އިތުބާރު އެބަ އޮތް، އަހަރެންނަކީ މާސްޓަރެއް: ގާޑިއޯލާ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަންސް ލީގުގައި ޖާގައަކަށް ވާދަކުރާ މެންޗެސްޓާ ސިޓީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަންއާ ވާދަކޮށް 2-2 އިން އެއްވަރުވެ، އިތުރު ޕްރެޝަރާ ކުރިމަތިވެފައިވާ ނަމަވެސް، ސިޓީއަށް ކާމިޔާބު ވާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބްރައިޓަން އަތުން މޮޅުވާނެކަމަށް ބެލެވުނު ނަމަވެސް ލީޑުގައި އޮތް ސިޓީ އަށް އެ މެޗުން ތިން ޕޮއިންޓް ގެއްލުނީ ދެވަނަ ހާފުގައި ބައިކޮޅަށް ގޯލެއް ވަނުމުންނެވެ. ފަހަތުން އަރައި މޮޅުވުމުގެ ރޫހެއް މިދިޔަ ސީޒަންތަކުގައި ސިޓީގައި އޮތްނަމަވެސް، މި ސީޒަނުގައި އެހާލަތު ނުފެނެއެވެ. ފަސޭހައިން ގޯލު ވަދެ، ލީޑުގައި އޮތަސް ސިޓީ އަށް އެގޮތުގައި ހިފަހައްޓާލުން މިސީޒަނުގައި ވަނީ އުނދަގޫވެފައެވެ.
“އަހަރެން އަބަދުވެސް ވަރަށް ކޮންފިޑެންޓް. އަހަރެން މިއީ އެކަމުގެ މާސްޓަރެއް. އަހަރެންގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ ފަދަ ވަގުތުވެސް އާދޭ، އެކަމަކު އެ ވަގުތުގައި ވެސް އަހަރެން ކުރިއަށް ދާނީ އެންމެ ރަނގަޅު މަގުން،” ގާޑިއޯލާ ބުންޏެވެ.
“ހުރިހާ ހާލަތަކަށް ބަލާލިޔަސް ވަރަށް އުނދަގޫކޮށް ފެންނަނީ، އެކަމަކު އަހަރެމެންނަށް ބާކީ ނުވަ މެޗު އެބަ އޮތް، 9 ފައިނަލް.” ސިޓީގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު ބުންޏެވެ.
ސިޓީގެ ބްރެޒިލް ގޯލްކީޕަރު އެޑަސަން އަން އަނިޔާވުމާ ގުޅިގެން ބްރައިޓަން މެޗުގައި ސިޓީގެ ގޯލު ބެލެހެއްޓީ ދެވަނަ ކީޕަރު ސްޓެފާން އޯޓެގާ އެވެ.
ފާއިތުވި ހަތަރު އަހަރުގެ ލީގު ޗެމްޕިއަނުންނަށް މި ސީޒަންގައި އުނދަގޫ ހާލަތެއް ދިމާވެފައި ވީ ނަމަވެސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ރޭސް ކާމިޔާބު ކުރާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި މިދިޔަ ހަފްތާ ނޮޓިންހަމް ފޮރެސްޓާ ވާދަކޮށް ބަލިވި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ބްރައިޓަންއާ އެއްވަރުވުމުން ސިޓީ މިހާރު ވަނީ ތާވަލުގެ ފަސް ވަނައަށް ވެއްޓިފައެވެ. އެޓީމަށް 29 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތީ 29 މެޗުން 49 ޕޮއިންޓް ލިބިފައިވާ ޗެލްސީ އެވެ. ޗެލްސީ ރޭ ވަނީ ރަށުން ބޭރުގައި އާސެނަލާ ވާދަކޮށް 0-1 އިން ބަލިވެފަ އެވެ.
ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ލެސްޓާ ސިޓީ 3-0 އިން ބަލިކޮށްފައެވެ. މޮޅާއެކު ޔުނައިޓެޑް މިހާރު އޮތީ 37 ޕޮއިންޓާއެކު 13 ވަނައިގަ އެވެ.
Advertisement


Leave a Reply