ސްޕޭނުގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ ކޯޗު އެންރީކޭ ހަމަޖައްސައިފި

މިއަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން ކެޓި ސްޕޭނުގެ ކޯޗުކަން ބާސެލޯނާ އަދި ރޯމާއަށް ކުރިން އިރުޝާދު ދީފައިވާ ލުއިސް އެންރީކޭ ހަމަޖައްސައިފި އެވެ. ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުން އެންރީކޭ އަށް ދީފައިވަނީ 2 އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެކެވެ.
އެންރީކޭ، 48، ކޯޗުކަމާ ހަވާލުވީ ވޯލްޑް ކަޕް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް ޓީމާ ހަވާލުވި ސްޕޭންގެ ކުރީގެ ކުޅުންތެރިޔާ ފެނާންޑޯ ހިއޭރޯ އެ މަގާމް ދޫކޮށްލުމުންނެވެ. ވޯލްޑް ކަޕްފައި ހިއޭރޯގެ ކޯޗުކަމުގެ ދަށުން ކުޅުނު މެޗުތަކުގައި ސްޕޭން ފެނުނީ ދަށްކޮށެވެ. މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމަށް މޮޅު ވެވުނީ ހަމައެކަނި އިރާން އަތުންނެވެ. ޕޯޗުގަލް އާއި މޮރޮކޯއާ ބައްދަލުކުރި މެޗު އެއްވަރުވި އިރު މުބާރާތުން ކެޓީ ދެވަނަ ބުރުގައި ރަޝިޔާއާއި ވާދަކޮށް ޕެނަލްޓީގައި ބަލިވުމުންނެވެ.
ހިއޭރޯ ސްޕޭނުގެ ކޯޗު ކަމާ ހަވާލުވީ ވޯލްޑް ކަޕް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް އޭރު ކޯޗުގެ މަގާމުގައި ހުރި ޖޫލެން ލޮޕެޓީގު މަގާމުން ވަކި ކުރުމުންނެވެ. ސްޕޭން ފެޑަރޭޝަނުން ލޮޕެޓީގު މަގާމުން ވަކި ކުރީ ފެޑަރޭޝަނަށް ނޭނގި ސްޕޭންގެ ރެއާލް މެޑްރިޑާއި ހަވާލުވުމުން އުފެދުނު ހަމަނުޖެހުމެއްގައެވެ.
އެންރީކޭ އަށް ކޯޗުކަން ހަލާވު ކުރިއިރު ސްޕެއިންގެ ސްޕޯޓިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައިވަނީ އެތްލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު ކީޕަރު ޖޯސް ފްރެންސިސްކޯ މޮލީނާ އެވެ.
ސްޕެއިން ފެޑަރޭޝަންގެ ރައީސް ލުއިސް ރުބިއަލްސް ވިދާޅުވީ ފެޑަރޭޝަނުން ބޭނުންވި ހުރިހާ ކަމެއް އެންރީކޭގެ ކިބައިގައި ހުރިކަމަށެވެ.
“އޭނާ (އެންރީކޭ) މިކަމަށް ހުރި ޝައުގުވެރިކަން އަހަންނަށް ވަރަށް ހިތްހަމަޖެހޭ. މިއަށްވުރެ މާ ގިނަ ފައިސާ ލިބޭ ވަޒީފާތަށް އޭނާ ދޫކޮށްލީ ސްޕޭންގެ ކޯޗުކަމަށް ވުމަށް. ފެޑަރޭޝަނުން ބޭނުންވާ ހުރިހާ ކަމެއް އޭނަގެ ކިބައިގައި އެބަހުރި”
އެންރީކޭ ވަނީ ފުޓްބޯޅަ ކުޅުނު ދުވަސްވަރު ރެއާލް މެޑްރިޑް އަދި ބާސެލޯނާއަށްވެސް ކުޅެފައެވެ. ކޯޗިންގެ ދާއިރާގައި ބޭސެލޯނާގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ލަލީގާ އާއި ސްޕެނިޝް ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުވެސް 2015 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ.
ސްޕޭން ޓީމާއެކު އެންރީކޭގެ ފުރަތަމަ މެޗަކަށް ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު ޔޫ.އެފް.އާ ނޭޝަންސް ލީގުގައި އިންގްލެންޑާ ދެކޮޅަށް ވެމްބްލީގައި ކުޅޭ މެޗެވެ.
Advertisement


Leave a Reply