ޔަމާލްގެ މޮޅު ގޯލަކާއެކު ބާސެލޯނާއިން ލީގު ޗެމްޕިއަންކަން ހޯދައިފި

އުމުރުން އެންމެ 17 އަހަރުގެ ލަމީން ޔަމާލްގެ މޮޅު ގޯލަކާއެކު ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ލީގުގައި ބާކީ ދެ މެޗު ބާސެލޯނާ އަށް އޮއްވައި އެ ޓީމުން ލީގު ކަށަވަރުކުރީ ރަށުން ބޭރުގައި އަވަށްޓެރި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ.
ރޭގެ ނަތީޖާއާއެކު ބާސެލޯނާ 85 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. މިއީ ބާސެލޯނާއިން ސްޕެނިޝް ލީގު ކާމިޔާބުކުރި 28 ވަނަ ފަހަރެވެ. އަދި މިއީ މި ސީޒަނުގައި ބާސެލޯނާއިން ހޯދި ތިންވަނަ ތަށްޓެވެ. މީގެ ކުރިން ބާސެލޯނާއިން ވަނީ ސްޕެނިޝް ސުޕަ ކަޕާއި، ކޮޕަ ޑެލްރޭ ވެސް ކާމިޔާބުކޮށްފަ އެވެ. މި ދެ މުބާރާތްވެސް ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ޒަމާންވީ ވާދަވެރިޔާ ރެއާލް މެޑްރިޑް ފައިނަލްގައި ބަލިކޮށްގެންނެވެ. މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާއި ރެއާލް މެޑްރިޑް ވާދަކުރި ދެ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ބާސެލޯނާއިންނެވެ.
ރޭގެ މެޗުގައި ބާސެލޯނާއިން ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ޔަމާލް ކާމިޔާބުކުރީ އެސްޕަންޔޯލްގެ ޕެނަލްޓީ އޭރިއާގެ ރޮގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅައެއް ވަރަށް ރީތިކޮށް ގޯލުގް މަތީ ކަނަށް ފޮނުވާލައިގެންނެވެ. މިއީ މި ސީޒަނުގައި ޔަމާލް ބާސެލޯނާ އަށް ކާމިޔާބުކޮށްދިން 17 ވަނަ ލަނޑެވެ. ބާސެލޯނާގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޔަމާލް ދިން ޕާހަކުން ކާމިޔާބުކުރީ ފާމިން ލޮޕޭޒް އެވެ.
ރޭގެ މެޗުގެ ފަހު ދިހަ މިނެޓް އެސްޕަންޔޯލުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ޑިފެންޑަރު ލިއަންޑްރޯ ކަބްރޭރާ ބާސެލޯނާގެ ޔަމާލަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑަކާއެކުއެވެ.
މި ސީޒަނުގައި ބާސެލޯނާއިން ހޯދި ކާމިޔާބީގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެކަކީ އެ ޓީމްގެ ކޯޗް ހަންސީ ފްލިކެވެ. މިއީ ޖަރުމަންގެ ގައުމީ ޓީމަށާއި، ބަޔާން މިޔުނިކަށް ކުރިން އިރުޝާދުދިން ފްލިކް ބާސެލޯނާއާއެކު ހޭދަކުރާ އަލަތު ސީޒަނެވެ.
Advertisement


Leave a Reply