އިމާދު : އެ ފޯރިއާ ޖޯޝް ހަނދާން ނުނެތޭނެ

ވޯލްޑް ކަޕް ބަލާ އުމުރުން ތިރީހަކަށް އަހަރުން މަތީގެ ދިވެހިންނަށް އިމާދު ލަތީފް ވެގެންދާނީ އެ މުބާރާތާ ހުޅުންހުރި ވަރުގަދަ ހަނދާނަކަށެވެ. މިއަދު ބޭރުގެ ޗެނަލްތަކުން މެޗް ބަލައިލުމުގެ ފުރުސަތު ގިނަ ދިވެހިންނަށް ތަނަވަސްވެފައި އޮތަސް މީގެ ވިއްސަކަށް އަހަރުކުރިން އެއީ ގިނަ ބަޔަކަށް ނާދިރު ފުރުސަތެކެވެ. އޭރު ގިނަ ދިވެހިން ވޯލްޑް ކަޕްގެ މެޗްތައް ބަލަމުން އައީ ދައުލަތުގެ ޓީވީ ސްޓޭޝަން މެދުވެރިކޮށެވެ. އިންޓަނެޓާއި މޮބައިލް ފޯނުގެ ތަދުކަން އިންތިހާއަށް އޮތް އޭރު އެ އުނިކަން ފޫބައްދައިދޭން މަސައްކަތްކުރެއްވި އެކަކީ އިމާދެވެ. 1994 އިން ފެށިގެން 2002 ވަނަ އަހަރާއި ހަމައަށް ޓީވީއެމް އިން ގެނެސްދިން ވޯލްޑްކަޕް ޝޯ ތަކުގެ އެއް މޭސްތިރިއަކީވެސް އޭނާ އެވެ.
އޭގެ ފަހުން އައި ކޮންމެ ވޯލްޑް ކަޕަކާއި އަދި ޔޫރޯ ފުޓްބޯޅަ މުބާރާތަކާއެކު ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަށް އެ ހަނދާންތައް އާވެގެންދެއެވެ. ޕްރޮގްރާމް ހުށަހަޅައިދިނުމުގައި އިމާދުއާއި އޭނާގެ ޓީމުން ގެންގުޅުނު ވައްޓަފާޅި ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ. ހުށަހަޅައިދޭ މައުލޫމާތުގެ މުއްސަނދިކަމާއެކު އެ ޕްރޮގްރާމަށް ގިނަ ބައެއްގެ ހިތް ދަމައިގަތެވެ. އެކަމަކު މަންޒަރު މިއަދު މުޅިން ތަފާތެވެ. އިމާދުއާއި އޭނާއާއެކު އޭރު އުޅުނު ޓީމް މިއަދަކު ނުފެނެއެވެ. އޭރު އެ ޓީމުން އެރި ސައިޒުން ބޮޑު ބޫޓަށް މިއަދު އަރައިގެން ތިބީ ޒުވާން ކުދިންނެވެ. އެއް ކަމެއް އަބަދު އެއް ގޮތަކަށް އޮންނަން ނުޖެހޭކަން އިމާދުވެސް ގަބޫލުކުރައްވައެވެ. އެކަމަކު އޭނާ ނެތުމުގެ ފަޅުކަން އިހްސާސްކުރާ މީހުން މިއަދު މަދެއްވެސް ނޫނެވެ.
އިމާދު ގަބޫލުކުރައްވާ ގޮތުގައި އެއީ އޭނާގެ މާޒީ އެވެ. “ތެދުތެދަށް ބުނާނަމަ އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް ވޯލްޑްކަޕްގެ ޝޯތައް ހުށަހެޅުމާ، އެ ޝޯތަކަށް އެރުމާ އެފަދަ ކަންތައްތަކުގައެއް. އެއީ ދެން އަޅުގަނޑުގެ މާޒީގެ ބައެއް. އެކަމަކު ފުޓްބޯޅައަށް މިހާރުވެސް ޝައުގުވެރިކަން ހުންނާތީ އަދި ވޯލްޑް ކަޕަކީ އަޅުގަނޑުމެން އެންމެންނަށް އަންނަ އީދަކަށް ވާތީ އެ އީދުގަ ބައިވެރިވުމުގެ ފޯރި ހުރޭ. އެހެން ނަމަވެސް ކުރީގެ ގޮތަކަށް ކޮންމެހެން ޓީވީތަކަށް އަރާ އެ ސަކަރާތް ޖެހުމުގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތް.”
1993 ވަނަ އަހަރުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން “ހަވީރު” ނޫހުގައި ބޭރު ދުނިޔޭގެ ހަބަރާއި، ކުޅިވަރާއި ގުޅޭ މައުލޫމާތު ގެނެސްދެއްވި އިމާދު ލަތީފް އާންމުން އެންމެ ބޮޑަށް ދަންނަން ފެށީ ޓީވީއެމްގެ ވޯލްޑް ކަޕް ޝޯތަކާ ގުޅުނު ހިސާބުން ފެށިގެންނެވެ. އެއާއެކު އިމާދު ޓީވީ ބެލުންތެރިންގެ ބޮޑު މަގްބޫލްކަމެއް ހޯއްދެވިއެވެ. ވޯލްޑް ކަޕްގެ ޝޯތައް ހުށަހަޅައިދިނުމުގައި އާންމުންގެ އެހާ ބޮޑު މަގްބޫލްކަމެއް އިމާދާއި އޭނާއާއެކު މަސައްކަތްކުރި ޓީމުން ހޯދީ ކިހިނެއް ހެއްޔެވެ؟
“އަޅުގަނޑުމެން މައުލޫމާތު ގެނެސްދޭއިރު ބޮޑަށް ބަލަނީ މީހުންނަށް ނޭނގޭ މަޖާ ހެއްވާ ކަންތައްތައް އޭގެ ތެރޭގަ ހިމަނައިގެން އަދި ކޮންމެހެން މީހުންނަށް، ފުޓްބޯޅަ ފޭނުންނަށް އެނގެން ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ބާވަތުގެ ސައިޑް ސްޓޯރީޒްތައް ގެނެސްދެވޭތޯ، އެހެންވީމަ ކަންނޭނގެ އެ ޝޯތައް ގިނަ ބަޔަކަށް ކަމުދިޔައީވެސް” ވީމީޑިޔާގެ މަސައްކަތްތައް ވިލަރެސް ކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވަމުން އަންނަ އިމާދު ވިދާޅުވިއެވެ.
ވޯލްޑް ކަޕާއި ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކާ ގުޅޭ ޝޯތައް ހުށަހެޅުމުގައި ދިހަ އަހަރު އިމާދު ހޭދަކުރިއިރު ލައްކަ ތަޖްރިބާތައް ކުރެވިފައިވެސް ހުންނާނެއެވެ. އޭގެ ތެރޭގައި ގިނަ ދުވަހަށް ހަނދާނުގައި ހުންނާނެ އެތައްކަމެއް ވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން އިމާދު އެއް ކަމެއް ފާހަގަކުރިއެވެ.
“ބައެއް ފަހަރަށް މެޗް ފަށާފަ ދެން އަނެއްކާ ފުރަތަމަ ހާފް ނިންމާފަ އިންޓަވަލް ގަޑީގަ އަރަން ޖެހޭއިރު ކޮންމެވެސް ކަހަލަ ތާއްޓެއްވެގެން ފުރަތަމަ ހާފް ނުފެނި ފުރަތަމަ ހާފާއި ބެހޭގޮތުން އިންޓަވަލް ގަޑީގަ ވާހަކަ ދައްކަން ޖެހިފަ އެބަހުރި އިނގޭތޯ. އެކަމަކު ދުވަހަކުވެސް މެޗް ނުބަލާ ކަމަށް މިވާހަކަ ދައްކަނީ އެއްވެސް ބަޔަކަށް އިހްސާސެއް ވާގޮތަކަށް ނޫން އަޅުގަނޑުމެން ގެންދިޔައީކީއެއް” ބައެއް މިސާލުތަކާއެކު އޭނާ ކިޔައިދެއްވިއެވެ.
އެތައް ހަނދާންތަކާއެކު އިމާދުގެ އެ ތާރީޚީ ސޮފްހާތައް ލައްޕާލިތާ މިހާރު ސާދަ ވަރަކަށް އަހަރު ވީއެވެ. 2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފަހުން ޓީވީއެމްގެ އެފަދަ ޝޯއަކުން ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވީޓީވީ އިން ގެނެސްދިން އިރުއާއި، 2016 ވަނަ އަހަރު އެ މުބާރާތް ރާއްޖެ ޓީވީ އިން ގެނެސްދިންއިރު މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މިހާ ހިސާބުން އިމާދުއާ “ފަހުމިނެޓް” ގެ ފަރާތުން ކުރިމަތިކުރުވި ސުވާލަކީ އެ ދުވަސްތައް މިހާރު މިސްވޭ ހެއްޔެވެ؟
“ކޮންމެ މީހެއްގެވެސް ޒުވާން ދުވަސްވަރު މިސްވާނެ، ކުރެވިފަ ހުރި ތަޖްރިބާތައް މިސްވާނެ، ކުރީގެ ރައްޓެހިންނާއި ރަހްމަތްތެރިންގެ ފަރާތުން ލިބިފައޮތް އެކުވެރިކަން މިސްވާނެ. އެކަމު ވޯލްޑް ކަޕް ޝޯކަހަލަ ޝޯއަކަށް ނޭރިގެން އެއެއް މިސް އެއް ނުވޭ. އެހެން ނަމަވެސް އެ ފޯރި އެ ޝައުގުވެރިކަން އޭރު ކަންކަން ހިނގަމުން އައި ގޮތް މިސްވެއޭ ދަންނަވައިފިއްޔާ ކަންނޭގެ އެންމެ ރަގަޅު ވާނީ” އިމާދު މަސައްކަތްކުރައްވަމުން އަންނަ ވީޓީވީގެ އޮފީހުގައި އިންނަވައިގެން “ފަހުމިނެޓް” އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ވިދާޅުވިއެވެ.
ވޯލްޑް ކަޕް ފަދަ ކުޅިވަރު ގެ ބޮޑެތި އިވެންޓްތައް ކަވަރ ކުރާ ޝޯތައް ހުށަހަޅައިދޭ ޒުވާން ފަންނާނުންނަށް އިމާދުގެ ތަޖްރިބާއާ ނަސޭހަތް މުހިއްމު ވާނެކަން ޔަގީނެވެ. އެ ފަރާތްތަކަށް އޮތް މެސެޖް އޭނާ ވަރަށް ތަފްސީލް ކޮށް “ފަހުމިނެޓް” އާ ހިއްސާކުރެއްވިއެވެ.
“ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް ކުރާށޭ އެކަމެއް ރަގަޅަށް އެނގި ތިބެގެން. ތިމާ މިކިޔާ އެއްޗެއް ތިމާއަށް އިހްސާސްވެ ތިބެގެން. ބޯޅައިގެ ވާހަކައޭ މިދައްކަނީ. ގައުމު ތަކުގެ ވާހަކައޭ މި ދައްކަނީ. އެހެންވެއްޖިއްޔާ ހަމަ އެކަނި ގައުމުގެ ނަން އެކަންޏެއް ނޫނޭ ކިޔަންވާނީއެއް. ޕެނަމާގެ ވާހަކަ ދައްކަންޏާ ޕެނަމާ އެނގިތިބެގެންނޭ ވާހަކަ ދައްކަންވާނީ، ކޮންމެހެން ބޯޅަ އެކަންޏެއް ނޫން އެތާނގެ އިކޮނޮމީވެސް އެތާނގެ ޕޮލިޓިކްސްވެސް އެތާނގެ ހިސްޓްރީވެސް އެތާނގެ ޖޯގްރަފީވެސް ހުރިހާ އެއްޗެއްވެސް އެބަ އެނގެންޖެހެއޭ. މިހުރިހާ އެއްޗެއް އިހްސާސާއެކު ކިޔައިދެވޭނީ އެގައުމެއް ރަގަޅަށް އެނގިގެން” ދާއިރާއިން ކުރިއަށް ދިޔުމުގެ އަޒުމުގައި ތިބި ޒުވާނުންނަށް އޮތީ މި ނަސޭހަތުގައި ހިފައިގެން މަސައްކަތްކުރުމެވެ.
Advertisement


Leave a Reply