ފުރަތަމަ އޮފީސް ލީގުގެ ޗެމްޕިއަންކަން ސްޓެލްކޯ ހޯދައިފި

Advertisement

ފުރަތަމަ އޮފީސް ލީގުގެ ޗެމްޕިއަންކަން ސްޓެލްކޯ ހޯދައިފި

ޢަލީ ޝަހީމް
އޮފީސް ލީގުގެ ޗެމްޕިއަންކަން ހޯދި ސްޓެލްކޯއިން ޓްރޮފީ އުފުލާލަނީ. އެޓީމު ޗެމްޕިއަންކަން ހޯދީ ހުރިހާ މެޗަކުން މޮޅުވެގެން. ފޮޓީޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޮފީސް ލީގުގެ ޗެމްޕިއަންކަން، ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.

މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ސްޓެލްކޯ ޗެމްޕިއަންކަން ހޯދީ ރޭ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ.

ޗެމްޕިއަންކަން ހޯދި ދަތުރުގައި ސްޓެލްކޯ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ އެޓީމުން ހޯދީ ކްލަބް ވެމްކޯ އާއި ކްލަބް ވެލިގާ ބަލިކޮށްގެންނެވެ. އޭގެފަހުން ނޮކައުޓް ބުރުގައި ވެސް އެޓީމު ފެނުނީ ވަރުގަދަކޮށެވެ. ސެމީ ފައިނަލުން އެޓީމު މޮޅުވީ މުބާރާތަށް ވަރުގަދަކޮށް ނުކުތް ވެމްކޯއާ ވާދަކޮށެވެ.

ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި މެޗު ފަށައިގެން ކުރީކޮޅު ސްޓެލްކޯއިން ވަނީ ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ ޒައިދާން އަބްދުﷲ އެވެ. މުއާޒް އަލީ ހާފު މެދުން ޖައްސާލި ބޯޅަ ހޯދުމަށް ފަހު ޒައިދާން ވަނީ ކައިރީގައި ހުރި ޕޮލިސް ކުޅުންތެރިޔާ ކައިރިން ކަޓުވާލުމަށްފަހު، ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

ސްޓެލްކޯގެ ދެވަނަ ގޯލު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މުއާޒެވެ. ޕޮލިސް ކްލަބުގެ ކުޅުންތެރިއަކު ޖައްސާލި ބޯޅަ ހޯދުމަށް ފަހު މުއާޒް ހަމަޖެހިލާފައި ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

ދެ ގޯލުގެ ލީޑެއް ސްޓެލްކޯއިން ނެގުމުން ޕޮލިސް ޓީމުން ވަރަށް ބޮޑަށް ކުރިއަށްޖެހިގެން ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަމަކު ސްޓެލްކޯގެ ޑިފެންސުން ދިޔައީ ވަރަށް ރަނގަޅަށް އެ ހަމަލާތައް ހުއްޓުވަމުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓެލްކޯގެ ކެޕްޓަން އިސްމާއީލް ނަސީމް (ބޯވަ) އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހަތަރު ކުޅުންތެރިއެކު ހޯދި އެވެ. އެއީ ވެމްކޯގެ އަބްދުﷲ ފިޒާން އަބްދުލްގަފޫރު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އިބްރާހީމް ހޫދު އައްބާސް، ޝީޝާގެ ޔާމިން އަލީ އަދި ޓްރޭޑް ކްލަބް ހުސައިން ފައުޒާން އެވެ. އެއިން ކޮންމެ ކުޅުންތެރިއަކު މުބާރާތުގައި 8 ގޯލު ޖެހި އެވެ.

އޮފީސް ލީގު 2025 ގެ ރަނަރަޕް ޓީމް ޕޮލިސް ކްލަބް. ފޮޓޯ: އިމޭޖަސް.އެމްވީ

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޕޮލިސް ކްލަބުގެ ތިން ކުޅުންތެރިން އަދި ސްޓެލްކޯގެ ދެ ކުޅުންތެރިން ހިމެނުނެވެ. ޕޮލިސް ކްލަބުން ގަދަ ފަހެއްގައި ހިމެނުނީ ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް އާއި އަޖުލާން އަބްދުލްހަމީދުގެ އިތުރުން އަބާން މުހައްމަދެވެ. ސްޓެލްކޯ ޓީމުން ގަދަ ފަހެއްގައި ހިމެނުނީ ޒައިދާން އަބްދުﷲ އާއި މުއާޒް އަލީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ސްޓެލްކޯ އަށް އިރުޝާދުދިން އުސްމާން ނަސީމް (އޮއިލޭ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފުޓްސަލްގައި ފާހަގަކޮށްލެވޭ ސްޓެލްކޯ ޓީމުގެ މުހައްމަދު ވިލްފް އެވެ. މުޅި މުބާރާތުގައި ވެސް ވިލްފް ވަނީ އެއްފެންވަރެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރާއްޖޭގައި މުޅިން އަލަށް އޮފީސް ލީގު ބޭއްވީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. ބިގް ގޭމް މޯލްޑިވްސް އަކީ ރިސޯޓް ލީގު ބޭއްވުމުގެ ތަޖުރިބާ ބޮޑު ޓީމެކެވެ. މިއީ މާލެ ސަރަހައްދުގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބިގް ގޭމް މޯލްޑިވްސް އިން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި 29 ޓީމުން ވާދަކުރި އެވެ. ޖުމްލަ 57 މެޗު ކުޅުނުއިރު ހުރިހާ މެޗެއް ވެސް ކުރިއަށްދިޔައީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ.

އޮފީސް ލީގު 2025 ގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *