ޗެމްޕިއަންސް ލީގުން މިފަހަރުވެސް އާސެނަލަށް ލިބުނީ ބައިވެރިވިކަމުގެ ހަނދާނީ ލިޔުން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގްގައި ފްރާންސްގެ ޕީއެސްޖީ އަތުން 1-2 އިން ބަލިވެ އިނގިރޭސި ކްލަބް އާސެނަލް މިފަހަރުވެސް ކަޓައިފި އެވެ.
އާސެނަލަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެ މުބާރާތުގެ ތަށީގައި އަތްލެވިފައިނުވާ ޓީމެކެވެ. މިދިޔަ ސީޒަނުގައި އެޓީމު ޗެމްޕިއަންސް ލީގުން ކެޓީ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވެގެންނެވެ. މިފަހަރު ސެމީ ފައިނަލަށް އެޓީމު ދަތުރުކުރީ 16 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެވެ.
މި ސީޒަނުގެ ކުރިން އާސެނަލް ޗެމްޕިއަންސް ލީގުގެ ސެމީގައި ކުޅުނީ 09-2008 ވަނަ ސީޒަނުގަ އެވެ. އެފަހަރު ސެމީގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް ދެ ލެގުގެ އެގްރިގޭޓުން ބަލިވީ 1-4 އިންނެވެ.
ޗެމްޕިއަންސް ލީގުގެ ތާރީހުގައި އާސެނަލް ތައްޓާ އެންމެ ގާތަށް ޖެހިލީ 06-2005 ވަނަ ސީޒަނުގަ އެވެ. އެފަހަރު ފައިނަލުގައި ބާސެލޯނާއާ ވާދަކޮށް 1-2 އިން ބަލިވި އެވެ.
އާސެނަލްގެ ދަނޑުގައި މިދިޔަ ހަފްތާ ކުޅުނު ފުރަތަމަ ލެގްގެ މެޗު ޕީއެސްޖީން ކާމިޔާބުކުރީ 1-0 އިންނެވެ. ރޭގެ މޮޅާ އެކު ޕީއެސްޖީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ 1-3 ގެ އެގްރިގޭޓުން މޮޅުވެގެންނެވެ.
ރޭ ޕެރިހުގައި ކުޅުނު ދެވަނަ ލެގްގެ މެޗު އާސެނަލުން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ ފަސް މިނެޓު ތެރޭ ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތު ތަނަވަސްކުރި އެވެ. އެކަމަކު ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެ ބޯޅަތައް މަތަކުރި އެވެ.
ޕީއެސްޖީން މަޑުމަޑުން މެޗު ތެރެއަށް ވަނުމަށްފަހު ހަމަލާތައް އުފެއްދި އެވެ. އެގޮތުން އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން އުފެއްދި ފުރުސަތެއްގައި 27 ވަނަ މިނެޓުގައި ފަބިއަން ރުއިޒްގެ ގޯލުން ޕީއެސްޖީ ލީޑު ނެގި އެވެ.
ދެވަނަ ހާފުގައި ވެސް އާސެނަލުން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނެވެ. އެކަމަކު ޕީއެސްޖީން ދިޔައީ ކައުންޓަ އެޓޭކުގައި ނުރައްކާކުރަމުންނެވެ. އެގޮތުން އެޓީމުން އުފެއްދި ހަމަލާއެއްގައި އާސެނަލްގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ޕީއެސްޖީ އަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެކަމަކު ޕީއެސްޖީގެ މިޑްފީލްޑަރު ވިޓީނިއާ ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ މަތަކުރީ އެވެ.
ޕެނަލްޓީ ވައްދާނުލެވުނުތާ އިރުކޮޅެއް ފަހުން ޕީއެސްޖީން ވަނީ ދެވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 72 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަޝްރަފް ހަކީމީ އެވެ. އޭގެ ފަސް މިނެޓު ފަހުން އާސެނަލްގެ ބުކަޔޯ ސަކާ ގޯލެއް ޖަހައި ފަރަގު ކުޑަކުރި އެވެ. އަދި، އޭގެ އިރުކޮޅެއް ފަހުން ހުސް ގޯލަކަށް ޖަހަން ސަކާ އަށް ލިބުނު ފުރުސަތު ނަގާލި އެވެ.
މުޅި މެޗުގައި އާސެނަލުން ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް އެޓީމަށް ދިމާވީ ސްކޯ ނުކުރެވުމުގެ މައްސަލައެވެ. ރޭގެ މެޗުގައި ވެސް އެންމެ ބޮޑު ތަފާތެއް ދެއްކީ ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ ގޯލްކީޕަރު ޑޮންނަރުއްމާ އެވެ. ދެ ލެގުގައި ވެސް އާސެނަލުން ފޮނުވާލި ހަމަލާތައް މަތަކުރުމުގައި ޑޮންނަރުއްމާ ދެއްކީ އާދަޔާހިލާފު މޮޅު ކުޅުމެކެވެ.
ޗެމްޕިއަންސް ލީގު ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ ބާސެލޯނާ ކަޓުވާލުމަށް ފަހު ފައިނަލުން ފުރުސަތު ހޯދި އިންޓަ މިލާނާ ދެކޮޅަށެވެ. ޖަރުމަނުގެ ބަޔާން މިއުނިކްގެ ސްޓޭޑިއަމްގައި ފައިނަލް މެޗު ކުޅޭނީ ޖޫން 1 ވަނަ ދުވަހު އެވެ.
Advertisement


Leave a Reply