ޝީޝާ އާއި ދަރުމަވަންތަ ގަދަ 16 އަށް، ކަސްޓަމްސް އޮއްސާލީ ލަނޑު ގޯންޏެއް

Advertisement

ޝީޝާ އާއި ދަރުމަވަންތަ ގަދަ 16 އަށް، ކަސްޓަމްސް އޮއްސާލީ ލަނޑު ގޯންޏެއް

ޢަލީ ޝަހީމް
ޝީޝާ ރޭ ކުޅުނު މެޗުގެ ތެރެއިން. އެޓީމު ވަނީ ގަދަ 16 އިން ޖާގަ ހޯދާފަ. ފޮޓޯ: އިމޭޖަސް.އެމްވީ

އޮފީސް ލީގު 2025 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޝީޝާ އާއި ދަރުމަވަންތަ ގަދަ 16 ގެ ޖާގަތައް ކަށަވަރު ކުރިއިރު، ކަސްޓަމްސް އިން ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.

ގްރޫޕް އޭގައި ހިމެނޭ ޝީޝާ އިން ވަނީ ރޭ ޓްރޭޑް ކްލަބް 0-2 އިން ބަލިކޮށްފަ އެވެ. އެޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އައިހަމް އަދި ޔާމިން އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔާމިން އެވެ. ޝީޝާ އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ވެސް މޮޅުވެފަ އެވެ.

ގްރޫޕް ބީގެ ދަރުމަވަންތައިން ރޭ ވަނީ ދަ ހޯކްސް 2-4 އިން ބަލިކޮށްފަ އެވެ.

މެޗުގައި ދަރުމަވަންތައިގެ އަހުމަދު މުނާޒް ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ ޑރ. އަލީ މަފާޒްގެ އިތުރުން މުހައްމަދު ޝަފީއު އަދި އިބްރާހީމް ސޯލިހެވެ. ހޯކްސްގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ފާރިޝް މުބާރިކެވެ.

ޝީޝާ އާއި ދަރުމަވަންތަ ގަދަ 16 ކަށަވަރުކުރީ 6 ޕޮއިންޓާ އެކު އެވެ.

ދަރުމަވަންތަ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. އެޓީމުން ވެސް ފުރަތަމަ ދެ މެޗު ކާމިޔާބުކުރި. ފޮޓޯ: އިމޭޖަސް.އެމްވީ

ރޭ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ތަފާތު ބޮޑު މޮޅު ހޯދީ ދާޚިލީ ކްލަބާ ވާދަކޮށެވެ. ގްރޫޕް ސީގައި ހިމެނޭ މި ދެޓީމުގެ ކުރިމަތިލުން ކަސްޓަމްސް ކުރި ހޯދީ 2-13 އިންނެވެ.

މެޗުގައި ކަސްޓަމްސްގެ އިބްރާހީމް ހޫދު އައްބާސް ވަނީ ދެ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި، އެޓީމުގެ ހުސައިން ޝުއައިބު އާއި އަހުމަދު އަމާން އިގްބާލް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ގޯލު ޖެހި އިތުރު ކުޅުންތެރިންނަކީ މާޒިން މުހައްމަދާއި އަލީ އަބްދުﷲގެ އިތުރުން މުހައްމަދު އަކުމަލެވެ. ދާޚިލީ ކްލަބްގެ ދެ ގޯލު ޖެހީ އިޒާން އިސްމާއީލް ޝަރާފް އަދި ހައްޔާން އިބްރާހީމް އެވެ.

ޕޮލިސް ކްލަބުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން. ރޭ އެޓީމުން މުހިއްމު މޮޅެއް ހޯދި. ފޮޓޯ: އިމޭޖަސް.އެމްވީ

ކަސްޓަމްސް ވަނީ ފުރަތަމަ މެޗުގައި އެއްވަރުވެފަ އެވެ. ރޭގެ މޮޅާ އެކު އެޓީމަށް މިހާރު ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ގްރޫޕް ޑީގައި ހިމެނޭ ޕޮލިސް ކްލަބް ރޭ ވަނީ ކްލަބް މާލެ ސިޓީއާ ވާދަކޮށް 1-8 އިން މޮޅުވެފަ އެވެ. މެޗުގައި ޕޮލިސް ކްލަބުގެ ކެޕްޓަން އަހުމަދު ރިފްޝާން ދެ ގޯލު ޖެހި އެވެ. އިތުރު ހަ ކުޅުންތެރިން އެޓީމުން ގޯލު ޖެހި އެވެ. ރިފްޝާންގެ އިތުރުން ގޯލު ކާމިޔާބުކޮށްދިނީ ހުސައިން އަފްޚާން އާއި އަޖުލާން އަބްދުލް ހައްނާނު އާއި އަހުމަދު ލޫތުގެ އިތުރުން އަހުމަދު އަލީ، އަބާން މުހައްމަދު އަދި ހަސަން ރާއިދު އެވެ. ކްލަބް މާލެ ސިޓީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް އިލްހާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކްލަބުގެ އަޖުލާން އެވެ.

ކަސްޓަމްސް އިން ހޯދި ބޮޑު މޮޅުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

މުބާރާތުގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތަކެވެ. ބިގް ގޭމް މޯލްޑިވްސް އިން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އޮފީސް ލީގު 2025 ގައި 29 ޓީމު ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ.

މިރޭ ކުޅޭ މެޗުތައް

ގްރޫޕް އެޗް: ފެނަކަ – އެމްއައިބީ (20:30)

ގްރޫޕް ޖީ: ވެމްކޯ – ކްލަބް ވެލިގާ (20:30)

ގްރޫޕް އެފް: ކްލަބް އެޕޯލޯ – ހައްޖު ކްލަބް (22:00)

ގްރޫޕް އީ: އެންޓްރަކް – މެޑްޓެކް (22:00)

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *