އާސެނަލް ކަޓުވާލެވޭނެ ފެންވަރު އަހަރެމެންގެ އެބަހުރި: އަންޗެލޯޓީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި 3-0 ގެ ބޮޑު ތަފާތަކުން ބަލިވެފައި އޮތަސް މިރޭ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި އެ ނަތީޖާ އަނބުރާލެވޭނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޯޓީ ބުނެފިއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ރެއާލްގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދީ ޑެކްލަން ރައިސް ހިލޭ ޖެހުމަކުން ކާމިޔާބުކުރި މޮޅު ދެ ގޯލާއި، މިކެލް މެރީނޯ ޖަހައިދިން ގޯލަކުންނެވެ. މިއީ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ކްލަބެއްގެ މައްޗަށް އާސެނަލުން މިހާ ބޮޑު މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ. ފުރަތަމަ ލެގުގައި އާސެނަލުން ވަނީ މުޅި މެޗް ޑޮމިނޭޓްކޮށްފަ އެވެ. އަދި، މިރޭގެ މެޗަށް އާސެނަލް ނުކުންނައިރު އެ ޓީމު ހިމެނިފައިވަނީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ސްޓޭޖްގައި ރަށުން ބޭރުގައި ކުޅުނު މެޗެއްގައި ހަތް ގޯލް ޖެހި ފުރަތަމަ ޓީމުގެ ގޮތުގަ އެވެ. އާސެނަލް ހަތް ގޯލު ޖެހީ ގަދަ 16 ގައި ޕީއެސްވީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގަ އެވެ. އެ ހުރިހާ ސަބަބަކާ އެކުވެސް ރެއާލްގެ ކޯޗް އެންޗެލޯޓީ ގަބޫލުކުރާ ގޮތުގައި އެ ޓީމަށް އާސެނަލްގެ މައްޗަށް ކުރި ހޯދައި ސެމީ ފައިނަލްގެ ޖާގައެއް މިރޭ ކަށަވަރުކުރެވޭނެ އެވެ.
“އަހަރެމެންގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާއި، ހުރި ތަޖުރިބާ އާއި އަދި ސަޕޯޓަރުންނާއެކު މި މެޗް އަނބުރާލެވޭނެ ފެންވަރު އަހަރެމެންގެ އެބަހުރި. އަހަރެމެންގެ އަތުގައި ވަސީލަތްތައް އެބަހުރި. މިހާރު މިއޮތީ އަހަރެމެންގެ ހުރި އެންމެ މަތީ ފެންވަރު ދައްކާލަންވީ ވަގުތު ޖެހިފަ” އެންޗެލޯޓީ ބުންޏެވެ.
މިރޭގެ މެޗަށް ރެއާލް މެޑްރިޑް ނުކުންނައިރު ޗެމްޕިއަންސް ލީގުގައި އެ ޓީމު އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 23 މެޗްގެ ތެރެއިން 18 މެޗް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިނގިރޭސި ކްލަބްތަކާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަތް މެޗްވެސް ރެއާލްއިން ވަނީ ކާމިޔާބުކޮށްފަ އެވެ.
“އަހަރެމެންގެ ދަނޑުގައި ޖާދޫއެއް ވާނެ. އެންމެންނަށް ވެސް އެއީ ހާއްސަ ތަނެއްކަން. މާދަމާ (މިރޭ)ގެ މެޗްގައި އަހަރެމެންގެ ކުޅުން ހުރިހާ ގޮތަކުންވެސް ވަރަށް ބަރާބަރު ވާންޖެހޭނެ. އެއްވެސް ކަމެއް ގޯސްކޮށް ގޮސްގެން ނުވާނެ.” އެންޗެލޯޓީ ބުނެފައި ވެއެވެ.
މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނެފައިވަނީ މިރެއަކީ ސީދާ ރެއާލް މެޑްރިޑަށް ހާއްސަ ރެއެއް ކަމަށެވެ.
“މިރެއަކީ ރެއާލް މެޑްރިޑަށް ހާއްސަކޮށްފައިވާ ރެއެއް. އެއީ އެންމެންވެސް ވަރަށް ދަންނަ ކަމަށް. އެހެންވީމަ އެއަށް ދެން އިތުރުކުރަންޖެހޭ އެއްވެސް އެއްޗެއް ނެތް. އަހަރެމެން ބޭނުންވަނީ މި ކްލަބްގެ ކާމިޔާބު ތާރީހަށް އާ ބޮޅެއް އިތުރުކުރަން. އެގޮތުން މާދަމާ (ނިރޭ) އަކީ ބޮޑު ދުވަހެއް” 21 އަހަރުގެ ބެލިންހަމް ބުންޏެވެ.
މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނެފައިވަނީ ރެއާލްގެ މައްޗަށް ކުރި ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރު އޭނާއަށް އެބައޮތް ކަމަށެވެ.
“މި ސީޒަންގަ ޓީމް ދައްކާފައިވާ ކުޅުމުން އަހަރެންނަށް ވަރަށް ބޮޑު ޔަގީންކަމެއް ވަނީ ލިބިފަ. ކޮންމެ ކަހަލަ ގޭމެއް ކުޅެންވެސް އަހަރެމެން މި ތިބީ ތައްޔާރަށް. ވިސްނުމަކަށް ވާންވީ ހިތްވަރު ގަދަ ކުޅުމެއް ދެއްކުން. މެޗް ޑޮމިނޭޓްކުރުން. އަދި އެމީހުންނަށްވުރެ ރަނގަޅަށް ކުޅެ މެޗް ކާމިޔާބުކުރެވޭނެކަން ގަބޫލުކުރުން” އާޓެޓާ ބުނެފައި ވެއެވެ.
މިރޭގެ މެޗްގައި އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވާނެކަމަށް ބެލެވޭ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ބުނެފައިވަނީ މެޗަށް ނުކުންނައިރު އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ.
“ޓީމުގެ މޫޑު ވަރަށް ރަގަޅު. އެއްވެސް ހާސްކަމެއް ނެތް. މިތަނަށް އައިސް މިތިބީ މޮޅުވާން. އަހަރެމެންނަށް އެނގޭ ރެއާލް މެޑްރިޑަކީ ކިހާ ބޮޑު ކްލަބެއްކަން. އެހެންވީމަ. އެމީހުން ކަޓުވާލުން ވާނީ އަހަރެމެންނަށް ލިބޭ ބޮޑު ކުރިއެރުމަކަށް. އަހަރެމެންނަށް ވަރަށް އިތުބާރު އެބައޮތް ކުރީ މެޗުގަ ދެއްކި ކުޅުން އަހަރެމެންނަށް ތަކުރާރުކުރެވޭނެ ކަމަށް،” ރާޔާ ބުނެފައިވެ އެވެ.
ރެއާލުން އަންނަނީ އަމިއްލަ ދަނޑުގައި ފޯރި ގެނެސް އާސެނަލް ބަލިކުރަން ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ ކްލަބުގެ ހިތްގައިމު ސްޓޭޑިއަމުގެ މަތި މިރޭ އެއްކޮށް ބަންދުކޮށްލާނެ އެވެ. އަދި، ޔޫރަޕްގެ ކިންގުންކަން ދައްކުވައިދޭ ހަރަކާތްތައް ދަނޑުގައި ހިންގަން ވަނީ ނިންމައިފަ އެވެ.
ރެއާލް މެޑްރިޑްގެ ދަނޑުގައި އާސެނަލާ ވާދަކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.
Advertisement


Leave a Reply