ސުޕަސްޓާރުން ނުލައި ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ބޮޑު ތަފާތަކުން އިޓަލީގެ އިންޓަ މިލާން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި ހޯދައިފިއެވެ.
ޖަރުމަނުގެ މިޔުނިކްގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މި މެޗު ޒުވާން ޓީމަކާއެކު ނުކުތް ޕީއެސްޖީން ކާމިޔާބުކުރީ 0-5 އިންނެވެ.
މިދިޔަ ގާތްގަނޑަކަށް އަށެއްކަ އަހަރުގެ ތެރޭގައި ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2017 ވަނަ އަހަރު ބްރެޒިލްގެ ނޭމާ ޖޫނިއާ އެކްލަބަށް ގެންދިޔައީ އެ ބޭނުމުގައެވެ. އޭގެ އިތުރުން އެވަގުތު ދުނިޔޭގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަމުން އައި ފްރާންސްގެ ކިލިއަން އެމްބާޕޭ ވެސް ހަމަ ޕީއެސްޖީއަށް ގެންދިޔަ އެވެ. އެވަރުން ނުވެގެން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ލިއޮނަލް މެސީ ވެސް އެ ކްލަބުން ގެންދިޔައެވެ.
ހުރިހާ ހަރަދަކާއި މަސައްކަތަކާއިއެކު ވެސް އެންމެ ބޭނުންވީ ނަތީޖާ ހާސިލްނުވުމުން ކުރިން ގެންގުޅުނު ވިސްނުން ބަދަލުކުރަން ޕީއެސްޖީގެ ވެރިންނަށް މަޖުބޫރުވި އެވެ. ސުޕަސްޓާރުން ބޮޑު އަގުގައި ގަނެގެން އަމާޒަށް ވާސިލްވާން މަސައްކަތްކުރުމުގެ ބަދަލުގައި އެމީހުން ދެން އިހްތިޔާރުކުރީ ރަގަޅު މާލިމީއެއްގެ އިރުޝާދުގެ ދަށުން ޒުވާން ޓީމެއް ބިނާކޮށްގެން ނަތީޖާ ހާސިލްކުރާށެވެ. އެކަން ކުރަން އެންމެ ރަގަޅު މޭސްތިރިއެއްގެ ގޮތުގައި ޕީއެސްޖީގެ ވެރިންނަށް ފެނުނީ 2015 ވަނަ އަހަރު ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ސްޕެއިންގެ ލުއިސް އެންރީކޭ އެވެ.
އެމަސައްކަތް އެންރީކޭ އެ ފުރިހަމަކޮށްދިނީ އެންމެ ދެ އަހަރުގެ ތެރޭގަ އެވެ. ރޭގެ މެޗުގައި ރެފްރީގެ ފުރަތަމަ ކަށިގަނޑާއި ހަމައިން ފެށިގެންވެސް މުޅި މެޗު ޑޮމިނޭޓް ކުރީ ޕީއެސްޖީންނެވެ. ވަކިން ހާއްސަގޮތެއްގައި އެ ޓީމުގެ އެޓޭކުގައި ހަރަކާތްތެރިވަމުން އައި 19 އަހަރުގެ ޑިސައޭ ޑުއޭ ވަނީ ތަޖުރިބާހުރި ގިނަ ކުޅުންތެރިންތަކެއް ތިބި އިންޓަ މިލާނުގެ ޑިފެންސް ލައިނަށް އޮބި ނޯންނަ ވަރުކޮށްފައެވެ.
ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ފްރާންސްގެ ޑުއޭ އެވެ.
މެޗުގެ 12 ވަނަ މިނެޓްގައި އިންޓަ މިލާންގެ ގޯލް ޕީއެސްޖީން ހުޅުވާލި ލަނޑު އަޝްރަފް ހަކީމީ
ކާމިޔާބުކުރީ ވެސް ޑުއޭ ދިން ބޯޅައަކުންނެވެ. މި މެޗްގައި ޕީއެސްޖީން ޖެހި އަނެއް ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޖޯޖިއާގެ ވިޗާ ކްރަވަޝްކީލިއާ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފްރާންސްގެ 19 އަހަރުގެ ފޯވާޑް ސެނީ މެޔުލޫއެވެ.
ޕީއެސްޖީން ރޭ ހޯދި ކާމިޔާބާއެކު އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ހިމެނިފައިވަނީ ޗެމްޕިއަންސްލީގު ތަފާތު ދެ ޓީމަކާއެކު ކާމިޔާބުކުރި ހަވަނަ ކޯޗުގެ ގޮތުގައެވެ. މީގެ ކުރިން މިޝަރަފް ހޯދާފައިވާ ކޯޗުންގެ ތެރޭގައި ހިމެނެނީ ޕެޕް ގާޑިއޯލާ، ކާލޯ އަންޗެލޮޓީ، ހޯސޭ މޮރީނިއޯ، އޮޓްމާ ހިޒްފީލްޑް އަދި ޔަޕް ހެއިންކްސް އެވެ.
ރޭގެ ފައިނަލާ އެކު ޔޫރަޕްގެ 25-2024 ވަނަ ފުޓްބޯޅަ ސީޒަން ވަނީ ނިމިފަ އެވެ. ޔޫރަޕްގެ މުބާރާތްތަކުގެ ތެރެއިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބްތަކަށް އަމާޒުކޮށްގެން ފަހުން ބާއްވަން ފެށި ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދީ ޗެލްސީ އެވެ.
Advertisement


Leave a Reply