އެލިސަންއާ ހެދި ޕީއެސްޖީ އަށް ގޮތްހުސްވެއްޖެ

Advertisement

އެލިސަންއާ ހެދި ޕީއެސްޖީ އަށް ގޮތްހުސްވެއްޖެ

ފަހުމިނެޓް
ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ޕީއެސްޖީ މެޗުގެ ތެރެއިން، ރޭ ތަފާތު މޮޅު ކުޅުމެއް ދެއްކި

ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ރޭ ދެއްކި ތަފާތު މޮޅު ކުޅުމާއެކު، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި ޕީއެސްޖީ 1-0 އިން ބަލިކޮށްފި އެވެ.

ރޭގެ މެޗުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ޕީއެސްޖީ އިން ދެއްކި މޮޅު ކުޅުމާއެކު އެޓީމަށް ގޯލެއް ނުޖެހި، މޮޅަކާއެކު ލިވަޕޫލް މެޗު ނިންމާލުމެވެ. ޕީއެސްޖީ އަށް މޮޅު ނުލިބުމުގެ އަސްލަކީ ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ދެއްކި އާދަޔާހިލާފު ކުޅުމެވެ.

މެޗުގައި ޕީއެސްޖީން ލިވަޕޫލްގެ ގޯލަށް 27 ހަމަލާ ފޮނުވާލިއެވެ. އޭގެތެރެއިން ކީޕަރު އެލިސަން ވަނީ 10 ހަމަލާ ހުއްޓުވައިފައެވެ.

ލިވަޕޫލުން މެޗުގައި އުފެއްދި ދެ ހަމަލާގެ ތެރެއިން ގޯލާ އަމާޒުކޮށްލި ހަމައެކަނި ބޯޅައިން ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ 87 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ ހާވީ އެލިއޮޓް އެވެ. ބެންޗުން ކުޅެން އަރައި އެލިއޮޓް އެ ގޯލު ޖެހީ 46 ސިކުންތަށް ފަހު އެވެ.

“އަހަރެން ބުނާނީ މިއީ ހަޔާތުގަ އެންމެ މޮޅަށް ކުޅެވުނު މެޗޭ. މެޗުގެ ކުރިންވެސް ކޯޗު ބުނީ ޕީއެސްޖީއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ވަރު. ބޯޅައާއެކު އެޓީމު ކުޅޭ ކުޅުމާއެކު އަހަރެމެން ކުރިމަތިލާންޖެހޭ ކަންތައް ކުރިން އެނގުނު” މެޗަށް ފަހު ޓީއެންޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އެލިސަން ބުންޏެވެ.

ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖެހި އެލިއޮޓް މެޗަށް ފަހު ބުނީ “އެލިސަން އަކީ އާދަޔާހިލާފު ކީޕަރެއް. އެއީ ދުނިޔޭގަ ހުރި އެންމެ މޮޅު ގޯލްކީޕަރު” ކަމަށެވެ.

ކޮންމެ މެޗެއްގައި އެލިސަންގެ ތަފާތު މޮޅު ކުޅުމާއެކު ލިވަޕޫލް ގޭމުގައި އޮންނަ ކަމަށާއި، އެލިސަން ނުލައި ލިވަޕޫލް އޮންނާނެ ހިސާބެއް އޭނާއަށް ނޭނގޭ ކަމަށް އެލިއޮޓް ބުންޏެވެ.

ރަށުން ބޭރުގައި ލިބުނު މޮޅާއެކު ލިވަޕޫލަށް ވަނީ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުވެފައެވެ. ލިވަޕޫލް ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ދެވަނަ ލެގްގެ މެޗު ކުޅޭނީ އަންނަ ހަފްތާގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *