ޕޮލިސް ކްލަބް ނޮކައުޓް ބުރަށް، ދަރުމަވަންތަ އަށް ސަތޭކައިން ސަތޭކަ

Advertisement

ޕޮލިސް ކްލަބް ނޮކައުޓް ބުރަށް، ދަރުމަވަންތަ އަށް ސަތޭކައިން ސަތޭކަ

ޢަލީ ޝަހީމް
ދަރުމަވަންތަ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެޓިމު ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފަ. ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ އޮފީސް ލީގުގައި ރޭ ބޮޑު މޮޅެއް ހޯދައި ޕޮލިސް ކްލަބް މުބާރާތުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފި އެވެ.

ގްރޫޕް ޑީގައި ހިމެނޭ ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާ ވާދަކޮށް ޕޮލިސް ކްލަބް މޮޅުވީ 10-0 އިންނެވެ. މެޗުގައި ޕޮލިސްގެ ހުސައިން އަފްޚާން ހަތަރު ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އަދި، އެޓީމުގެ އަހުމަދު ރިފްޝާން ހެޓްރިކް ހެދި އެވެ. ބާކީ ތިން ގޯލުގެ ތެރެއިން ދެ ގޯލު އަބާން މުހައްމަދު ޖެހިއިރު އަނެއް ގޯލު ޖެހީ އަލީ އަފްރާހެވެ.

ގްރޫޕް ޑީގައި ކުޅުނު ތިން މެޗުން ޕޮލިސް ކްލަބް ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ބީސީސީ އާއި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ކްލަބް މާލެ ސިޓީ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ. އެ ގްރޫޕުގެ ފަހު މެޗުގައި މާދަމާ ރޭ ހުޅުމާލެ ހޮސްޕިޓަލް ނުކުންނާނީ ކްލަބް މާލެ ސިޓީއާ ދެކޮޅަށެވެ.

ޕޮލިސް ކްލަބުގެ ކުޅުންތެރިއަކު ބޯޅަ ފޮނުވާލަނީ. އެޓީމުން ހޯދީ ބޮޑު މޮޅެއް. ފޮޓޯ: އިމޭޖަސް.އެމްވީ

ގްރޫޕް ބީގައި ރޭ ދަރުމަވަންތަ ވަނީ 1-5 އިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ބަލިކޮށްފަ އެވެ. އެ މޮޅާ އެކު ދަރުމަވަންތަ ގްރޫޕް ސްޓޭޖް ނިންމާލީ ސައްތައިން ސައްތަ ރެކޯޑަކާ އެކު އެވެ. ތިން މެޗުން އެޓީމު މޮޅުވީ، މޮޅު ކުޅުމަކާ އެކު އެވެ. މެޗަށް ނުކުތްއިރުވެސް ދަރުމަވަންތަ އޮތީ ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ.

ރޭގެ މެޗުގައި ދަރުމަވަންތައިގެ ގޯލުތައް ކާމިޔާބުކޮށްދިނީ، އިބްރާހީމް ސޯލިހާއި އިސްމާއީލް އަރީޝްގެ އިތުރުން ޑރ. އަލީ މަޒާފް އާއި އަހުމަދު އަބްދުއްސައްތާރު އަދި އަހުމަދު މުނާޒެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަރުމަވަންތަ ޓީމުގެ ސޯލިހެވެ. ޕޯސްޓް ލިމިޓެޑްގެ ހަމައެކަނި ގޯލު ޖެހީ ޔޫސުފް ރާއިއު ރަޝީދެވެ.

ޝީޝާ އާއި ވިލާ ޓްރެވަލްސް އެއްވަރުވި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

ގްރޫޕް އޭގައި ހިމެނޭ ޝީޝާ ސްޕޯޓްސް ކްލަބާއި ވިލާ ޓްރެވަލްސް ރޭ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ޝީޝާގެ ދެ ގޯލު ވެސް ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔާމިން އަލީ އެވެ. ޔާމިން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ. ވިލާ ޓްރެވަލްސްގެ ދެ ގޯލުގެ ތެރެއިން އެއް ގޯލު ޖެހީ އަލީ މާނިއު މުހައްމަދެވެ. އަނެއް ގޯލަކީ ޝީޝާގެ ސާމިރަން ރާއީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެ ގްރޫޕުން ގަދަ 16 ކަށަވަރުކުރާ ދެ ވަނަ ޓީމެއް އެނގޭނީ ރޯޒްވެއާ އާއި ޓްރޭޑް ކްލަބް ވާދަކުރާ މެޗަށް ފަހު އެވެ. އެ މެޗު ކުޅޭނީ މާދަމާ ރެ އެވެ.

ކުޅިވަރު ވުޒާރާ އާއި ކަސްޓަމްސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

ގްރޫޕް ސީގައި ހިމެނޭ ކުޅިވަރު ވުޒާރާއާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ރޭ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ކުޅިވަރު ވުޒާރާގެ ހަމައެކަނި ގޯލު ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނާއިފް ޝަފީގެވެ. ކަސްޓަމްސްގެ ހަމައެކަނި ގޯލު ޖެހީ މުމްތާޒް އަބްދުއްރަޝީދު އެވެ. ރޭގެ މެޗަށް ނުކުތްއިރު ވެސް ކުޅިވަރު ވުޒާރާ އޮތީ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. އެހެންވެ ރޭގެ މެޗުގައި މުހިއްމު ބައެއް ކުޅުންތެރިން އެޓީމުން ބޭނުމެއް ނުކުރެ އެވެ.

މުބާރާތުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އެގޮތުން މިރޭ ކުޅޭ ހަތަރު މެޗުގެ ތެރެއިން ތިން މެޗަކީ ގްރޫޕް އެފް އާއި ގްރޫޕް އެޗް އަދި ގްރޫޕް ޖީގެ ޕްލޭއޮފް މެޗުތަކެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އޮފީސް ލީގު އިންތިޒާމުކުރަނީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. މި އަހަރު 29 ޓީމު ބައިވެރިވިއިރު މެޗުތައް ކުޅެނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ.

މިރޭ ކުޅޭ މެޗުތައް

ގްރޫޕް އެފް: ހައްޖު ކްލަބް – ކްލަބް އެޕޯލޯ (20:00)

ގްރޫޕް ބީ: ސްމާޓް އޯން އެފްސީ – ދަ ހޯކްސް (21:00)

ގްރޫޕް އެޗް: އިސްލާމިކް ބޭންކް – ސިޓީސް މިނިސްޓްރީ (22:00)

ގްރޫޕް ޖީ: ވެމްކޯ – ކްލަބް ވެލިގާ (23:00)

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *