ބިދޭސީ ކުޅުންތެރިންގެ ލަނޑުތަކުން ގްރީން އިން ފެހެންދޫ ބަލިކޮށްފި

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބިދޭސީ ދެކުޅުންތެރިންގެ ލަނޑުތަކާއެކު ގްރީން ސްޓްރީޓްސް އިން 2-0 އިން ބ.ފެހެންދޫ ބަލިކޮށްފިއެވެ.
މިއަދުގެ މެޗުން މޮޅުވުމުން ގްރީން އަށް ވަނީ ކުޅުނު ތިންމެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ގްރީން އިން ކުޅުނު ފުރަތަމަ ތިން މެޗަކީވެސް މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއަރ ލީގަށް ކޮލިފައިވި ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. ފުރަތަމަ މެޗުގައި ށ. ފޯކައިދޫ އަތުން 1-1 އިން އެއްވަރުވި އިރު ދެވަނަ މެޗުގައި އެޓީމު ވަނީ 2-0 އިން ތ. ތިމަރަފުށި ބަލިކޮށްފައެވެ.
ކުޅުނު ތިންމެޗުގެ ތެރެއިން އެއްމެޗު އެއްވަރުކޮށް ދެމެޗުން ފެހެންދޫ ވަނީ ބަލިވެފައެވެ. ފެހެންދޫއަށް ޕޮއިންޓެއް ލިބުނީ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާ ވާދަކޮށް 0-0 އިން މެޗު އެއްވަރު ކޮށްގެންނެވެ. އޭގެ ފަހުން ކުޅުނު މެޗުގައި ފެހެންދޫ ވަނީ 3-0 އިން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފައެވެ.
ފެހެންދޫ ޓީމުން ފުރަތަމަ ކުޅުނު ދެމެޗާ ހިލާފަށް މިއަދުގެ މެޗުގައި އެޓީމު ކުރިއަށް ޖެހިގެން ކުޅުނުކަން ފާހަގަ ކުރެވެއެވެ. ގްރީންގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ޖެހީ ޕްރިމިއަރ ލީގަށް އެޓީމާ ގުޅުނު ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާއެވެ. އޭނާ މި ލަނޑު ޖެހީ އަރިމަތިން ކުޅުނު އަލީ ނަސޫހު ނަގައިދިން ހުރަސް ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަވީލާއަކީ މިދިޔަ އަހަރުގެ ޕްރިމިއަރ ލީގުގައި ޢަލީ ސުޒޭންގެ ކޯޗުކަމުގެ ދަށުން ގދ. ތިނަދޫ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. މެޗުގެ 30 ވަނަ މިނެޓުގައި ފެހެންދޫގެ ކުރިއަށް ކުޅޭ ހުސައިން އީމާން (މާނު) އަށް އަނިޔާވެގެން ވަނީ ބާލާފައެވެ. މާނުގެ ބަދަލުގައި ކުޅެންއެރީ ކުރިން ދެމެޗުގައިވެސް ފުރަތަމަ އެގާރައިގައި ކުޅުނު އަހްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނިޒާމްބެއަކީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކަށް ކުޅެފައިވާ އެރަށަށް އުފަން ކުޅުންތެރިއެކެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ފެހެންދޫ ޓީމުން ވަނީ ކުރިއަށްޖެހި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކުރަން މަސައްކަތް ކޮށްފިއެވެ. ނަމަވެސް އެޓީމުގެ އިބްރާހީމް މާޖިދު އަދި ހަސަން ޝުޖާއު އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ގްރީން އިން ވަނީ ދެވަނަ ހާފު ފެށީ މާލޭ ލީގުގައި އެޓީމަށް މޮޅު ކުޅުމެއް ދެއްކި ރަސެލް ކުޅެން އަރުވައިގެންނެވެ. މީގެ އިތުރުން އިބްރާހީމް ރިޒުހާން (ރިޒްކޯ) ވެސް ވަނީ ދެވަނަ ހާފުގައި ކުޅެން އަރުވާފައެވެ. މި ދެކުޅުންތެރިންނާއެކު ގްރީން އިން ވަނީ ލިބުނު ކައުންޓަރ އެޓޭކުތަކުގައި ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ރިޒްކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަސެލް ވަނީ މެޗުގެ 72 ވަނަ މިނެޓުގައި ގްރީންއަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. ރަސެލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޒަޔާންގެ އަތުގައި ޖެހިފައެވެ.
ގްރީން އިން ދެ ލަނޑުގެ ލީޑެއް ނެގުމުން ފެހެންދޫ ޓީމުން ވަނީ ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ލަނޑު ޖަހާނު ރަނގަޅު ފުރުސަތެއް އެޓީމަށް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
މުބާރާތުގައި ދެން މެޗެއް ކުޅޭނީ މާދަމާ ހަވީރެވެ. މި މެޗުގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ވާދަކުރި ދެޓީމު ކަމަށްވާ ތިމަރަފުއްޓާއި ފޯކައިދޫއެވެ.
Advertisement

