ކުއްލި ސިހުމުން އަރައިގަނެ ބާސެލޯނާ ޖެހިލީ ހަތް ޕޮއިންޓް ދުރަށް

އިތުރު ވަގުތުގެ ފަހުމިނެޓުގައި ރަފީނިއާ ކާމިޔާބުކޮށްދިން ޕެނަލްޓީން ބާސެލޯނާ ރޭ މުހިންމު މޮޅެއް ހޯދައިފި އެވެ.
މެޗްގެ 98 ވަނަ މިނެޓްގައި ބާސެލޯނާއަށް ޕެނަލްޓީ އެއް ދީފައިވަނީ ސެލްޓަ ވީގޯގެ ކުޅުންތެރިއަކު އެޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ބާސެލޯނާގެ ޑެނީ އޮލޮމޯ އަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރުވެސް ބެލުމަށް ފަހު އެވެ. މި ޕެނަލްޓީ ވީ ވެސް މެޗުގައި ކުޅުންތެރިއަކަށް ފައިން ޖައްސާލަން ލިބުނު އެންމެ ފަހު ބޯޅައަށެވެ.
ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ 3-4 އިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭޒް ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް ދެން ފެނުނީ މެޗުގެ އޮއިވަރު މުޅިން ބަދަލުވި ތަނެވެ. މެޗުގެ 62 ވަނަ މިނެޓާ ހަމައަށް ދިޔައިރު ސެލްޓަވީގޯ އިން ތިން ގޯލު ޖަހައި ހަންސީ ފްލިކްގެ ބާސެލޯނާ އަށް ސިހުން ގެނުވި އެވެ. މެޗުގައި ސެލްޓަ ވީގޯ އިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ސްޕެއިނަށް އުފަން 32 އަހަރުގެ ބޯޖާ އިލީސިއަސް އެވެ.
ބަލިވެއްޖެ ނަމަ މި ހަފްތާ ބަންދު ނިމުމުގެ ކުރިން އެއް ޕޮއިންޓަށް ލީޑު ހަނިވުމުގެ ފުރުސަތު އޮތުމާއެކު ދެން ފެނުނީ ބާސެލޯނާއިން އިތުރަށް ސަމާލުވެ ޓީމު އަޅުން ރުކުރުވާލި ތަނެވެ. އެއާއެކު ބާސެލޯނާއިން އުފެއްދި ހަމާލާގެ ތޫފާނެއްގައި ހަތަރު މިނެޓްތެރޭ ދެ ގޯލް އެ ޓީމުން ސެލްޓަ ވީގޯ ކޮޅަށް ވައްދާލި އެވެ. ބާސެލޯނާގެ ދެވަނަ ލަނޑު ޑެނީ އޮލްމޯ ކާމިޔާބުކުރިއިރު 68 ވަނަ މިނެޓްގައި ބާސެލޯނާގެ ތިން ވަނަ ގޯލް ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ.
މެޗުން މޮޅުވާން ބާސެލޯނާއިން ކުރަމުން އައި މަސައްކަތް ނާކާމިޔާބުކޮށްލައި މަދުވެގެން ޕޮއިންޓެއް ހޯދަން ސެލްޓަ ވީގޯއިން ގަދަ ހިތްވަރެއް ނެރުނެވެ. އެކަމަކު މެޗުގެ އެންމެ ފަހު ކަށިގަނޑު ރެފްރީ ނުގޮއްވަނީސް ބާސެލޯނާއިން ހަނގުރާމަ ކާމިޔާބުކުރި އެވެ.
މި ނަތީޖާއާއެކު ބާސެލޯނާއަށް ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފަ އެވެ. އެކަމަކު ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން މިރޭ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ.
Advertisement


Leave a Reply