އިރާނަށް ޕޯޗުގަލް ބަލިކޮށް ދުނިޔެ ސިއްސުވާލެވިދާނެތަ؟

Advertisement

އިރާނަށް ޕޯޗުގަލް ބަލިކޮށް ދުނިޔެ ސިއްސުވާލެވިދާނެތަ؟

އަޙްމަދު ޔަޝައު

ފީފާ ވޯލްޑް ކަޕް 2018 ގެ ގްރޫޕް ބީ ގައި މިރޭ ޕޯޗުގަލްގެ މައްޗަށް ކުރިހޯދައި، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ދެވަނަ ބުރުން އީރާން އަށް ޖާގަހޯދިދާނެތޯ މިއީ ފުޓުބޯޅައަށް ލޯބިކުރާ އެތައް ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ފުޓުބޯޅަ ބަލާ، ދިރާސާ ކުރާ އަދި ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކު ވޯލްޑް ކަޕްގެ ނަތީޖާ ދިމާކުރަން ގިނަ މަސައްކަތްތަކެއް ކުރާތަން ފެނެވެ. އެގޮތުން، ގްރޫޕް ބީ ގައި، އީރާން އަށް އެއްވެސް މޮޅެއް ނުލިބި، ގްރޫޕްގެ ފުލަށް ގޮސް ކަޓައިގެން ދާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ. އެހެންނަމަވެސް، މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނިގެން ގޮސްފައިވަނީ ވަރަށް ވެސް ހީނުކުރާ ފަދަ ނަތީޖާތަކެކެވެ. އެގޮތުން، މިސްރުގެ މައްޗަށް ރަޝިޔާ ކުރި ހޯދުމާއި، މޮރޮކޯ ގެ މައްޗަށް އީރާން ކުރި ހޯދުމާއި، އާޖެންޓީނާއަށް އައިސްލޭންޑް ކައިރިން މޮޅުނުވެވުމާއި، ކްރޮއޭޝިއާ އަތުން ލަދުވެތި ގޮތަކަށް އާޖެންޓީނާ ބަލިވުމާއި، ބްރެޒިލް ސްވިޒަލޭންޑް އާއި އެއްވަރުވުމާއި، އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު މެކްސިކޯ އަތުން ބަލިވުމާއި، ކޮލަމްބިއާ އަތުން ޖަޕާން މޮޅުވުން ހިމެނެއެވެ. މީގެ އިތުރުން، މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ފްރާންސް އާއި، ސްޕެއިން އަށްވެސް އެންމެ އެދެވޭ ކުޅުން އަދި ދެއްކިފައެއް ނުވެއެވެ.

Advertisement

އެހެންކަމުން، މިރޭވެސް ގިނަބަޔަކު އުއްމީދު ނުކުރާފަދަ ނަތީޖާއެއް ނުކުތުން ގާތެވެ. މިރޭގެ މެޗަށް ޕޯޗުގަލް ނުކުންނަ އިރު އެޓީމަށް މެޗު އެއްވަރު ކޮށްލައިގެންވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ. އިރާނަށް އޮތް ހަމައެކަނި ފުރުޞަތަކީ ޕޯޗުގަލް ބަލިކުރުމެވެ. މިރޭގެ މެޗަށް ނުކުންނައިރު ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޮސް ބުނެފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޓީމުގެ ކެޕްޓަން ކަމަށާއި، އޭނާ އަކީ ޕޯޗުގަލްގެ މުޅި ޓީމު ނޫން ކަމަށެވެ. ރޮނާލްޑޯ ވަނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. ރާއްޖޭ ގަޑިން މިރޭ 11:00 ގައި މިމެޗު ފަށާއިރު، މި ގްރޫޕްގެ އަނެއް ދެޓީމު ކަމަށްވާ ސްޕެއިން އާއި މޮރޮކޯ މެޗުވެސް ފަށާނީ ހަމަ އެގަޑީގައެވެ. މިރޭގެ މެޗަށް މޮރޮކޯ ނުކުންނައިރު އެޓީމު ވަނީ ފުރަތަމަ ކުޅުނު ދެމެޗުން ބަލިވެ މުބާރާތުން ކަޓާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *