އޮފީސް ލީގުގައި ރޭ ފެނުނީ ބޮޑު ވާދަވެރިކަމެއް

އޮފީސް ލީގު 2025 ގައި ރޭ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ބޮޑު ވާދަވެރިކަމެއް ފެނުނުއިރު ކުޅިވަރު ވުޒާރާއިން ކުޅުނު މެޗު ކާމިޔާބުކޮށް ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.
ގްރޫޕް އޭގައި ހިމެނޭ ރޯޒްވެއާ އާއި ވިލާ ޓްރެވަލްސް ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގައި ރޯޒްވެއާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖަޒްލާން ޖައުފަރާއި މުހައްމަޒު ރަޒްވާނެވެ. ރޯޒްވެއާ އަށް ދެ ގޯލު ކާމިޔާބުކޮށްދިން ޖަޒްލާން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. ވިލާ ޓްރެވަލްސްގެ އަހުމަދު އަހްލަމް ދެ ގޯލު ޖެހިއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ ފަތުހުﷲ ސައީދު އެވެ.
ގްރޫޕް އޭގައި ހިމެނެނީ ރޯޒްވެއާ އާއި ވިލާ ޓްރެވަލްސްގެ އިތުރުން ޝީޝާ އަދި ޓްރޭޑް ކްލަބެވެ. ފުރަތަމަ ދެ މެޗުން މޮޅުވެ އެ ގްރޫޕުގެ ޝީޝާ ވަނީ ގަދަ 16 ޔަގީންކޮށްފަ އެވެ. ޓްރޭޑް ކްލަބަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ރޯޒްވެއާ އާއި ވިލާ ޓްރެވަލްސް، ކޮންމެ ޓީމަކަށް ލިބިފައިވަނީ ޕޮއިންޓެކެވެ. ފަހު މެޗުގައި ރޯޒްވެއާއިން ޓްރޭޑް ކްލަބާ ދެކޮޅަށް ނުކުންނައިރު ޝީޝާ ނުކުންނާނީ ވިލާ ޓްރެވަލްސްއާ ދެކޮޅަށެވެ.

ރޯޒްވެއާ އާއި ވިލާ ޓްރެވަލްސް އެއްވަރުވި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް ބީގައި ހިމެނޭ ސްމާޓްޓައުން އެފްސީ ރޭ ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ވާދަކޮށް 1-2 އިން މޮޅުވެފަ އެވެ. މެޗުގައި ސްމާޓްޓައުންގެ ދެ ގޯލު ޖެހީ އަބްދުﷲ ޔައުސަމް އާއި އަބްދުލްގަނީ އަހުމަދު އެވެ. ޕޯސްޓް ލިމިޓެޑްގެ ހަމައެކަނި ގޯލު ޖެހީ ޔޫސުފް ރާއިއު ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްމާޓްޓައުން އެފްސީގެ އަބްދުލްގަނީ އަހުމަދެވެ.
ސްމާޓްޓައުން ވަނީ ފުރަތަމަ މެޗުގައި ދަރުމަވަންތަ އަތުން ބަލިވެފަ އެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ދަ ހޯކްސް އެވެ. އެ ގްރޫޕުގެ ފުރަތަމަ ދެ މެޗުން މޮޅުވެ ދަރުމަވަންތަ ވަނީ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. ސްމާޓްޓައުން އަށް 3 ޕޮއިންޓް ލިބިފައިވާއިރު ޕޯސްޓް ލިމިޓެޑާއި ދަ ހޯކްސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ސްމާޓްޓައުން އެފްސީ މޮޅުވި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް ޑީގައި ހިމެނޭ ހުޅުމާލެ ހޮސްޕިޓަލާއި ބީސީސީގެ މެޗު ވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގައި ހުޅުމާލެ ހޮސްޕިޓަލަށް ގޯލުތައް ކާމިޔާބުކޮށްދިނީ ހަސަން ސޮލާހާއި އަހުމަދު ފުއާދުގެ އިތުރުން އަބްދުﷲ ނާސިފެވެ. ބީސީސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ދައްޔާން އަހުމަދު އާއި ޔާނިސް މުހައްމަދު އަބްދުﷲ އެވެ. މެޗުގައި ޔާނިސް ދެ ގޯލު ޖެހި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުޅުމާލެ ހޮސްޕިޓަލުގެ ހަސަން ސޮލާހު އެވެ.
ގްރޫޕް ޑީގައި ދެން ހިމެނެނީ ޕޮލިސް ކްލަބާއި ކްލަބް މާލެ ސިޓީ އެވެ. އެ ގްރޫޕުން ގަދަ 16 ގެ ޖާގައެއް އަދި ކަށަވަރުވެފައި ނުވާއިރު، ފަހު މެޗުތައް ފޯރިގަދަ ވާނެ އެވެ.
ވަރުގަދަ ޓީމަކާ އެކު އޮފީސް ލީގަށް ނުކުތް ކުޅިވަރު ވުޒާރާ ރޭ ވަނީ ގްރޫޕް ސީގައި ހިމެނޭ ކްލަބް އާސަންދަ 0-4 އިން ބަލިކޮށް ގަދަ 16 ކަށަވަރުކޮށްފަ އެވެ. މެޗުގައި ކުޅިވަރު ވުޒާރާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގާއި މޫސާ ނަދީމްގެ އިތުރުން އަހުމަދު ސާޖިދު އަދި އާދިލް އަބްދުއްރަހްމާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނާއިފް ޝަފީގެވެ.

ކުޅިވަރު ވުޒާރާ ޓީމު ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެޓީމު ވަނީ ގަދަ 16 އަށް ދަތުރުކޮށްފަ. ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް ސީގެ ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ކަސްޓަމްސް އެވެ. ތިން ވަނައިގައި އޮތް އާސަންދަ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ދާޚިލީ ކްލަބް ވަނީ ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ. ފަހު މެޗުގައި ކަސްޓަމްސް އިން ކުޅިވަރު ވުޒާރާއާ ދެކޮޅަށް ނުކުންނައިރު ދާޚިލީ ކްލަބާ ދެކޮޅަށް ނުކުންނާނީ ކްލަބް އާސަންދަ އެވެ.
މުބާރާތުގެ ގަދަ 16 އިން މިހާތަނަށް ޖާގަ ހޯދާފައިވަނީ ކުޅިވަރު ވުޒާރާގެ އިތުރުން ޝީޝާ އާއި ދަރުމަވަންތަ އަދި މެޑްޓެކެވެ.
މުޅިން އަލަށް ބާއްވާ އޮފީސް ލީގުގައި 29 ޓީމު ވާދަކުރެ އެވެ. މުބާރާތް އިންތިޒާމުކުރަނީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. މެޗުތައް ކުރިއަށްދަނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ.
މިރޭ ކުޅޭ މެޗުތައް
ގްރޫޕް އެޗް: އެމްސީއެލްޕީ (ސިޓީސް މިނިސްޓްރީ) – ފެނަކަ (20:30)
ގްރޫޕް ޖީ: ސްޓެލްކޯ ރެކްރިއޭޝަން – ވެމްކޯ (20:30)
ގްރޫޕް އެފް: ސިލްވާ ސޭންޑްސް – ކްލަބް އެޕޯލޯ (22:00)
ގްރޫޕް އީ: މިފްކޯ – ބީއެމްއެލް (22:00)
Advertisement


Leave a Reply