ޔުނައިޓެޑުން އެއްލާލި އެންޓޮނީ ބެޓިސްގައި އިރަނީ

Advertisement

ޔުނައިޓެޑުން އެއްލާލި އެންޓޮނީ ބެޓިސްގައި އިރަނީ

ޢަބްދުﷲ އަޝްރަފް
އެންޓޮނީ ބެޓިސް އަށް ގޯލު ޖަހައިދިނުމަށްފަހު އުފާފާޅުކުރަނީ.

މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ މަހު ސްޕެއިންގެ ރެއާލް ބެޓިސް އަށް ލޯނެއްގެ ދަށުން ދޫކޮށްލި ބްރެޒިލްގެ އެންޓޮނީ ބެޓިސްގައި މޮޅު ކުޅުމެއް ދައްކަން ފަށައިފިއެވެ.

ދެހާ ބާވީސް ވަނަ އަހަރުގެ ހޫނު މޫސުމުގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އެންޓޮނީ ބެޓިސް އަށް ދޫކޮށްލީ ޔުނައިޓެޑުން އުންމީދުކުރިވަރާ ގާތަށް ވެސް އެންޓަނީ އަށް ނުކުޅެވުމުންނެވެ.

ބެޓިސް އަށް ބަދަލުވުމާ ހަމައަށް ޔުނައިޓެޑްގައި އެންޓޮނީ ހޭދަކުރި ދެ ސީޒަނާ ބައިގެ ތެރޭގައި 96 މެޗު ކުޅެފައިވާއިރު އެ ކުޅުންތެރިޔާ އަށް ކާމިޔާބުކުރެވުނީ އެންމެ 12 ގޯލެވެ. އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާ ޔުނައިޓެޑުން ގަތީ ނެދަލޭންޑްސްގެ އަޔަކްސް އަށް 100 މިލިއަން ޑޮލަރު ދިނުމަށްފަހު އެވެ.

މި ސަބަބާހުރެ ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި އެންޓޮނީގެ ޓްރާންސްފާ އަކީ މިހާތަނަށް ޔުނައިޓެޑުން ހެދި އެންމެ ގެއްލުން ބޮޑު ޓްރާންސްފާ އެވެ. އެންޓޮނީގެ ފަރާތުން ފެނުނު ދަށް ކުޅުމާއެކު އޭނާ ވީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ މަލާމާތް އެންމެ ބޮޑަށް ރައްދުވި އެއް ކުޅުންތެރިޔާއަށެވެ. އެކަމަކު ރެއާލް ބެޓިސްއަށް ބަދަލުވުމާއެކު އެންޓޮނީ މިވަނީ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އޭނާގެ އަސްލު ކުޅުން ދައްކާލައި ގޯހީ އޭނާ ނޫންކަން ބުނެދީފަ އެވެ.

ޔުނައިޓެޑުން ދޫކޮށްލި ފަހުން މިހާތަނަށް ރެއާލް ބެޓިސްއަށް ތިން މެޗް އެންޓޮނީ ކުޅެދީފައިވާއިރު އޭނާ ވަނީ ދެ ގޯލު ޖަހައި ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.

ރެއާލް ބެޓިސްއަށް އެންޓޮނީ މިހާތަނަށް ޖަހައިދިން ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ރޭ ޔޫއެފާ ކޮންފަރެންސް ލީގުގެ ގަދަ 16 ކަށަވަރުކުރުމަށްޓަކައި ކުޅުނު ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ބެލްޖިއަމްގެ ގެންޓްއާ ދެކޮޅަށް ބެޓިސްއިން ކުޅުނު މެޗުގައި ޖެހި ގޯލެކެވެ. ރަށުން ބޭރުގައި ބެޓިސްއިން ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 0-3 އިންނެވެ.

މެޗުގެ 47 ވަނަ މިނެޓްގައި ބެޓިސްއަށް ގެންޓްގެ ގޯލު ހުޅުވާލަދިން ލަނޑު އެންޓޮނީ ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާގެ ބޭރުން ޖަހަ އެވެ. ބެޓިސް އަށް އެންޓޮނީ ކާމިޔާބުކޮށްދިން އަނެއް ގޯލަކީ ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ގޯލެކެވެ. އެންޓޮނީއަށް ދެން އޮތް މެޗަކީ އަންނަ އާދިއްތަ ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑްއާ އާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *