ކަޅި ނުޖަހައި ބަލަން ތިއްބާ އިންޓަ މިލާނުން ބާސެލޯނާގެ ހިތް ހަލާކުކޮށްލައިފި

މިދިޔަ ދިގު ތާރީހުގައި ކްލަބް ފުޓްބޯޅަ މުބާރާތެއްގެ ނޮކައުޓް ބުރެއްގައި ނުފެންނަ ވަރުގެ ފޯރިގަދަ ދެ މެޗުގެ ކުރިމަތިލުމަށްފަހު، އިޓަލީގެ އިންޓަ މިލާނުން ސްޕެއިންގެ ބާސެލޯނާ ކަޓުވާލުމަށްފަހު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އިންޓަ މިލާންގެ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ ފަހު ވަގުތު އެއްވަރުކޮށް، އިތުރު ވަގުތުގައި ކުޅުނު ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ގޯލު ޖަހައި 3-4 އިންނެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެމެޗު ވެސް ފެނުނީ ހަމަ އެހާ ފޯރިގަދަކޮށެވެ. ރޭގެ މޮޅާ އެކު ދެ ލެގުގެ އެގްރިގޭޓުން އިންޓަ މިލާން ކުރި ހޯދީ 6-7 އިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ގޯލާ އެކު އިންޓަ ކޮޅަށް ބުރަވެގެންނެވެ. ފުރަތަމަ ގޯލު 21 ވަނަ މިނެޓުގައި ޖެހީ ލަޓާރޯ މާޓިނޭޒެވެ. އޭގެފަހުން ފުރަތަމަ ހާފުގައި ފަހު މިނެޓުގައި އިންޓަ އަށް ލިބުނު ޕެނަލްޓީއަކުން މިޑްފީލްޑަރު ހަކާން ޗަނޮގްލޫ ނަތީޖާ ފުޅާކޮށްދިނެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިނީ ރަނގަޅު ޕެނަލްޓީއެއްތޯ އަދިވެސް ސުވާލު އުފެދެއެވެ.
މަދުވެގެން ދެ ގޯލު ޖެހުން މަޖުބޫރު ދެވަނަ ހާފު ބާސެލޯނާ ފެށީ ވަރަށް ވަރުގަދަކޮށެވެ. މުޅި ޓީމު އެއްކޮށް ކުރިއަށްޖެހިގެން ކުޅެން ފެށުމާއެކު އިންޓަ އަށް ނޭވާލާނެ ފުރުސަތެއް ވެސް ބާސެލޯނާއިން ނުދިނެވެ. އެގޮތުން ކުޅެމުން ގޮސް މެޗުގެ 54، 60 އަދި 87 ވަނަ މިނެޓުގައި ބާސެލޯނާއިން ފަހަތުން އަރައި ތިން ގޯލު ޖެހި އެވެ. ބާސެލޯނާގެ ފުރަތަމަ ގޯލު އެރިކް ގާސިއާ ޖެހިއިރު ދެވަނަ ގޯލު ޖެހީ ޑެނީ އޮލްމޯ އެވެ. އޭގެފަހުން ބާސެލޯނާ މޮޅުވާނެކަމަށް ބެލެވުނު ގޯލު ޖެހީ ބްރެޒިލްގެ ރަފީނިއާ އެވެ.
ރަފީނިއާ ގޯލު ޖެހުމާ އެކު މެޗުގެ ބާކީ ވަގުތުކޮޅުގައި އިންޓަ އިން ގަދަ ހިތްވަރާއެކު ކުރިއަށްޖެހި ބާސެލޯނާ އަށް ނުރައްކާކުރި އެވެ. އެގޮތަށް ލިބުނު ފުރުސަތެއްގައި އިތުރު ވަގުތުގެ ފަސް މިނެޓުގެ ތެރެއިން ތިން ވަނަ މިނެޓުގައި އިންޓަގެ ފްރަންސެސްކޯ އެޗާބީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްދިނެވެ.
އިންޓަ އެއްވަރުކުރި ގޯލާ އެކު މުޅި ދަނޑު ކެކުނެވެ. މެޗު ބަލަން ތިބި މީހުންގެ ގައިންވެސް ދިޔައީ ހީބިހި ނަގަމުންނެވެ. ކޮންމެއަކަސް އިންޓަ އެއްވަރުކުރިފަހުން އިތުރު ވަގުތުގެ ފަހުމިނެޓުގައި ބާސެލޯނާގެ 17 އަހަރުގެ ޒުވާން، އާދަޔާހިލާފު، ހުނަރުވެރި ތަރި ލަމީން ޔަމާލަށް ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.
މެޗު 3-3 އިން އެއްވަރުވުމާއެކު ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންޓަ އަށް ލީޑު ނަގައިދިނީ ޑޭވިޑް ފްރަޓެސީ އެވެ. އޭރިޔާ ތެރެއިން އޭނާއަށް ލިބުނު ބޯޅަ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ. އެ ގޯލަށް ފަހުން ކަށިން ހިތްވަރު ނެރެ ދަނޑުގައި މަތީގައި ފިރުކެމުން ވެސް އިންޓަ މިލާނުން މެޗުގެ ބާކީބައި އެ ލީޑުގައި އޮވެ ފުރިހަމަކުރި އެވެ.
އިންޓަ އިން މެޗު ކާމިޔާބުކުރުމާއެކު އެޓީމުގެ ކުޅުންތެރިންނަށް ލިބުނީ އާދަޔާހިލާފު އުފާވެރިކަމެކެވެ. ރޭގެ މެޗު 7-6 އިން ނިމުމާއެކު އެއީ ފުޓްބޯޅައިގައި ފަހުގެ ތާރީހުގައި ބެލި އެންމެ ފޯރިގަދަ ކްލަބް މެޗުކަމަށް އެންމެންވެސް ވަނީ ނިންމައިފައެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރަނީ އިނގިރޭސި ކްލަބް އާސެނަލް އާއި ފްރާންސްގެ ޕީއެސްޖީ އެވެ. އެ ދެޓީމުގެ ފުރަތަމަ މެޗުގައި އާސެނަލް ދަނޑުގައި ޕީއެސްޖީ ވަނީ 0-1 އިން މޮޅުވެފަ އެވެ. މިރޭ 12 ޖަހާއިރު ދެވަނަ ލެގްގެ މެޗު ކުޅޭނީ ޕީއެސްޖީގެ ދަނޑުގަ އެވެ.
Advertisement


Leave a Reply