އެންމެ ބޭނުންވި ވަގުތު އަޖުފާން އޭދަފުއްޓަށް ހޯދައިދިނީ ތަށި

ވާދަވެރި ފުޓްސަލް ފައިނަލެއްގައި ގޯލްކީޕަރުން ހުސްވެ އެހެން މަގާމަކަށް ކުޅޭ ކުޅުންތެރިއަކު ގޯލުގައި ބަހައްޓަން ޖެހުމަކީ ޓީމަކަށް ކުރިމަތިވާނެ އެންމެ އުނދަގޫ ހާލަތެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު ޒޯން ތިނެއްގެ ފައިނަލުގައި އޭދަފުށްޓަށް ދިމާވީ އެ ހާލަތެވެ. ކ. އަތޮޅުގެ ޗެމްޕިއަން ކާށިދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގެ ވަރަށް ކުރީކޮޅުން ފެށިގެން އޭދަފުށްޓަށް ކުރިމަތިވި އުނދަގޫ ހާލަތާއެކު މެޗު އޭދަފުށްޓަށް ގެއްލޭނެކަމަށް ގިނަ ބަޔަކު ހީކުރި އެވެ. އެކަމަކު އަންގި ލައްވައިގެން ކުޅެން ނުކުތް އޭދަފުށީގެ ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު އަޖުފާނު އެހުރިހާ ކަމެއް ބަދަލުކޮށްލި އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށްޓަށް ރޭގެ މެޗުގައި ކުރިމަތިވި ނުތަނަވަސްކަން ފެށުނީ މެޗުގެ ދެވަނަ މިނެޓާ ހިސާބުންނެވެ. ޓީމުގެ ކެޕްޓަން އަދި އެއް ނަންބަރު ގޯލްކީޕަރު ޢަބްދުﷲ ނާސިހަށް އަނިޔާވެ ކުޅެވޭ ވަރު ނުވެގެން ބަދަލުކުރަންޖެހުމާއެކު އެ މަގާމު ފުރަން ދެން ނުކުތީ ބަދަލު ކީޕަރު އަހުމަދު އިރުފާނެވެ. އޭގެ ފަހުން ކާށިދޫއިން އޭދަފުށީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި އިރުފާނު ދެއްކި ހުށިޔާރުކަމާއެކު ޓީމުގެ ކުޅުންތެރިންނާ ސަޕޯޓަރުންނަށް އިތުބާރު ލިބުނެވެ. އެކަމަކު ފަހު ހާފު ނިމެން 10 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް، ކާށިދޫގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން އިރުފާނަށް ދެއްކި ރަތް ކާޑާއެކު މުޅި މަންޒަރު އަނެއްކާވެސް ބަދަލުވި އެވެ.
އޭދަފުށީ ޓީމު ލިސްޓްގައި ތިންވަނަ ކީޕަރެއްގެ ގޮތުގައި ހިމަނާފައިވަނީ އިތުބާރު ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. އެކަމަކު ރޭގެ މެޗުގައި ޒިޔަޒަން ބެންޗުގަވެސް ނެތެވެ. އޭދަފުށްޓަށް ކުރިމަތިވި އިމަޖެންސީ ހާލަތާއެކު ޓީމު ސަލާމަތްކުރުމުގެ މަސައްކަތަށް އިތުބާރާއެކު ނުކުތީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަނެއްގެ ޒިންމާވެސް އަދާކޮށްފައިވާ އަޖުފާނު ކުޅެން ނުކުތުމާއެކު އޭދަފުށީގެ ޓީމުގެ ޕްލޭނަށް ވެސް ބޮޑު ބަދަލެއް ގެނަ އެވެ. ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންވެސް ބައި ޓީމުގެ ގޯލަށް ނުރައްކާވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި އެވެ. އަޖުފާނާ މެދު އިތުބާރު ނެތިގެނެއް ނޫނެވެ. ޓީމަށާއި އަދި މިފަދަ މެޗެއްގައި މީގެ ކުރިން ދުވަހަކުވެސް އަންގި ލައްވާފައި ނެތް ކުޅުންތެރިޔާގެ އިތުބާރު ބޮޑުކުރުމަށެވެ.

ފައިނަލް މެޗުގައި ތިން ޕެނަލްޓީ މަތަކުރި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާ ހަވާލުވަނީ. އޭނާ އަކީ ފުރަތަމަ ޑިވިޝަނުގައި ފާހަގަކޮށްލެވޭ ޑިފެންޑަރެއް. ފޮޓޯ: އިމޭޖަސް.އެމްވީ
ކާށިދޫއިން ކުރިމަތިކުރި ބޮޑު ޕްރެޝަރުގެ ކުރިމަތީގައި އޭދަފުށީގެ މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި އާދަޔާ ހިލާފު ހިތްވަރެއް ދެއްކި އެވެ. އެއާއެކު 0-0 އިން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ނިމުނުއިރު އަޖުފާނު އެންމެ ރަގަޅަށް ޓެސްޓް ކޮށްލެވޭ ވަރު ކާށިދޫއަކަށް އޮތީ ނުކުރެވި އެވެ. މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ދިޔައިރު އެ ޓީމުގެ ފަރާތުން ފެނުނީ ޕެނަލްޓީން ނަތީޖާ ނެރެން ބޭނުންވެފައި ތިބި ކަހަލަ ކުޅުމެކެވެ.
ދެން ފެނުނީ މުޅި މި މުބާރާތުގައިވެސް މިހާތަނަށް ފެނުނު އެންމެ ހައިރާންކުރުވަނިވި މަންޒަރުތަކެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ކާށިދޫއިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކީޕަރަކު ނެތިގެން ކުޅެން ނުކުތް އަޖުފާނު މަތަކުރި އެވެ. އެއާއެކު އޭދަފުށްޓަށް ޒޯން ތިނެއްގެ ޗެމްޕިއަންކަން ޔަގީންވި އެވެ.

އޭދަފުށިން ކާމިޔާބުކުރި ޒޯން ތިނެއްގެ ޗެމްޕިއަން ޓްރޮފީ އަޖުފާން އުފުލާލަނީ. ފޮޓޯ: އިމޭޖަސް.އެމްވީ
މެޗަށް ފަހު ދަނޑުގައި ތިބި އެންމެންގެ ސަމާލުކަން ހުއްޓުނީ އަޖުފާނަށެވެ. އަޖުފާންގެ ހިތްވަރުން އޭދަފުށި ހޯދި ތައްޓަށް ފަހު މީޑިއާތަކާ ވާހަކަދައްކަމުން އަޖުފާން ބުނީ، ޕެނަލްޓީ ޝޫޓްއައުޓްގައި ހިތްވަރުކުރީ، އެޓީމުގެ އެއްނަންބަރު ކީޕަރު ނާސިހު އަށް އޭނާ ކޮށްދޭ ކަމެއްގެ ގޮތުގައި ދެކިގެންކަމަށެވެ.
“އެއީ ހަމަ އޭދަފުށީގަ އިންނަ އެއްޗެއް. އެ ހަމަ އެ ކިކް ލިބުނީ. ކޮންމެ ތަނަކަށް ކުޅެން ޖެހުނަސް އެގަޑީގަ އަރާ ކަންކޮށްލުން. އަހަރެމެން ހަމަ ފެށުނީއްސުރެ ތައްޓާ ހަމައިން ނިންމަން ބޭނުންވަނީ” މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން މެޗަށް ފަހު ދިން އިންޓަވިއުގައި އަޖުފާން ބުންޏެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބެ) އަށް ބޮޑުބޭބެ ކިޔާ އަޖުފާން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކުޅެން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެފަހުން ކޮންމެ އަހަރަކު ކުރިއެރުން ހޯދަމުން އައިސް އަޖުފާން ވަނީ މީގެކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ވެސް ހިމެނިފަ އެވެ.

އޭދަފުށީގެ ކީޕަރުންތައް އަޖުފާންއާ އެކު. (ކ-ވ): މުބާރާތުގެ ކުރިން ފައި ބިންދައިގެން ދިޔަ ކީޕަރު އަފްޒަލް، އިރުފާން، އަދި ނާސިހު
ޓީސީ އަށް ވަފާތެރި އަޖުފާން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ކެޕްޓަންކަން ކުރަމުންނެވެ. ފުޓްބޯޅައިގައި ޓީސީގެ އެންމެ ކާމިޔާބު ދުވަސްވަރު އެޓީމުގައި އަޖުފާން މުހިއްމު ދައުރެއް އަދާކުރި އެވެ. އެޓީމާ އެކު އަޖުފާން ވަނީ 2017 ވަނަ އަހަރު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ކާމިޔާބުކޮށް 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ހޯދައިފަ އެވެ.
އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ތާރީހުގައި ފުރަތަމަ ފަހަރަށް، މިދިޔަ އަހަރު ހޯދިއިރު އަޖުފާން ޓީމުގައި ހިމެނުނެވެ. އަދި، މިދިޔަ އަހަރު ގޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އޭދަފުށި ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި އެވެ.
އެންމެ ބޭނުންވި ވަގުތު ކީޕަރު އަންގި ލައްވައިގެން ނުކުމެ ކާމިޔާބުކޮށްދިން ޒޯން ތައްޓާއެކު، ބޮޑު ސަމާލުކަމެއް ހޯދި އަޖުފާން އަކީ އޭދަފުށި ޓީމު ހޯދާ ކާމިޔާބީތަކުގައި ޓީމުގެ މުހިއްމު ލީޑަރެއްކަން އޭނާ އެވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފަ އެވެ.
Advertisement


Leave a Reply