ފްރާންސާއި ބެލްޖިއަމް ބޮޑު މެޗަކަށް

Advertisement

ފްރާންސާއި ބެލްޖިއަމް ބޮޑު މެޗަކަށް

އަޙްމަދު ޔަޝައު

ފީފާ ވޯލްޑް ކަޕް 2018 ގެ ސެމީފައިނަލުގައި މިރޭ ފްރާންސް އާއި ދެކޮޅަށް ބެލްޖިއަމް ނުކުންނައިރު މި މެޗަކީ މިފަހަރުގެ ވޯލްޑްކަޕްގައި ފެނިގެންދާނެ އެންމެ ވަރުގަދަ އެއްމެޗަށް ވެގެންދާނެއެވެ.

މިރޭގެ މެޗުން ބްލެޖިއަމް މޮޅުވެއްޖެނަމަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް އެޓީމަށް ޖާގަލިބިގެން ދާނެއެވެ. ވޯލްޑް ކަޕް މުބާރާތެއްގެ އެންމެ ދުރަށް އެޓީމު މީގެ ކުރިން ދަތުރުކޮށްފައިވަނީވެސް ސެމީ ފައިނަލާ ހަމައަށެވެ. އެއީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގައެވެ. އެފަހަރު އާޖެންޓީނާ އަތުން 0-2 އިން ބަލިވެ މުބާރާތުން ކެޓީއެވެ. އޭގެ ފަހުން، އެޓީމަށް އެންމެ ދުރަށް ދަތުރު ކުރެވުނީ ނިމިގެންދިޔަ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގެ ކުއާރޓާފައިނަލާ ހަމައަށެވެ. އެފަހަރުވެސް އެޓީމު ކެޓީ އާޖެންޓީނާ އަތުންނެވެ. ވޯލްޑް ކަޕް ފައިނަލުން މީގެ ކުރިން އަލަށްވެސް ބެލްޖިއަމް އަށް ޖާގަލިބިފައިނުވިނަމަވެސް އެޓީމުވަނީ 1980 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެވެ. އެފަހަރު ވެސްޓް ޖާމަނީ އަތުން ބަލިވެ ތަށިގެއްލުނެވެ.

Advertisement

އެހެންނަމަވެސް މިރޭ ބެލްޖިއަމް ފްރާންސް އާއި ދެކޮޅަށް ނިކުންނަނީ ވޯލްޑް ކަޕް މުބާރާތެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދުމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރާއެކުގައެވެ. ކުއާރޓަރ ފައިނަލުގައި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަބަޔަކު ޤަބޫލުކުރި ވަރުގަދަ ބްރެޒިލްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ސެމީގައި އަނެއްކޮޅުން ވާދަކުރާ ފްރާންސް ޖާގަހޯދީ ކުއާރޓާގައި އުރުގުއޭގެ މައްޗަށް 0-2 އިން ކުރިހޯދައިގެންނެވެ.

ފްރާންސް ޓީމް

ބެލްޖިއަމް ޓީމުގައި ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅޭ މޮޅެތި ކުޅުންތެރިން ތިބިނަމަވެސް މިރޭގެ މެޗަކީ އެހާ ފަސޭހަ މެޗަކަށް ވެގެން ހިނގައިދާނެކަމަށް ގިނަބަޔަކު ގަބޫލެއް ނުކުރާނެއެވެ. ފްރާންސް ޓީމަށް ބަލާލާއިރު، އެޓީމުގައިވެސް ހުނަރުވެރި ޒުވާން މޮޅެތި ކުޅުންތެރިން އެބަތިއްބެވެ. އަދި މި ކުޅުންތެރިންގެ ފަރާތުން އަންނަނީ މޮޅު ކުޅުމެއް ފެންނަމުންނެވެ. ޙާއްޞަކޮށް ފްރާންސްގެ ޕީ.އެސް.ޖީ އަށް ކުޅޭ ކިލިއަން އެމްބާޕޭ ލޮޓިން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި މެޗަކީ ރޮމެލޫ ލުކަކޫ އާއި އެންޓޮން ގްރީޒްމަންގެ ކުރިމަތުލުމެއް ކަމަށް ގިނަބަޔަކު ޤަބޫލުކުރާއިރު، އަނެއްބަޔަކު ބުނަމުންދަނީ މިރޭގެ މެޗަކީ ޕޯލް ޕޮގްބާ އާއި ކެވިން ޑިބްރައިނާގެ ކުރިމަތިލުމެކެވެ.

ފްރާންސް މިރޭގެ މެޗަށް ނިކުންނައިރު އެޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުއާޓާ ފައިނަލަށް ކާޑު ހަމަވެގެން ސަސްޕެންޑްވި ބްލެއިސް މަޓުއީޑީ އަލުން ޓީމާ ގުޅުމެވެ. އަދި ވޯލްޑްކަޕް މުބާރާތުގައި ބެލްޖިއަމްގެ މައްޗަށް މީގެކުރިން ދެ ފަހަރެއްގައި ކުރި ހޯދިފައި އޮތުމެވެ. ބެލްޖިއަމް އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފްރާންސްއާ ދެކޮޅަށް އެންމެފަހުން ކުޅުނު ރަހުމަތްތެރިކަމުގެ ތިން މެޗުންކުރެ އެއްވެސް މެޗަކުން ބަލިނުވެ އޮތުމެވެ. ދެމެޗުން މޮޅުވެ އެއްމެޗު އެއްވަރުވުމުވެ. އަދި އެޓީމަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ އެޓީމުގެ ޑިފެންޑަރު ތޯމަސް މުނިއޭ ސަސްޕެންޑް ވުމެވެ.

ފްރާންސްގެ ދެ ފޯވާޑުން ކަމަށްވާ އެމްބާޕޭ (ކ) އާއި ގްރީޒްމަން (ވ)

މިރޭގެ މެޗު ވެގެންދާނީ މިދެޓީމު ބައްދަލުކުރާ 74 ވަނަ މެޗަށެވެ. 30 ފަހަރު ބެލްޖިއަމް ކުރި ހޯދާފައިވާއިރު 24 ފަހަރު ފްރާންސް ކުރި ހޯދާފައިވެއެވެ. އަދި 19 މެޗު އެއްވަރުވެގެން ނިމިގެން ގޮސްފައިވެއެވެ.

މިހުރިހާކަމެއްގެ އިތުރުން މިމެޗަކީ ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މިހާރުހުރި ފްރާންސް އަދި އާސެނަލްގެ ލެޖެންޑް ތިއަރީ އޮންރީއަށް ވަރަށް ޙާއްޞަވެގެންދާނޭ މެޗެކަށް ވުމެވެ. 1998 ގެ ވޯލްޑް ކަޕާއި، 2000 ވަނަ އަހަރުގެ ޔޫރޯ އާއި، 2003 ވަނަ އަހަރު ކޮންފެޑެރޭޝަން ކަޕް ފްރާންސް އަށް ކާމިޔާބުކޮށްދިނުމުގައި މުޙިއްމު ދައުރެއް އަދާކުރި އޮންރީއަށް މިރޭގެ މެޗަކީ ތަފާތު އިހުސާސްތަކުން ފުރިގެންދާނޭ މެޗެކެވެ. އުފަން އަމިއްލަ ޤައުމާ ދެކޮޅަށް އިރުޝާދު ދިނުމަކީ އުނދަގޫ ކަމަކަށް ވިޔަސް މިރޭ އޮންރީއަށް އެނޫންގޮތެއް ނެތެވެ.

ފްރާންސްގެ ލެޖެންޑް ތިއަރީ އޮންރީ

ކޮންމެއަކަސް މިރޭގެ މެޗަކީ މިފަހަރުގެ ވޯލްޑްކަޕްގައި އެންމެ ގިނަބަޔަކު ބަލާނޭ އެއްމެޗަށް ވެގެންދާނެކަމީ ޝައްކެތްއޮތް ކަމެއްނޫނެވެ.

މިމެޗު ރާއްޖޭގަޑިން މިރޭ 11:00 ގައި ފަށާއިރު، ދެވަނަ ސެމީގައި މާދަމާރޭ އިންގްލެންޑް ނިކުންނާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *