ލީގު ޗެމްޕިއަންކަން ހޯދައި ލިވަޕޫލުން ޔުނައިޓެޑްގެ ރެކޯޑާ ހަމަކޮށްފި

ލީގު ޗެމްޕިއަންކަން ހޯދައި ލިވަޕޫލުން ޔުނައިޓެޑްގެ ރެކޯޑާ ހަމަކޮށްފި

ޢަބްދުﷲ އަޝްރަފް

އިނިގިރޭސި ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ހޯދައި ލިވަޕޫލުން މެންޗެސްޓާ ޔުނައިޓެޑްގެ ރެކޯޑާ އަރާ ހަމަކޮށްފި އެވެ.

އިނގިރޭސި ލީގުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ ޔުނައިޓެޑްގެ ރެކޯޑާ ލިވަޕޫލުން އަރާ ހަމަކުރީ މިރޭ ލީގުގައި ޓޮޓެންހަމާ ވާދަކޮށް ކުޅުނު މެޗް 1-5 އިން ކާމިޔާބުކޮށްގެންނެވެ.

ލިވަޕޫލް އެންމެ ފަހުން ލީގް ޗެމްޕިއަންކަން ހޯދާފައިވަނީ 2020 ވަނަ އަހަރު އެވެ.  އެއީ އިނގިރޭސި ލީގުގެ ނަން ޕްރިމިއާ ލީގަށް ބަދަލުވިފަހުން ލިވަޕޫލަށް ކާމިޔާބުކުރެވުނު ފުރަތަމަ ތަށްޓެވެ. އެފަހަރު ލިވަޕޫލަށް އިނގިރޭސި ލީގުގެ ތަށީ ކާމިޔާބުކުރެވުނީ 30 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިރޭ ލިވަޕޫލުން ހޯދާފައި މިވަނީ ލީގުގައި އެ ޓީމަށް ބާކީ ހަތަރު މެޗް އޮއްވަ އެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ބާކީ ހަތަރު މެޗު އޮއްވައި އިނގިރޭސި ލީގު ޗެމްޕިއަންކަން ޓީމަކުން ކަށަވަރުކުރި ދެވަނަ ފަހަރެވެ. ޖުމްލަ 82 ޕޮއިންޓާއެކު ލިވަޕޫލް ޓޭބަލްގެ އެއްވަނަ ކަށަވަރުކުރިއިރު އެ ޓީމާ އެންމެ ގާތުން ވާދަކުރާ އާސެނަލްއާ ދެމެދު 15 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.

ލީގުގައި މިހާތަނަށް ލިވަޕޫލުން ކުޅުނު 34 މެޗްގެ ތެރެއިން 24 މެޗް ކާމިޔާބުކޮށްފައިވާއިރު އެ ޓީމް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ލިވަޕޫލުން އައީ ލީގު ޓޭބަލްގެ އެއްވަނައިން ކައްސާލިޔަ ނުދީ ހިފަހައްޓަމުންނެވެ.

ލިވަޕޫލުން ލީގު ޗެމްޕިއަންކަން މިރޭ ހޯދިއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މިއީ ތިރީސް އަހަރުފަހުން ލިވަޕޫލަށް އިނގިރޭސި ލީގުގެ ތަށި ހޯދައިދިން ކާމިޔާބު ކޯޗް ޖަރުމަނުގެ ޔާގަން ކްލޮޕް ލިވަޕޫލް ދޫކޮށްލުމުން އެ މަގާމާ ހަވާލުވި ނެދަލޭންޑްސްގެ އާން ސްލޮޓްގެ ފުރަތަމަ ސީޒަން ކަމަވެ. މާ ގިނަ ބަޔަކަށް ފަރިތަ ނަމެއްގެ ގޮތުގައި ފާހަގަވެފައި ނެތް ސްލޮޓް މިދިޔަ އަހަރުގެ މެދުތެރޭގައި ލިވަޕޫލާ ހަވާލުވިއިރު މިފަހަރުގެ ލީގު ޗެމްޕިއަންކަން ލިވަޕޫލަށް ލިބިދާނެކަމަށް ގަބޫލުކުރި އެ ޓީމުގެ ސަޕޯޓަރުންވެސް މަދުވާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން ފުރަތަމަ ސީޒަނުގައި އިނގިރޭސި ލީގުގެ ތަށި ހޯދައިދެވިފައިވަނީ އެންމެ ހަތަރު ކޯޗުންނަށެވެ. އެއީ ހޯސޭ މޮރީނިއޯ، ކާލޯ އެންޗެލޮޓީ، މެނުއަލް ޕެލެގްރިނީ އަދި އެންޓޯނިއޯ ކޮންޓޭ އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗްގައި ފުރަތަމަ ލީޑް ނެގީ ޓޮޓެންހަމުންނެވެ. މެޗްގެ 12 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ލިބުނީ އެ ޓީމުގެ އިނގިރޭސި ފޯވާޑް ޑޮމިނިކް ސޮލާންކޭ ޖަހައިދިން ގޯލުންނެވެ. މެޗްގެ ކުރީކޮޅު ޓޮޓެންހަމުން ނެގި ލީޑް ދެމި އޮތީ އެންމެ ހަތަރު މިނެޓަށެވެ. އޭގެ ފަހުން ދެން ފެނުނީ ލިވަޕޫލުން ޓޮޓެންހަމްގެ ގޯލު ކައިރިކައިރީގައި ތިން ފަހަރު ފޫއަޅުވާލި ތަނެވެ.

ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 16 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއަސް އެވެ. އޭގެ އަށް މިނެޓް ފަހުން ލިވަޕޫލަށް މެޗްގެ ލީޑް ނަގައިދިނީ އަލެކްސިސް މެކް އެލިސްޓާ އެވެ. އަދި މެޗްގެ 34 ވަނަ މިނެޓްގައި ކޯޑީ ގެޕްކޯ ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑް ފުޅާކޮށްދިނެވެ.

ލިވަޕޫލުން މިރޭ ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ފަސް ގޯލްގެ ތެރެއިން ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްދިނީ ދާދި ފަހުން ލިވަޕޫލްގެ ކޮންޓްރެކްޓް އާކުރި މިސްރުގެ ތަރި މުޙައްމަދު ސަލާހެވެ. ފަސް ވަނަ ލަނޑަކީ ޓޮޓެންހަމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ޗެމްޕިއަންކަން ކަށަވަރުވުމާއެކު ލިވަޕޫލްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *