އޮފީސް ލީގު ފައިނަލުގައި މިރޭ ޕޮލިހާއި ސްޓެލްކޯ: ދެޓީމުވެސް ފޯރީގައި

އޮފީސްތަކާއި ކުންފުނިތަކަށް ހުޅަވާލައިގެން މުޅިން އަލަށް ފެށި އޮފީސް ލީގުގެ ފައިނަލްގައި މިރޭ ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބް ވާދަކުރާނެ އެވެ.
ޕޮލިސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ވާދަކޮށް 0-1 އިން މޮޅުވެގެންނެވެ. މުބާރާތުގެ ފައިނަލްގެ ޖާގައެއް ޕޮލިސް ކްލަބުން ކަށަވަރުކުރިއިރު އެ ޓީމު މި މުބާރާތުގައި އަދި އެންމެ މެޗަކުންވެސް ބަލިވެފައެއް ނުވެއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި އެއް ޓީމަކީވެސް ޕޮލިސް ކްލަބެވެ.
ޕޮލިސް ކްލަބްގެ ކޯޗް އާތިފް މުހައްމަދު ސެމީ ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން ބުނެފައިވަނީ ޓީމް ފައިނަލަށް އައުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ ބަޔަކީ ކުޅުންތެރިން ކަމަށެވެ.
“ހަގީގަތުގަ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ފައިނަލަށް މި ދެވުނީ. މީގަ ހަމައެކަނި ވިސްނާލަންޖެހޭ ކަމަކަށް މި އިންނަނީ ހަމައެކަނި އިންޖަރީސްތައް. އިންޖަރީގަ އެބައުޅޭ ހަމަ ތިން ހަތަރު މީހުން. އެންމެ ފަހު ވަގުތު 23 ނަންބަރު ޒައިދުވެސް އެ ދިޔައީ. ދެން އިރާދަކުރެއްވިއްޔާ ރަގަޅަށް ދާނީ.” އޭނާ ބުންޏެވެ.
ޓީމުގެ އަނިޔާގެ މައްސަލަތައް ހުއްޓަސް ފައިނަލް މެޗާ ދޭތެރޭ ލިބޭ ވަގުތުގައި އެތަން ފޫބައްދަން މަސައްކަތްކޮށް މެޗަށް ތައްޔާރުވެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް އާތިފް ބުންޏެވެ.
“ރިކަވަރީ އަސްލު ވަރަށް މުހިންމު. ރިކަވަރީއަށް އެބަ ލިބޭ ދެތިން ދުވަސް. އެހެންވީމަ އޭރަށް އެންމެ ފިޓްކޮށް ތިބި ކުޅުންތެރިން ނަގައިގެން ހަމަ ރަގަޅު ފައިޓެއް ދެވޭނެ ކަމަށް މި ބަލަނީ.” ޕޮލިސް ކްލަބްގެ ކޯޗް ބުނެފައިވެއެވެ.

އޮފީސް ލީގުގައި ވާދަކުރާ ޕޮލިސް ކްލަބް. ފައިނަލުގައި މިރޭ ނުކުންނާނީ ސްޓެލްކޯއާ ދެކޮޅަށް. ފޮޓޯ: އިމޭޖަސް.އެމްވީ
“ފައިނަލްގައި ޖެހޭނީ ކޮންމެ ގޮތެއްވިޔަސް ޓަފް ޓީމަކާ ކަމަށް އަޅުގަނޑުމެން މި ބަލަނީ. ސެމީ ފައިނަލުން މޮޅުވެގެން އަންނާނީ އެންމެ ރަގަޅު ޓީމް. އެހެން ވިޔަސް އަޅުގަނޑުމެން އަންނާނީ އެންމެ ރަގަޅު ފައިޓެއް ދޭން ހަމަ ތައްޔާރުވެގެން.” ފައިނަލާ މެދު އޮތް އުންމީދާ ގުޅޭގޮތުން ވާހަކަދައްކަމުން ޕޮލިސް ކްލަބްގެ ކޯޗް އާތިފް ބުންޏެވެ.
މިރޭގެ ފައިނަލްގައި ޕޮލިސް ކްލަބާ ވާދަކުރަން ނުކުންނަ ސްޓެލްކޯ އިން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ހޯމަ ދުވަހުގެ ރޭ އޮތް ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ވެމްކޯއާ ވާދަކޮށް 1-2 އިން މޮޅުވެގެންނެވެ. ސްޓެލްކޯ އިން ވަނީ އެ ޓީމުން މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ.
ސެމީ ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ސްޓެލްކޯގެ ކޯޗް އުސްމާން ނަސީރު (އޮއިލޭ) ވެސް ބުނެފައިވަނީ މުބާރާތުގެ މިހާ ހިސާބަށް ސްޓެލްކޯއަށް އާދެވުމުގެ ސިއްރަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށެވެ.
“މި ޓީމްގެ ތަފާތަކަށް މި ފެނުނީ ގިވްއަޕް ނުކޮށް ކުރި މަސައްކަތްން މެއިން އެއްޗަކަށް. ދެން އަޅުގަނޑު އަޅުގަނޑުގެ ހުރިހާ ކުޅުންތެރިންނަށް، ސާދަ ކުޅުންތެރިންނަށް ޓްރަސްޓްކުރަން. އޭތި ފެންނާނެ ކަންނޭނގެ މުބާރާތް ތެރެއިންވެސް ހަގީގަތުގަ ވަރަށް ރަގަޅަށް. މިހާރު އަޅުގަނޑުމެންގެ ޓީމުގަ ހުންނާނީ އެންމެ ކުޅުންތެރިއެއް މި މުބާރާތުގެ މެޗެއް ނުކުޅެ. އެހެންވީމަ އެ ޓްރަސްޓް އިނީމަ އެންމެ ލާސްޓް މިނިޓްގަވެސް ކޮށްޕާލަންޖެހެނީ. ” ސްޓެލްކޯގެ ކޯޗް ބުންޏެވެ.

ސްޓެލްކޯ ޓީމު. އެޓީމުގައި މަޝްހޫރު ފުޓްސަލް ކުޅުންތެރިންނާއެކު އޮތީ ވަރުގަދަ ސްކޮޑެއް. ފޮޓޯ: އިމޭޖަސް.އެމްވީ
މިރޭގެ ފައިނަލް މެޗްގައި ސްޓެލްކޯއާ ވާދަކުރާ ޕޮލިސް ކްލަބާ ގުޅޭގޮތުން ވާހަކަދައްކަމުން ސްޓެލްކޯގެ ކޯޗް އޮއިލޭ ބުނީ އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.
“ފައިނަލަށް ވަރަށް ރެޑީގަ މިހުރީ. އަނެއްހެން ބުނަންޏާ ފައިނަލްގަ ވަރަށް ވަރުގަދަ ޓީމަކާ މި ޖެހެނީ. ހާއްސަކޮށް ފިޒިކަލީ ވަރަށް ވަރުގަދަ ޓީމަކާ މި ޖެހެނީ. އެއަށް ވިސްނައިގެން ރެޑީ ވެގެން ފައިނަލް ނަފަން މަސައްކަތްކުރާނީ.”
ބިގް ގޭމް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އޮފީސް ލީގުގެ ފުރަތަމަ މުބާރާތުގައި ޖުމްލަ 29 ޓީމަކުން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތައް ވެސް ހިމެނެ އެވެ. އަށް ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިހާތަނަށް ޖުމްލަ 56 މެޗް ވަނީ ކުޅެފައެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗް ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Advertisement


Leave a Reply