މެޗު އެއްވަރުވާން ދަނިކޮށް ދަގަނޑޭ، ޓީސީ ސަލާމަތްކޮށްދީފި

Advertisement

މެޗު އެއްވަރުވާން ދަނިކޮށް ދަގަނޑޭ، ޓީސީ ސަލާމަތްކޮށްދީފި

ޢަލީ ޝަހީމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ކްލަބް އީގަލްސް ކުޅުނު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކޮށްދިން ލަނޑުން 1-0 އިން މޮޅުވެ ޓޭބަލްގެ އެއްވަނައަށް ޓީސީ ޖެހިލައިފި އެވެ.

ކުޅުނު ތިންމެޗުންވެސް މޮޅުވެ ޓީސީއަށް އެއްވަނަ ލިބެނީ 9 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ނިއު ރޭޑިއަންޓް ހަތް ޕޮއިންޓާއެކު އޮތް އިރު ތިންވަނައިގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާ ގްރީން ސްޓްރީޓްސް އެވެ. ނިއަށް ދެވަނަ ލިބެނީ ފައިދާ ލަނޑުން ކުރި ލިބިގެންނެވެ. މިއަދު ބައްޔާއެކު އީގަލްސް އޮތީ މިހާތަނަށް ލިބުނު ދެ ޕޮއިންޓާއެކު ހަވަނައިގައެވެ.

މިއަދުގެ މެޗު ފެށިގެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ޓީސީންނެވެ. ޓީސީގެ ކުރިއަށް ކުޅޭ ކުޅުންތެރިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. ޓީސީއަށް ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. ވާތް ފަޅިން ސާމިރު ނަގައިދިން ހުރަސް އިއްބެ ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. މި ހާފުގައި ޓީސީ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޢަބްދުﷲ ހަނީފް (ބެންޖޯ) އަށް އަނިޔާވެގެން ބާލަން ޖެހުމެވެ. ބެންޖޯގެ ބަދަލުގައި ޓީމުގެ ފަހަތް ބަލަހައްޓަން އެރީ ޒުވާން ކުޅުންތެރިޔާ މުހައްމަދު އަޖުފާން އެވެ. ފުރަތަމަ ހާފުގައި އީގަލްސް އަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު ގޯލާ އަމާޒުކޮށް މާގިނަ ހަމަލާ ތަކެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގެ ތެރޭގައި ޓީސީގެ މުހައްމަދު އައްޒާމު ވަނީ ލަނޑެއް ޖަހާފައެވެ. ދަގަނޑޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އައްޒާމު ލަނޑު ޖެހިއިރު ހުރީ އޮފްސައިޑުގައި ކަމަށްބުނެ ރެފްރީ އެ ލަނޑު ގަބޫލުކޮށްފައެއް ނުވެއެވެ. އޭގެފަހުން ދަގަނޑޭއަށް ލިބުނު ފުރުސަތެއްގައިވެސް ގޯލަށް ޖެހި ބޯޅަ ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ދެވަނަ ހާފުގައި ޓީސީން ވަނީ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާއެވެ.

މެޗުގައި ޓީސީ އަށް މޮޅުވި ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގެވެ. އަޝްފާގަށް ލިބުނު ބޯޅަ މަތީގައި އޮއްވައި ކޮންޓްރޯލް ކުރުމަށްފަހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މި ލަނޑަށްފަހު އީގަލްސް އިން ވަނީ ކުރިއަށް ޖެހި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އީގަލްސް އިން ފޮނުވާލި ހަމަލާތައް ޓީސީގެ ކީޕަރު ކިރަން ޝެމްޝޮން ވަނީ މަތަކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ލަނޑު ޖަހައިދިން ދަގަނޑޭއަށެވެ. ލީގުގެ މެޗެއް މިރޭވެސް ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *