ބޭނުންވަނީ މޮޅު ވާހަކަ ނުދައްކައި އާސެނަލަށް ވާނެކަން އަމަލުން ދައްކަން: އާޓެޓާ

ބޭނުންވަނީ މޮޅު ވާހަކަ ނުދައްކައި އާސެނަލަށް ވާނެކަން އަމަލުން ދައްކަން: އާޓެޓާ

ޢަލީ ޝަހީމް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު މޮޅު ވާހަކަ ދެއްކުމުގެ ބަދަލުގައި ބޭނުން ވަނީ މެޗު ކާމިޔާބުކުރެވޭނެކަން އަމަލުން ސާބިތުކޮށްދޭން ކަމަށް އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ޕީއެސްޖީއާ ވާދަކުރާއިރު މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ލެގުގައި އާސެނަލް ވަނީ 0-1 އިން ބަލިވެފަ އެވެ.

“ހިނގާ މާ ގިނަ ވާހަކަ ނުދައްކަމާ. ހިނގާ މާދަމާ ރޭ (މިރޭ) ދަނޑުމަތީގަ އެ ކުރަންޖެހޭ ކަމެއް ކުރަމާ. މާދަމާ ރޭ (މިރޭ) 9 ޖެހުމާއެކު އަހަރެމެންގެ އެންމެ މޮޅު ކުޅުން ދައްކައިގެން މެޗުން މޮޅުވާން ހިނގާ.” މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގެ ކޯޗު ބުންޏެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި އެ ޓީމަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ މެދުތެރެއިން މި ސީޒަނުގައި ފަހަކަށް އައިސް އެންމެ ރަގަޅު ކުޅުމެއް ދައްކަމުން އައި ގާނާގެ ތޯމަސް ޕާޓޭ އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުމެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި އެ ކުޅުންތެރިޔާއަށް ކުޅެވޭނެތީއާ އެކު ކުރީ މެޗަށް ވުރެ އާސެނަލްގެ ހަމަލާތައް މިރޭގެ މެޗްގައި ވަރުގަދަ ވާނެ ކަމަށް ބެލެވެ އެވެ. އަދި، މިއީ 19 އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދަން އާސެނަލަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

“ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާން އަހަރެމެންނަށް މި ބޭނުންވަނީ އެންމެ މޮޅެއް. އަހަރެމެންނަށް މެޗު ކުޅެން ލިބިފަ މިއޮތީ ދުނިޔޭގަ އޮތް އެންމެ ރީތި ރަށުގަ. ވާދަކުރަން މި ޖެހެނީ މޮޅު ޓީމަކާ. އަހަރެމެން މިތަނަށް އައިސް މި ތިބީ ތާރީހީ ސޮފްހާއެއް ލިޔަން. އަހަރެންނަށް ހީވަނީ އެކަންކުރަން މާދަމާ (މިރޭ) އަހަރެމެންނަށް ވަރަށް ރަގަޅު ފުރުސަތެއްހެން ލިބިފަ މިއޮތީ.” އާޓެޓާ ބުންޏެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވި އެވެ.

“ފުރަތަމަ މެޗުގައި ލިބުނު ނަތީޖާއިން އަހަރެމެންނަށް ވަރަށް ސާފުކޮށް އެނގޭ އަހަރެމެން މިރޭ ކުރަން މިޖެހެނީ ކޮން ކަމެއްކަން. ވަރަށް ގިނަ އެއްޗެހި އަހަރެމެންނަށް އެ މެޗުން ދަސްވެއްޖެ. ވަރަށް ކުޑަ ފަރަގެއް މިއޮތީ އަހަރެމެން ނައްތާލަންޖެހޭ. އެ މެޗުގައި އަހަރެމެންނަށް ތަފާތު ނަތީޖާއެއް ނެރެވުނީސް. އަހަރެމެންނަށް މިއޮތީ އެކަން ސާބިތުކޮށްދޭން އަނެއްކާވެސް ފުރުސަތެއް ލިބިފަ”

މިރޭގެ މެޗަށް ނުކުންނައިރު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުރަތަމަ ލެގުގައި ކުޅުނު މެޗްގެ ފަހު ހާފުގެ މެދަކާ ހިސާބުން އަނިޔާވެގެން ދަނޑުން ފައިބަން ޖެހުނު އޮސްމާނޭ ޑެމްބެލޭ މިރޭގެ މެޗަށް ފިޓްވުމެވެ. އާސެނަލްގެ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ފްރާންސްގެ 27 އަހަރުގެ އެ ފޯވާޑެވެ.

ފައިގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެންމެ ފަހުން ޕީއެސްޖީން ފްރެންޗް ލީގުގައި ސްޓްރޯސްބާގާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި ކުޅެފައި ނުވި ނަމަވެސް އެ ކުޅުންތެރިޔާ އަންނަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

“ޑެމްބެލޭ ވަނީ މިދިޔަ ދެ ދުވަހު އަހަރެމެންނާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެފަ. ތި އެންމެންނަށް ފެންނާނެ އަންގާރަ ދުވަހު ފަރިތަކުރުންތަކުގައި އާންމުކޮށް ކުރާ ހުރިހާ ކަމެއް އަންގާރަ ދުވަހު އޭނަ ކުރިތަން. އެހެންވީމަ ބުދަ ދުވަހުގެ މެޗަށް އޭނަ ފިޓްވާނެ.” ޑެމްބެލޭގެ އަނިޔާއާ ގުޅޭގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރަމުން ޕީއެސްޖީގެ ކޯޗު ބުންޏެވެ.

އެންރީކޭ އިތުރަށް ބުނެފައިވަނީ މިރޭގެ މެޗުން މޮޅުވުމަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮންމެ ކުޅުންތެރިޔަކުވެސް އަމިއްލަ ނަފްސަށް އިތުބާރުކުރުން ކަމަށެވެ.

“ފުރަތަމަ މެޗުން އިދިކޮޅު ޓީމު ބަލިވެފައި އޮތުމަކީ އަހަރެމެންނަށް ނުރައްކާ ބޮޑުވާނެ ކަމެއް. އަހަރެމެންގެ ކުޅުންތެރިން ކުރަންޖެހޭނެ ކަމަކަށް ފުރަތަމަ ލެގުގައި ދެއްކިވަރުގެ ކުޅުމެއް މި މެޗުގައިވެސް ދެއްކުން. އަދި އެކަން ކޮންމެ ކުޅުންތެރިޔަކަށްވެސް ކުރެވޭނެ ކަމުގެ އިތުބާރު އޮތުން.” އެންރީކޭ ބުނެފައިވެއެވެ.

މިރޭ 12 ޖަހާއިރު ކުޅެން ފަށާ މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ވާދަކުރާނީ އިޓަލީގެ އިންޓަ މިލާން އާއެވެ. އިންޓަ އިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ރޭ އަމިއްލަ ދަނޑުގައި 3-4 އިން ބާސެލޯނާ ބަލިކޮށް 6-7 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ ބަޔާން މިއުނިކްގެ ރަސްމީ ސްޓޭޑިއަމްގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *