ތިމަރަފުއްޓާއި ފޯކައިދޫ ޕޮއިންޓަކުން ފުއްދާލައިފި
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ށ.ފޯކައިދޫ އާއި ތ.ތިމަރަފުށި ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.
މިއަދުގެ މެޗަށް ދެޓީމު ނިކުތްއިރު ށ.ފޯކައިދޫއިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެމެޗުން އެއް ޕޮއިންޓް ހޯދާފައެވެ. ނަމަވެސް، ތިމަރަފުށި ވަނީ އެޓީމު ލީގުގައި ކުޅުނު ފުރަތަމަ ދެމެޗުންވެސް ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިނިވަން ޗެންޕިއަންޝިޕްގައި ފޯކައިދޫއިން ނެރުނު ޓީމަށް ގިނަ ބަދަލުތަކެއް ގެނެސް، ފުރަތަމަ ޑިވިޝަނަށް ކުރިން ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ޕްރިމިއަރ ލީގާ ކުރިމަތިލީނަމަވެސް އެޓީމުގެ ފަރާތުން ފެނުނު ކުޅުމަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފޯކައިދޫގެ ފަރާތުންނެވެ. މެޗުގެ ފުރަތަމަހާފްގެ އިތުރު ވަގުތުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމްއެވެ. ޖައިލަމް މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާގެ ތެރެއިން ލިބުނު ބޯޅަ ތިމަރަފުށީ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ މަތީކަނަށް އަމާޒުކޮށްލައިގެންނެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 0-1 އިން ފޯކައިދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ތިމަރަފުށިން ކުޅުން ވަރުގަދަކޮށް މެޗުގެ 69 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަހުމަދު މައުރޫފްއެވެ. މި ނަތީޖާގައި އޮވެ މެޗު ނިމިގެން ދާނެކަމަށް ކުޅިބަލަން ތިބި ގިނަބަޔަކު އުއްމީދުކޮށްގެން ތިބިނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ބަދަލް ރެފްރީ ދެއްކި ތިން މިނެޓުގެ ތެރޭގައި އިތުރު ދެ ލަނޑު ފެނިގެން ދިޔައެވެ. އިތުރު ވަގުތުގެ ކުރީކޮޅު ތިމަރަފުށީގެ ފޯވާޑު ކޮއާސީ ލަނޑެއްޖަހާ ތިމަރަފުއްޓަށް ލީޑު ނަގައިދިންތާ މިނެޓެއް ނުވަނީސް ފޯކައިދޫގެ ޖައިލަމް އިތުރު ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ.
މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ތިމަރަފުށި ތާވަލުގެ ނުވަވަނައިގައި އޮތްއިރު، ދެ ޕޮއިންޓާއެކު ފޯކައިދޫ އޮތީ ލީގުގެ ހަވަނައިގައެވެ.
ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި މާޒިޔާ އެވެ.
Advertisement
Leave a Reply