލައެއްގައި 2006 ވަނަ އަހަރު ސީރިއޭ ބީ އަށް އެ ކްލަބް ރެލިގޭޓްކުރި ފަހުން އަލުން ބޮންތީގައި ހިފަން ހަ އަހަރު ދުވަސް ނެގި ނަމަވެސް 2012 ގެ ފަހުން އެމީހުން އައީ ރަސްކަން ދިފާއު ކުރަމުންނެވެ. އެއީ އިއްތިފާގެއް ކަމަކަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ އިޓަލީގެ އެހެން ކްލަބްތަކާ ޚިލާފަށް ޔުވެންޓަސް އައީ ރަގަޅު ޕްލޭނަކާއެކު މަސައްކަތްކުރަމުންނެވެ. ޓްރާންސްފަރ ބާޒާރުގައި ތަފާތު ވިޔަފާރިއެއް ކުރަމުންއައި އިޓަލީގެ ހަމައެކަނި ކްލަބަކަށްވީވެސް ޔުވެންޓަސް އެވެ. އަދި، އެމީހުން އައީ އެ ވިޔަފާރިން ނަފާވެސް ހޯދަމުންނެވެ. އެންދްރޭ ޕިރްލޯ، ސެމީ ކެދީރާ، ޑެނީ އަލްވެޒް ފަދަ ތަރިން އެ ކްލަބާއި ގުޅުނީ ހިލޭ ޓްރާންސްފަރ ގައެވެ. ކާލޮސް ޓެވޭޒް އެމީހުން ގަތީ އެންމެ ނުވަ މިލިއަނަށެވެ. ޕައުލް ޕޮގްބާ ގެ ހިދުމަތް ހަތަރު އަހަރު ދުވަހު ހޯދުމަށްފަހު ޔުވެންޓަސްއިން އޭނާ ވިއްކާލީ ހަތްދިހަ މިލިޔަން ޕައުންޑް ގެ ފައިދާއާ އެކުއެވެ.

ރެއާލްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ރޮނާލްޑޯ. ޖެހިޖެހިގެް ތިން އަހަރު ޗެމްޕިއަންސް ލީގު ޙޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި. ފޮޓޯ؛ މީސް މީޑިޔާ

ދެން އޮތީ ބޮޑު ސުވާލެވެ. އެކުޅުންތެރިންގެ ވިޔަފާރިން ހޯދި ކަހަލަ ފައިދާއެއް ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުމުން ހޯދިދާނެ ކަމަށް އެ ކްލަބުން ގަބޫލު ކުރަނީ ހެއްޔެވެ؟ ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯއަށް ޓްރާންސްފަރ ފީއާއި، މުސާރައާއެކު 370 މިލިއަން ޕައުންޑް ޔުވެންޓަސް އިން ހަރަދުކުރަންޖެހެއެވެ.  މުސާރައަށް އެކަނިވެސް އަހަރަކު 30 މިލިޔަން ޕައުންޑް ރޮނާލްޑޯ އަށް ދޭންޖެހެއެވެ. އެއީ މިވަގުތު ޔުވެންޓަސްގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރި އާޖެންޓީނާގެ ގޮންޒާލޭ ހިގުއެން އަށް ދޭ މުސާރައިގެ ދެގުނައެވެ. މިއީ ނިމުނު ސީޒަންވެސް ދަރަނީގައި ނިންމާލި ކްލަބަކަށް ތަހައްމަލް ކުރެވޭނެ މިންވަރެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދުން ގާތެވެ. އެކަމަކު ހަގީގަތަކަށް ވުން ގާތީ އެއާ ދިމާ އިދިކޮޅެވެ.

ވޭތުވެދިޔަ ހައެއްކަ އަހަރު ދުވަހުގެ ތެރޭގައި ކިތަންމެ ގިނަ ކާމިޔާބީ ތަކެއް ހާސިލްކުރި ނަމަވެސް ޔުވެންޓަސް އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕްރިމިއަރ ލީގާއި، ސްޕެނިޝް ލީގް ފަދަ މަގްބޫލް ލީގަކަށް އިޓާލިއަން ލީގް ނުވުމެވެ. 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ކަމުގައި ވިޔަސް ޔުވެންޓަސް އަދިވެސް އޮތީ މާލީ ގޮތުން ކްލަބްތައް ރޭންކުކުރާ ތާވަލްގެ ދިހަ ވަނައިގައެވެ. މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ބާސެލޯނާ ފަދަ ޓީމްތަކަށް ލިބޭ އާމްދަނީގެ ތިން ބައިކުޅަ ދެބަޔާ އެއްވަރުގެ އާމްދަނީ އެއްވެސް އެ ކްލަބަކަށް ނުލިބެއެވެ. ރޮނާލްޑޯ އެކްލަބަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ހާލަތު ބަދަލުކުރުން ކަމުގައި ބެލެވެއެވެ.

މިހާރުވެސް އޭގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ރޮނާލްޑޯގެ ޓްރާންސްފަރ އާ މެދު ގޮތެއް ނިމުމުގެ މާ ކުރިންވެސް ކްލަބްގެ މާލީ ކަންކަމަށް އެނގުންވިއެވެ. ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކާއެކު މި ވޭދުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ކްލަބްގެ ހިއްސާގެ އަގު މައްޗަށް ޖެހުނެވެ. އަދި ކްލަބް ގެ މާކެޓް ވެލިއު މިދިޔަ ހަފްތާގެ ތެރޭގައި 665 މިލިއަނުން 815 މިލިއަނަށް އަރައިގެން ދިޔައެވެ. އެވަރުން އެކަނިވެސް ރޮނާލްޑޯގެ ޓްރާންސްފަރ ފީ ހަމަޖެއްސެއެވެ.

ދެން އޮތީ ދަނޑު މަތީގައި ރޮނާލްޑޯއަށް ޓީމު ބޭނުންވާ ނަތީޖާ ނެރެވިދާނެތޯ އުފެދޭ ސުވާލެވެ. އުމުރުން 33 އަހަރުވުމުން ކުރީގެ ސްޕީޑް ނުނެރެވޭނެކަން އެންމެންވެސް ގަބޫލުކުރާނެއެވެ. އެކަމަކު މިދައްކަނީ މި ނިމުނު ސީޒަން ގައިވެސް 44 ގޯލް ޖެހި ކުޅުންތެރިއެއްގެ ވާހަކައެވެ. އޭގެ ތެރެއިން ދެ ގޯލަކީ ނިމިގެންދިޔަ ޗެމްޕިއަންސް ލީގްގެ ކްއާޓަރ ފައިނަލްގައި ޔުވެންޓަސް ކޮޅަށް ވައްދާލި ލަނޑުތަކެވެ. އެވެސް އަދި އެ ކްލަބްގެ އަމިއްލަ ދަނޑުގައެވެ. ފަހަރެއްގައި އެ ތަޖުރިބާ އަލުން ކުރަން ޔުވެންޓަސް އިން ބޭނުން ނުވަނީ ކަމަށްވެސް ވެދާނެއެވެ. މިހުރިހާ ކަމެއް މިހެން ހުރުމާއި، އަންނަ ސީޒަނަށް އިތުރު ކުޅުންތެރިން ގެނެސް މިހާރުވެސް ޔުވެންޓަސް ގެ ސްކޮޑް ވަރުގަދަ ކޮށްފައިވާ އިރު ރޮނާލްޑޯއާއެކު ޔުވެންޓަސް ބޭނުންވާ މިސްރާބަށް ނުދެވޭންވީ ސަބަބެއް އޮތް ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ޔުވެންޓަސްގެ މުޅި ތާރީޚްގައިވެސް ދުށް އެންމެ ކާމިޔާބް ކޯޗް އެލެގްރީ އެކަން އަދި މާ ބޮޑަށް ގަބޫލުކުރާ ކަހަލައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *