ތަރިންގެ ބެލްޖިއަމަށް ހިތްދަތި ނިމުމެއް

Advertisement

ތަރިންގެ ބެލްޖިއަމަށް ހިތްދަތި ނިމުމެއް

ޢަލީ ޝަހީމް

ވޯލްޑް ކަޕް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ފްރާންސް އަތުން 1-0 އިން ބަލިވެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އައި ބެލްޖިއަމް މުބާރާތުން ކަޓައިފި އެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ބެލްޖިއަމް މިފަހަރު ވޯލްޑް ކަޕާ ކުރިމަތިލި ޓީމަކީ މުބާރާތް ކާމިޔާބު ކޮށްފާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ޓީމެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސެމީ ފައިނަލަށް އައި ހަމައެކަނި ޓީމު ރޭ ފްރާންސް އަތުން ބަލިވި އިރު އެޓީމުގެ ކުޅުންތެރިންނަށް މެޗުގެ އަނބުރާލަން މާބޮޑު ކަމެއް ނުކުރެވުނެވެ.

މެޗުގައި ފްރާންސްގެ ހަމައެކަނި ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރ ސަމިއުލް އުމްޓިޓީ އެވެ. އޭނާ މި ލަނޑު ޖެހީ އެންޓޮއިން ގްރިޒްމަން ނަގައިދިން ކޯނަރެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިއީ ބެލްޖިއަމަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ސެމީ ފައިނަލުގައި ކުޅެފައިވަނީ 1986 ވަނަ އަހަރު އެވެ. އެ އަހަރު އެޓީމު ކެޓީ މެރަޑޯނާގެ އާޖެންޓީނާ އަތުން ބަލިވެގެންނެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑު ކަޕްގައި އެޓީމު ކެޓީ ކުއާޓަރ ފައިނަލުންނެވެ.

ފްރާންސަށް ލިބުނު މޮޅާއެކު އެޓީމަށް ވަނީ 20 އަހަރު ފަހުން ވޯލްޑް ކަޕް ހޯދުމުގެ ފުރުސަތު ތަނަވަސް ވެފައެވެ. އެންމެ ފަހުން އެޓީމުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި ވަނީ 1998 ވަނަ އަހަރު އެވެ.

ފައިނަލުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ފްރާންސް ވާދަކުރަން ޖެހޭނީ މިރޭ ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކްރޮއޭޝިޔާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *