ޓީމްތައް މަހަށް ފޮނުވުން : ދިވެހިންގެ ވޯލްޑް ކަޕް ފޯރި

ޓީމްތައް ކެޓުމުން މަހަށް! މިރޭ ކޮން ބައެއް؟
ވޯލްޑް ކަޕްގައި ނުކުޅުނަސް އެއީ ދިވެހިންނަށް އަބަދުވެސް އީދެކެވެ. ގިނަ ބަޔަކަށް އެއީ ބޮޑު މަޖާގަނޑެކެވެ. އެ ވާހަކަ ނުދެކެވޭ ރަށެއް މި ރާއްޖޭގައި އޮތުން ނާދިރެވެ. އެއާއެކު އުފެދިގެން އަންނަނީ ބޮޑު ވާދަވެރިކަމެކެވެ. އެކި ގައުމުތަކަށް ސަޕޯޓްކުރާ ދިވެހިންގެ މެދުގައި އޮންނަ މި ވާދަވެރިކަން ވަރަށް ހޫނުވެގެންދާ ފަހަރުވެސް އާދެއެވެ. މިހުރިހާ ކަމެއް ސޯޝަލް މީޑިޔާއިން އެހުރީ ފެންނާށެވެ.
ކޮންމެއަކަސް ދިވެހި ސަޕޯޓަރުންގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިން މި ވޯލްޑްކަޕް ގައިވެސް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މުބާރާތުން ޓީމުތައް ކެޓުމުން ޓީމް މަހަށް ފުރުވާލުމުގެ ސަގާފަތެވެ. އެއީ ވޯލްޑްކަޕްގައި ނޫނަސް ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި އާންމު ކަމެކެވެ.
އެކަމަކު މިފަހަރު ތަފާތުވާ ކަމަކީ ވޯލްޑް ކަޕްގެ އެންމެ ފޯރިގަދަ ހިސާބަށް އައިއިރު ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ގިނަ ޓީމްތައް “މަހަށް ފުރައިފައި” ވުމެވެ. މުބާރާތުގެ ހޮޓް ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު ފަސް ތަރީގެ ބްރެޒިލް އެއް ނެތެވެ. ދިވެހިންގެ ގިނަ ބަޔަކު އެކުޅުންތެރިޔަކަށް މަރުދޭ ލިއޮނަލް މެސީ ގެ އާޖެންޓީނާ ވެސް ނެތެވެ. ދިވެހި ޒުވާން އަންހެން ކުދިންގެ މެދުގައި އެންމެ މަގްބޫލް ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ޕޯޗްގަލްވެސް އޮތީ މާ ދުރުގައެވެ. މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރި ޖަރުމަނު ވީ ހިސާބެއްވެސް ބައެއް ސަޕޯޓަރުން ބުނާގޮތުން ނޭނގެއެވެ. ވާދަވެރި ސަޕޯޓަރުން އެންމެ ފުރަތަމަ މަހަށް ފޮނުވާލި ޓީމަކީ އެއީއެވެ.
މި ވޯލަޑްކަޕްގައި އެންމެ ފޯރި ގަދަވި އެއް ރެއަކީ މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާ އާއި ޕޯޗްގަލްގެ މެޗްތައް އޮތް ރެ އެވެ. އެރޭ އެންމެ ފުރަތަމަ އޮތީ އާޖެންޓީނާއާ ފްރާންސް ބައްދަލުކުރި މެޗެވެ. ފޯރިގަދަ ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން އާޖެންޓީނާ ވީ ބައްޔެވެ. އެއާއެކު މެސީއާއި އާޖެންޓީނާއަށް ތާއީދު ނުކުރާ ސަޕޯޓަރުން މަލާމާތުގެ ބަސްތަކުން މުޅި ސޯޝަލް މީޑިޔާ ފްލަޑް ކޮށްލިއެވެ. މެސީގެ ދެ އަތް ފުރާ މަސް ހިފައިގެން ހުންނަ ފޮޓޯތަކާއި، އާޖެންޓީނާގެ ޓީމް މަސް ދޯންޏަކަށް އަރައި ތިބޭ މަންޒަރު ފެންނަ ފޮޓޯތައް އެމީހުން ވައިރަލް ކުރިއެވެ. އޭރު ޕޯޗްގަލްގެ މެޗް ފެށެން ދެ ގަޑިއެއް ހާއިރުވެސް ނެތެވެ. އާޖެންޓީނާގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު މާޔޫސް ކަމުގައި އެމީހުން ހިތާހިތުން ދުއާ ކުރަމުން ދިޔައީ ޕޯޗްގަލް ބަލިވުމަށެވެ. ޕޯޗްގަލްގެ ސަޕޯޓަރުންވެސް ތިބީ އެކަން އެމަގުން ހިނގާނެކަމަށް ގަބޫލުކޮށްގެންނެވެ. އަދި އޭގެ އަސަރު އެ މީހުންގެ ޓީމަށް ކޮށްފާނެ ކަމަށް އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހީވެސް ކުރިއެވެ. ކަންވީވެސް އެހެންނެވެ. އުރުގުއޭ އަތުން ޕޯޗްގަލް ބަލިވެ މުބާރާތުން ކަޓައިގެން ދިޔައީ ހިތްދަތި ގޮތަކަށެވެ. އެއާއެކު މާޔޫސްކަމުގައި ތިބި އާޖެންޓީނާގެ ސަޕޯޓަރުން އުތުރި އެރިއެވެ. އޭގެ ދެތިން ގަޑިއިރުކުރިން ޕޯޗްގަލްގެ ސަޕޯޓަރުން ފޭހުނު އިލޮށިގަނޑު އެމީހުންގެ ލޮލަށް ހެރުނެވެ. ފޮޓޯ ތަކުގެ ކުލަ ނުލުން ރަތަށް ބަދަލުވިއެވެ. ޕޯޗްގަލްއަށްވެސް ޖެހުނީ ސަޕޯޓަރުންގެ ބުނާގޮތުން ނަމަ އާޖެންޓީނާގެ ފަހަތުން މަހަށް ފުރާށެވެ. ލަސްތަކެއް އައީ ފަޅުވެރިން ހަމަނުވުމުގެން ކަމަށް ބައެއް ސަޕޯޓަރުން ބުނަމުން ދިޔައެވެ. ސްޕޭނަށްވެސް ޖެހުނީ ހަމަ އެހާލެވެ. ގްރޫޕް ސްޓޭޖު ފަހަނަ އަޅައި އެޓީމަށް ދެވުނީ ގަދަ 16 އަށެވެ. މިފަހަރުގެ ފޭވަރިޓުންގެ ލިސްޓުން ޖާގަ ލިބުނު ސްޕެއިން މުބާރާތުން ކެޓީ މުބާރާތް ބާއްވާ ގައުމު ރަޝިޔާ އަތުން ބަލިވުމުންނެވެ.
ދިވެހިންގެ އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ 3 ޓީމެއް ކެޓުމުން ދިވެހިންގެ މެދުގައި އޮތް ވޯލްޑްކަޕްގެ ފޯރިއަށް އެގުންވިއެވެ. އެއް ބަޔަކު ގަބޫލު ކުރީ އެއީ ރަގަޅަށްވީ ކަމެއްގެ ގޮތުގައެވެ. އެ މީހުންގެ ހިޔާލުގައި ސަޕޯޓަރުންގެ ވާދަވެރިކަން ތަންފުކެއް ބޮޑީ އެވެ. އެހެންވެ އެކަން ވިހަ ނުވަނީސް ނިމުނުކަން އެއީ ނަސީބެއް ކަމަށް އެމީހުން ދެކެއެވެ.
ޖަރުމަނާއި، އާޖެންޓީނާ އަދި ޕޯޗްގަލް އަދި ސްޕެއިން މުބާރާތުން ކެޓުމުން އެ ޓީމްތަކުގެ ސަޕޯޓަރުން ދެން އެންމެ ކަޅި އަޅަމުންދިޔަ ދެ ޓީމަކީ ބްރެޒިލް އެވެ. ދެވަނަ ބުރު އެ ޓީމް ނިންމާލީ މަޅިއެއްގައި ނުޖެހިއެވެ. އެކަމަކު އަނެއް ހަތަރު ޓީމްގެ ސަޕޯޓަރުންގެ ޝިކާރައަކަށް ވާން މާ ގިނަ ދުވަހެއް ނުނެގިއެވެ. މުބާރާތުގެ ކުއާޓަރ ފައިނަލުން ބަލިވުމުން އެމީހުން ވެސް ސަޕޯޓަރުން ފޮނުވާލީ މަހަށެވެ.
ޓީމްތައް މަހަށް ފޮނުވުމުގެ ސަގާފަތް މުޅި ވޯލްޑް ކަޕްގެ ތެރޭގައި ކުރިއަށް ދިޔައިރު ވަރަށް ތަފާތު ފޮޓޯ ތަކާއި، އެނިމޭޝަންތައް ފެނިގެން ދިޔައެވެ. ބައެއް މީހުން މަސް ރިޕޯޓްތައްވެސް އާއްމު ކުރިއެވެ. އަދި، އެ ރިޕޯޓް ތަކުގައި ބައެއް ޓީމްތައް ފުރިފަހުން ހަބަރެއް ނުވާކަމަށްވެސް ލިޔެފައި އޮތެވެ. އޭގެ ތެރޭގައި މުބާރާތަށް ކޮލިފައި ނުވި ޓީމްތައްވެސް ހިމެނިއެވެ.
މުބާރާތުން ކެޓުމުން ޓީމްތައް މަހަށް ފޮނުވުމުގެ ސަގާފަތާއި މެދު އެކި މީހުންގެ ހިޔާލު ތަފާތެވެ. ބައެއް މީހުން އެ މީހުން އެކަމާ ދޭތެރޭ ދެކޭ ގޮތް ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވެސް ހުއްޓެވެ. ބައެއް މީހުން ދެކޭ ގޮތުގައި ޓީމެއް ކަޓާއިރަށް އެ ޓީމެއް ގޮވައިގެން މަހަށް ދާށޭ ބުނުމަކީ ދިވެހިންނަށް ވެސް ރައްދުވާ މަލާމާތެކެވެ.
” މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށް ވާއިރު މެޗަކުން ބަލިވާއިރަށް ޓީމް ގޮވައިގެން މަހަށް ފުރާށޭ ބުނުމަކީ ކާބަފައިންގެ ޒަމާނުއްސުރު ކުރަމުން އައި އެ ގަދީމީ މަސައްކަތައް އިހްތިރާމް ކުޑަކުރުން. އެހެން ގޮތަކަށް ބުނާނަމަ މަސްވެރިކަމަކީ ދަށް މަސައްކަތެއްގެ ގޮތުގައި ދުށުން.” ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އަންހެން ބޭފުޅަކު ފޭސްބުކްގައި ލިޔެފައިވެއެވެ.
އެކަމަކު މިކަމާ ހިޔާލު ތަފާތުވާ މީހުން ވަރަށް ގިނަ އެވެ. އެ މީހުން ދެކޭ ގޮތުގައި އެއީ އެފަދަ ނިޔަތެއް އޮވެގެން ކުރާ ކަމެއް ނޫނެވެ.
“އަޅުގަނޑުގެ ނަޒަރުގައި ޓީމް ގޮވައިގެން މަހަށް ދާށޭ ބުނުމަކީ ހަމަ ސަމާސާއެއްގެ ގޮތުން ކުރާ ކަމެއް. އޭގައި ގޯސް ނިޔަތެއް ނެތް. އަދި، އެއީ އަޅުގަނޑު ދެކޭ ގޮތުގައި ވޯލްޑް ކަޕްގެ ފޯރިއާއި ބައިވެރިވާ ޓީމްތައް ދިވެހި ރަހަޔާ ގުޅުވާލަން ކުރެވޭ ކަމެއް.” ޓީމްތައް މަހަށް ފޮނުވުމާއި ގުޅޭގޮތުން ފޭސްބުކްގައި ޝުއޫރު ފާޅުކޮށްފައިވާ އެހެން މީހަކު ބުނެފައިވެއެވެ.
ޓީމްތައް މަހަށް ފޮނުވުމުގެ ފޯރި ކޮންމެވެސް ވަރަކަށް ސަޕޯޓަރުންގެ މެދުގައި ވައިވެފައި އޮތުމަށްފަހު މި ރެއަކީ އަނެއްކާވެސް އެ ފޯރި އިތުރުވާނެ ރެއެއް ކަމަށް ބެލެވެއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މިރޭ މާލޭ ގަޑިން 11 ޖަހާއިރު ފްރާންސްއާއި ބެލްޖިއަމް ބައްދަލުކުރާއިރު ދެޓީމްގެ ފަހަތުގައި އޮތް ދިވެހި ސަޕޯޓަރުންގެ ފޯސް ކުޑަވާނެ ކަމަކަށް ނުބެލެވެއެވެ. ދެޓީމްގައިވެސް ގިނައިން ތިބީ ދިވެހިންގެ ގިނަ ބަޔަކު ދަންނަ ކުޅުންތެރިންނެވެ. މިރޭ “މަހަށް ފުރަންޖެހޭނީ” ކޮންބައެއްތޯ ބަލަމާ ހިނގާށެވެ.
Advertisement


Leave a Reply