އަސްލު ސަޕޯޓަރުންނަކީ މިއީ !
ދުއިސައްތަ ހަމަނުވިޔަސް އެތައް ހާހަކަށް ހައިރާންކަން
މި ހިތްވަރު ނެރެނީ ކިހިނެއް؟ އަޖައިބެއް!
އެރަށުގެ އާބާދީއަކީ ތިންސަތޭކައެވެ. އެކަމު އެރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ދުއިސައްތައަށްވެސް ނާރައެވެ. އޭގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ރަށް އޮތީ މާލެއާ ފަންސާހަކަށް މޭލު ދުރުގައެވެ. ރަށާއި މާލެއާ ދޭތެރޭ އޮތީ ރާއްޖޭގެ އެންމެ ގަދަ އެއް ކަނޑެވެ. ލޯންޗެއްގައި ނަމަ މަދުވެގެން ނުވަދިހަ މިނެޓްގެ ދަތުރެއް އެކަނޑު ހުރަސްކޮށް މާލެއަށް ކުރަންޖެހެއެވެ. އެކަމަކު ދިވެހި ޕްރިމިއަރ ލީގަށް މުޅިން އަލަށް މިއަހަރު ކޮލިފައިވި އެރަށުގެ ސަޕޯޓަރުން ދައްކަމުން އަންނަނީ އެ ހުރިހާ ކަމެއް ނަފީ ކުރުވާވަރުގެ ތަފާތެކެވެ. މިއީ ބ. އަތޮޅު ފެހެންދޫގެ ސަޕޯޓަރުންގެ ވާހަކައެވެ.
މިހާރު މާލޭގައި ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ފެހެންދޫގެ އިތުރުން އިތުރު ތިން ރަށަކުންވެސް ބައިވެރިވެއެވެ. އެއީ ފެހެންދޫއަށް ވުރެ އާބާދީ އެތައް ގުނައެއް ބޮޑު ރަށްރަށެވެ. އެކަމަކު ފެހެންދޫއިން ދައްކަނީ އެ މީހުންގެ އާބާދީއާ ނުބައްދަލު ހިތްވަރެކެވެ. ޓީމް ކުޅޭއިރު އިއްވަނީ އާދަޔާ ހިލާފް ސަޕޯޓެކެވެ. ދަނޑަށް ވަންނަ އެރަށުގެ ސަޕޯޓަރުންގެ އަދަދު ކިތަންމެ މަދަސް މެޗް ފެށުނީއްސުރެ ނިމެންދެން އެމީހުން އެއް ވާނެއްގައި ހިފަހައްޓައެވެ. އަޑު ހިނދުކޮޅަކަށްވެސް ކެނޑުނަ ނުދެއެވެ. ސަޕޯޓްކުރުމުގެ އެތައް ވައްޓަފާޅިއެއް އެމީހުން ދައްކައެވެ. ޓީމު ބަލިވަމުން އަޔަސް އެމީހުން މާޔޫސެއް ނުވެއެވެ. ފެހެންދޫގެ ސަޕޯޓަރުން ތަފާތީ އެހެންވެއެވެ. އެކަމަކު އެއީ އަޖައިބު ނުވާވަރުގެ ކަމެއްވެސް ނޫނެވެ. އެ ހިތްވަރު އެމީހުން ނެރެނީ ކިހިނެއް ހެއްޔެވެ؟
ފެހެންދޫ ޓީމު ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވީ ދިގު ރާސްތާއެއް ކަޑައްތު ކުރުމަށްފަހުއެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ތަށި 2016 ވަނަ އަހަރު ހޯދި އޭދަފުށި ގެ މައްޗަށް އަތޮޅު މުބާރާތުގައި ކުރި ހޯދުމަށްފަހު ފެހެންދޫއިން އަމާޒު ހިފީ ސީދާ “ގަލޮޅަ”ށެވެ. މި އަމާޒަށް ވާސިލްވުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެއް ބަޔަކީ ޓީމުގެ ސަޕޯޓަރުންނެވެ. އަތޮޅު މުބާރާތުގެ މެޗްތައް އޭދަފުށީގައި ކުޅުނު އިރު ޓީމަށް ސަޕޯޓްދޭން މުޅި ރަށް ހެން އޮތީ އޭދަފުށީ ގައެވެ. ޒޯން މުބާރާތް ޅ. ނައިފަރުގައި އޮތް އިރު ޓީމަށް ހިތްވަރު ދޭން ދިޔަ ސަޕޯޓަރުންގެ އަދަދު މަދެއް ނޫނެވެ. ފައިނަލްބުރު ށ. ފޯކައިދޫގައި ކުޅެން ޖެހުމުން އެރަށަށް ދާނެ ގޮތަކާއިމެދު ސަޕޯޓަރުން ތިބީ ފިކުރު ކޮށްކޮށެވެ. ދަތުރުގެ ދިގުކަމާއި، ކުރަންޖެހޭ ހަރަދުގެ ބޮޑުކަމުން ފައިނަލް ބުރުގައި ފެހެންދޫ އިން ކުޅުނު ފުރަތަމަ މެޗަށް ޓީމުގެ ސަޕޯޓަރުން ފޯކައިދޫއަކަށް ނުދެއެވެ. އެހެންވެގެން ނޫން ކަމެއްވެސް ނޭނގެއެވެ. ފުރަތަމަ މެޗްގައި ފޯކައިދޫއަތުން ފެހެންދޫ ވީ ބައްޔެވެ.
ޓީމުގެ ސަޕޯޓަރުން ދެވަނަ ވިސްނުމަކަށް ދިޔައީ އެ ހިސާބުންނެވެ. އެއާއެކު ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވެސް ޓީމަށް ސަޕޯޓްކުރަން ދާން ފެހެންދޫގެ ސަޕޯޓަރުން އަޒުމް ކަނޑައެޅިއެވެ. ދަތުރަށް ޚަރަދު ކުރުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ރަށުގެ އަންހެންވެރިން ނުކުތެވެ. ފެހެންދޫ ގަޔާއި އެރަށާއި އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދޫ އަށާއި، ފުޅަދޫއަށް ގޮސް ބުރަ މަސައްކަތްކޮށްގެން ރަގަޅު އާމްދަނީ އެއް ހޯދިއެވެ. އެއާއެކު ފައިނަލް ބުރުގައި ފެހެންދޫއިން ކުޅުނު ހުރިހާ މެޗަކަށް ސަޕޯޓަރުން ފޯކައިދޫއަށް ދިޔައެވެ. އެންމެ ފަހުން ގަލޮޅު ދަނޑުގައި ރަށު ޓީމް ކުޅޭތަން ބަލަން އެމީހުން ކުރި އުއްމީދު ހަގީގަތަކަށް ވެސް ހެދީއެވެ.
ދިވެހި ޕްރިމިއަރ ލީގް ގައި މިހާތަނަށް ފެހެންދޫ އިން ކުޅުނު ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ފުރަތަމަ މެޗުގައި ވިކްޓަރީ އާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށްގެން ހޯދި ޕޮއިންޓެވެ. ކަން މިހެން އޮތަސް ފެހެންދޫގެ ސަޕޯޓަރުން ދެކޭގޮތުގައި ބޮޑެތި ޓީމްތަކާއި ދެކޮޅަށް ރާއްޖޭގެ އެންމެ ޝަރަފްވެރި ލީގުގައި ވާދަކޮށްލަން ފުރުސަތު ލިބުމަކީވެސް ފަޚްރެކެވެ. އެމީހުން ދަނޑަށް ވަދެ އެކުރާ ސަޕޯޓުން އެކަނިވެސް އެކަން ހާމަވެއެވެ. ރެފްރީގެ އެންމެ ފަހު ކަށިގަނޑާއި ހަމައަށް ސަޕޯޓަރުން އެދައްކާ މަންޒަރު ބަލާލަން ޝައުގުވެރިއެވެ. ” ވަކި ގޮތަކަށް ސަޕޯރޓްކުރާކަށް ކުރިން ރާވައިފައެއް ނޯވޭ، ހަމަ ކިރިޔާވެސް އަޑު މަޑުވެލާހެން ހީވާއިރަށް ބާރުކޮށްލަން ބުނީމަ ކޮންމެވެސް އެއް ކުއްޖަކު ފަށާނެ. އެހިސާބުން އަނެއްކާވެސް އެ ދިޔައީ ކުރިއަށް” އެއްވާނެއްގައި ސަޕޯޓަރުންގެ އަޑު ހިފަހައްޓަން ކުރާ މަސައްކަތާ ގުޅޭގޮތުން ސަޕޯޓަރުން ލީޑްކުރުމުގައި ހަރަކާތްތެރިވާ ފާތިމަތު ޟަރީފާ ބުންޏެވެ.
ފެހެންދޫ ސަޕޯޓަރުންގެ އެހެން އަމާޒެއްވެސް އެބައޮތެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ގަލޮޅު ދަނޑުން ފެނުނު ފޯރި މިއަދު ނުފެނުމަކީ އެމީހުންގެވެސް އޮތް ކަންބޮޑުވުމެކެވެ. ޓީމަކަށް ސަޕޯޓަރުންނަކީ ކިހާ މުހިއްމު ބައެއް ކަން އެމީހުން ދައްކަން ބޭނުންވެއެވެ. “ހަގީގަތުގައި ގަލޮޅު ދަނޑަށް އާދެވުނީމަ އަޅުގަނޑުމެން އަޒުމެއް ކަނޑައެޅިން، އަޅުގަނޑު ދަންނަވާނީ ހާއްސަކޮށް މާލޭގަ ކުޅޭ މުބާރާތްތަކުގަ ސަޕޯޓަރުންނެއް ނުފެނޭ އަސްލު. އެހެންވީމަ އަޅުގަނޑުމެން ބޭނުންވީ ޓީމްތަކަށް ސަޕޯޓް ބޭނުންވާކަން ދައްކަދޭން، އަދި ސަޕޯޓް ކުރާނެ ސްޓައިލެއް އަޅުގަނޑުމެން ދައްކައިދޭން ބޭނުންވީ.” ފެހެންދޫ ޓީމް ގެ މެނޭޖަރު އަދި އެރަށު ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވިއެވެ. މިވާހަކައަށް އެއްކަމެއް ޝަރީފާ އިތުރުކޮށްލިއެވެ. ” އަޅުގަނޑުމެންގެ އުއްމީދަކީ ނިއުރޭޑިއަންޓް ވިޔަސް އަދި ވިކްޓަރީ ވިޔަސް ކޮންމެ ޓީމެއްގެ ސަޕޯޓަރެއް ވިޔަސް އަހަރުމެން މި ސަޕޯޓްކުރާތަން ފެނި އެއިން ހިތްވަރު ލިބިގެން ދަނޑަށް ވަދެ އެބަޔެއްގެ ޓީމަށް ސަޕޯޓްކުރާތަން ފެނުން.”
ގޮންޖެހުންތައް ހުއްޓަސް ފެހެންދޫގެ ސަޕޯޓަރުން ތިބީ ގަލޮޅު ދަނޑުގައި ޓީމް ކުޅޭ ކޮންމެ މެޗަކަށްވެސް މާލެ އަންނަން ތައްޔާރަށެވެ. ފެހެންދޫ ޓީމު ކޮންމެ ތަނެއްގައި ކުޅުނަސް ސަޕޯޓަރުން އެތަނެއްގައި ތިބުން ފެހެންދޫއިން ވަނީ ސަގާފަތަކަށް ހަދައިފައެވެ. ފެހެންދޫގެ ނަމުގަ ޓީމެއް ރަށުން ބޭރުގައި ކުޅޭނަމަ އެކަން ވަނީ އެރަށުގެ ކޮންމެ ރައްޔިތެއްގެ ލެޔާ ކުޅެލާ ކަމަކަށެވެ. “ފުޓްބޯޅަ ވެއްޖިއްޔާ އަދި ވަކިން ހާއްސަކޮށް އެ ފޯރި ގަދަވޭ. ވޯލްޑްކަޕްގަ ހަމަ މި އަރުވާ ފޯރި ފެންނާނެ އަބަދުވެސް. އެއަށްވުރެވެސް ފޯރި ގަދަ ވާނީ ގިނަ ފަހަރަށް” ފެހެންދޫ ކުޅޭ ހުރިހާ މެޗަކަށް ކަހަލަ ގޮތަކަށް ދަނޑަށް ވަންނަ ޝަރީފާ ބުންޏެވެ. އެކަން ގަލޮޅު ދަނޑުގައި މިހާތަނަށް ފެހެންދޫ ކުޅުނު ތިން މެޗުން އެކަނިވެސް އެތައް ބަޔަކަށް ފެނިއްޖެއެވެ. އަސްލު ސަޕޯޓަރުންނަކީ އެއީކަން މިހާރުވެސް ފެހެންދޫގެ ސަޕޯޓަރުން ސާބިތުކޮށްދީފިއެވެ.
Advertisement
Leave a Reply