ކްރޮއޭޝިއާއަށް ވަރުބަލިކަން، އިންގްލެންޑް ކެތްމަދުވެފައި

Advertisement

ކްރޮއޭޝިއާއަށް ވަރުބަލިކަން، އިންގްލެންޑް ކެތްމަދުވެފައި

އަޙްމަދު ޔަޝައު

ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދުމަށް މިރޭ އިންގްލެންޑާއި ކްރޮއޭޝިއާ ނިކުންނައިރު އެންމެ ގިނަ މީހުންގެ މެދުގައި އުފެދޭނެ ސުވާލަކީ 52 އަހަރުފަހުން އިންގްލެންޑަށް ފައިނަލަށް ދަތުރުކުރެވިދާނެތޯއެވެ.

އިންގްލެންޑް ވަނީ 1966 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، ފައިނަލުގައި ވެސްޓް ޖާމަނީ ބަލިކޮށް ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ތަށި އުފުލާލާފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ސެމީފައިނަލަށް ދަތުރުކުރީ ކުއާޓަރ ފައިނަލުގައި ވާދަވެރި ސްވިޑަން 0-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އެހެންކަމުން އިންގްލެންޑުން ތިބީ މިއަހަރުގެ ސެމީގައި ކްރޮއޭޝިއާ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދުމަށް ކެތްމަދުވެފައެވެ. މިރޭގެ މެޗުގައި އިންގްލެންޑްއާ ދެކޮޅަށް ނިކުންނަ ކްރޮއޭޝިއާ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާރގައި ޕެނަލްޓީ ޖަހައިގެން މުބާރާތް ބާއްވާ ޤަޢުމު ރަޝިއާ ބަލިކޮށްފައެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ވަރުގަދަ ބެލްޖިއަމް ބަލިކޮށް ފްރާންސުންވަނީ ރޭ ހޯދާފައެވެ.

ކްރޮއޭޝިއާ

މިރޭގެ މެޗަށް އިންގްލެންޑް ނިކުންނައިރު އެޓީމުގެ އިންޖަރީ އެއްވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް، ކްރޮއޭޝިއާ އަށް އިންޖަރީގެ މައްސަލަތަކާއި، ވަރުބަލިކަމުގެ އަސަރު އެބަހުއްޓެވެ. ޑިފެންޑަރ ވަސާލްކޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މިރޭގެ މެޗުގައި އޭނާ އަށް ނުކުޅެވޭއިރު، އެޓީމުގެ ގޯލްކީޕަރ ޑެނިއަލް ސުބާސިޗް އަށްވެސް ކުޅެވިދާނެކަމާމެދު ސުވާލު އުފެދެއެވެ. ކުއާޓާރ ފައިނަލްގައި ރަޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ނުވަދިހަ މިނެޓު ހަމަވަން ކައިރިވެފައި ވަނިކޮށް އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާގުޅިގެން އެމެޗުގައި ނުކުޅެވިދާނެކަމަށް ހީކުރެވުނު ނަމަވެސް، އޭނާވަނީ އަނިޔާގައިހުރެ އިތުރު ވަގުތުގެ ދެހާފް ކުޅެ ޕެނަލްޓީގައި ކްރޮއޭޝިއާއަށް ކާމިޔާބުވެސް ހޯދާދީފައެވެ.

މިރޭގެ މެޗާއި ބެހޭގޮތުން ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފައިވަނީ، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީގައި ކުޅުނު ހަނދާންތައް އެބަހުރިކަމާއި، އެފަހަރު ޓީމުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކިކަމަށާއި، މިރޭވެސް އެވަރަށް މަސައްކަތްކުރާނެކަމަށް ބުނެފައެވެ.

އިންގްލެންޑްގެ މެނޭޖަރ ގެރެތު ސައުތު ގޭޓް މިރޭގެ މެޗާމެދު ބުނެފައިވަނީ، މުބާރާތް ފެށިއިރު އިންގްލެންޑް ވަރަށް އަވަހަށް ކަޓާނެކަމަށް ގިނަބަޔަކު އުއްމީދުކުރި ނަމަވެސް، އެކަން އެގޮތަށް ނުވެ ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް މިހާރު މިއޮތީ ސެމީގައިކަމާއި، މިހާރު ގިނަބަޔަކު ގަބޫލުކުރާގޮތުގައި އިންގްލެންޑު ތަށި ނަގަންޖެހޭކަމަށް ބުނަމުންދާކަން ފާހަގަކުރިއެވެ.

ދެވަނަބުރުގައި ކޮލަމްބިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗުގައި އިންގްލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

މިރޭގެ މެޗަށް ނިކުންނައިރު އިންގްލެންޑާއި ކްރޮއޭޝިއާ މީގެކުރިން ބޮޑު މުބާރާތެއްގައި ވާދަކޮށްފައިވަނީ 2004 ވަނަ އަހަރުގެ ޔޫރޯގައެވެ. އެފަހަރު 2-4 ގެ ނަތީޖާއަކުން އިންގްލޭންޑް ވަނީ ގްރޫޕް ސްޓޭޖްގައި ކްރޮއޭޝިއާ ބަލިކޮށްފައެވެ. މިރޭގެ މެޗު ވެގެންދާނީ މިދެޓީމުގެ ތާރީހްގައި ބައްދަލުކުރާ 8 ވަނަ ފަހަރަށެވެ. މީގެ ކުރިން 4 ފަހަރު އިންގްލެންޑް މޮޅުވެފަވާއިރު، ކްރޮއޭޝިއާ 2 ފަހަރު މޮޅުވެފައިވެއެވެ. އަދި އެއްފަހަރު އެއްވަރުވެގެން ނިމިފައިވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *