އޮންރީ : ބަތޮލެއްގެ ގޮތުގައި ހުރެ މިރޭ ގައުމާ ދެކޮޅަށް
ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ ބެލްޖިއަމް އާއި ފްރާންސް ކުޅޭ މެޗް ފެށުމުގެ ކުރިން ފްރާންސްގެ ޤައުމީ ސަލާން ކުޅެވޭއިރު އެޓީމުގެ ކުރީގެ ތަރި އަދި ފުޓްބޯޅަ ލެޖެންޑް ތިއެރީ އޮންރީއަށް ކުރެވޭނީ ކޮންކަހަލަ އިޙުސާސެއްތޯ މިއީ ގިނަ ބައެއްގެ ހިތުގައި މިވަގުތު އުފެދޭނެ އެއް ސުވާލެވެ. ފްރާންސްގެ ބެންޗާއި ދާދި ގާތުގައި އެވަގުތު އޮންރީ ހުންނާނީ އަމިއްލަ ގައުމާއި ދެކޮޅަށް ނުކުންނަ ބެލްޖިއަމް ޓީމްގެ ބެންޗުގައެވެ. ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓިނޭޒްގެ އެހީތެރިއެއްގެ ގޮތުގައެވެ.
އޮންރީގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ފުރާންސް ބަލިވުމަށް އޭނާ މިރޭ އުއްމީދު ކުރާނެއެވެ. ހަމަގައިމުވެސް ވަޒީފާގެ ހައިސިއްޔަތުން އޮންރީ ބޭނުންވާނީ އެގޮތެވެ. ފުރާންސްގެ ގައުމީ ޓީމަށް 123 މެޗް ކުޅެދީ 51 ގޯލް ޖަހައި، ވޯލްޑްކަޕާއި ޔޫރޯ އެގައުމަށް ކާމިޔާބު ކޮށްދީފައިވާ މި ކުޅުންތެރިޔާއަކީ ފްރާންސާއި ދުނިޔޭގެ އެތައް ބައެއްގެ ހީޜޯއެކެވެ.
އެވަރުގެ ފަހުރެއް ގައުމަށް ހޯދައިދީފައިވާ އެތްލީޓަކު އަމިއްލަ ގައުމާއި ދެކޮޅަށް ނުކުންނަން ޖެހުމަކީ ހަމަގައިމުވެސް އާދައިގެ ކަމަކަށް ނުވާނެއެވެ. ވޭތުވެދިޔަ ދެއަހަރު އޮންރީގެ މައިގަނޑު މަސައްކަތަކަށްވީ ބެލްޖިއަމް ޓީމުގެ ފޯވާޑުން ތަމްރީނު ކުރުމެވެ. ބެލްޖިއަމްގެ ކިޓްގައި މިރޭ އޮންރީ ހުންނަތަން ފެނުމަކީ ފްރާންސްގެ އެކަކަށްވެސް ޤަބޫލުކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއަށްވުރެވެސް ގަބޫލުކުރަން ދަތިވާނީ މިރޭ ފްރާންސް ބަލިވާން އޮންރީ އުއްމީދުކުރާނެތީއެވެ.
“އޮންރީ އިދިކޮޅު ޓީމުގެ ބެންޗުން ފެނުމަކީ ވަރަށް ގަބޫލުކުރަން ދަތިކަމެއް. ހުދު އޮންރީއަށްވެސް އެކަން ވާނީ ވަރަށް ބޮޑުކަމަކަށް” ފްރާންސް ޓީމުގެ ކޯޗް ޑިޑިއޭ ޑިޝޯމްޕްސް އެގައުމުގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ފްރާންސްގެ ފޯވާޑް އޮލިވަރ ޖިރޫޑް ބުނަނީ އޮންރީ އެހުރީ ނުބައިފަޅީގައި ކަމަށެވެ. އަދި އެކަން އޮންރީއަށްވާނީ އާދަޔާ ހިލާފުކަމެއްކަމަކަށެވެ.
އޮންރީ އާއެކު ފްރާންސްގެ ގައުމީ ޓީމަށް އަދި އިޓަލީގެ ޔުވެންޓަސް އަށް ކުޅުނު ޑިޝޯމްޕްސް މީގެ ވިހި އަހަރު ކުރިން ގައުމީޓީމްގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ އުފުލާލި ތަށި ކޯޗެއްގެ ގޮތުގައި ހުރެ އުފުލާލުމަށް ކުރަމުން އަންނަ އުއްމީދަށް ހުރަސް އަޅަން މިރޭ ހުންނާނެ އެކަކީވެސް އޭނާ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މިދެމީހުން އެކުގައި ކުޅުނު އެއްވެސް މެޗަކުން ފުރާންސްގެ ޤައުމީ ޓީމު ބަލިވެފައި ނުވާކަމެވެ. ކުޅުންތެރިންގެ ގޮތުގައި އެކުގައި ކުޅުނު 21 މެޗް ގެތެރެއިން 16 މެޗުން މޮޅުވިއިރު 5 މެޗް ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ލެޖެންޑުން އެކުގައިވަނީ 1998 ގެ ވޯލްޑްކަޕާއި 2000 ވަނައަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ.
ޑިޝޯމްޕްސް އާއި ޖިރޫޑްގެ ހިޔާލާއި އާސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގަރ ދެކޭ ގޮތް މުޅިން ތަފާތެވެ. “މިއީ އޮންރީއަށް މާބޮޑު ޕްރެޝަރެއްނެތި ދަސްކޮށް ތަޖުރިބާ ހޯދަން ލިބިފައި އޮތް ފުރުސަތެއް” ފްރާންސަށް އުފަން ވެންގަރ ބުންޏެވެ.
ކޮންމެއަކަސް މިރޭ ފްރާންސްއާ ދެކޮޅަށް އޮންރީ ނުކުންނައިރު އަމިއްލަ ގައުމުގެ ރައްޔިތުން އޭނާއަށް އަމާޒުކުރާނެ އެތައް ސުވާލެއް ހުންނާނެ ކަމަށް ބެލެވެއެވެ. ބޭނުންނަމަ ބެލްޖިއަމްގެ ބެންޗްގެ ބަދަލުގައި ފްރާންސްގެ ބެންޗްގައިވެސް އިނދެވުނީސް ނޫންހެއްޔެވެ؟ އޭނާގެ އުކުޅުތަކާއި ތަޖުރިބާތައް ހަޒާޑާއި ޑިބުރޭނާ އަދި ލުކާކޫއަށް ކިޔައި ދިނުމުގެ ބަދަލުގައި އެމްބާޕޭއާއި ގްރީންޒްމަން އަދި ޕޮގްބާއަށް ކިޔައިދެވުނީސް ނޫންހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބުގައި އޮންރީ ބުނަނީ އޭނާ ފްރާންސްގެ މައްޗަށް ބެލްޖިއަމް އިހުތިޔާރު ނުކުރާކަމަށެވެ. ތަކުރާރުކޮށް އޮންރީ ބުނަނީ ފްރާންސުން އޭނާއަށް އެއްވެސް ހުށަހެޅުމެއް ނާންނަކަމަށެވެ.
ވޭތުވެދިޔަ ވިއްސަކަށްއަހަރު އޮންރީ ގެ ދިރިއުޅުން ބިނާވެފައި އޮތީ ލަންޑަނުގައެވެ. އަދި ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނާއި އޭނާއާއި މާބޮޑު ގުޅުމެއްނެތެވެ. އެހެންކަމުން މިވަގުތު އޮންރީގެ ހުރިހާ ސަމާލުކަމެއް ހުރީ ބެލްޖިއަމަށް ކާމިޔާބު ހޯދައިދިނުމަށެވެ. މިރޭ ފްރާންސް ބަލިކޮށް ވޯލްޑްކަޕް ފައިނަލުން ޖާގައެއް ހޯދައިދިނުމަށެވެ. ކުރިޔަށް ކަންތައްވާނެގޮތް ބުނާކަށް އެކަކަށްވެސް ނޭނެގޭނެއެވެ. ފަހަރެއްގައި ހަތަރު އަހަރު ފަހުން ޤަތަރުގައި ފްރާންސްޓީމުގެ ބެންޗްގެ އެންމެމުހިއްމު ގޮނޑީގައި އޮންރީ އިންނަތަން ފެނުމަކީވެސް ހަމަ ވެދާނެކަމަކެވެ.
Advertisement
Leave a Reply