ފުރަތަމަ ލެގްގައި ރެއާލުން ސިޓީ ބަލިކޮށްފި

ރޭ މެންޗެސްޓާ ސިޓީ އަދި ރެއާލް މެޑްރިޑް ކުޅުނު މެޗު 2-3 ގެ ނަތީޖާއަކުން ރިއަލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.
އާލިން ހާލަންޑް ސިޓީއަށް ފުރަތަމަ ގޯލު 19 ވަނަ މިނެޓްގައި ކާމިޔާބުކުރި ނަމަވެސް 60 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ މެޑްރިޑަށް މިމެޗް އެއްވަރުކޮށްދިނެވެ. އެހެންނަމަވެސް މެޗުގެ 80 ވަނަ މިނެޓްގައި އަނެއްކާވެސް ސިޓިއަށް ލިބުނު ޕެނެލްޓީއަކުން ހާލަންޑް ސިޓީއަށް ލީޑު ހޯދައިދިނެވެ. ނަމަވެސް، 86 ވަނަ މިނެޓްގައި ބްރަހިމް ޑިއާޒް އަދި އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ޖެހި ގޯލުތަކުން ރެއާލް މެޗުން މޮޅުވި އެވެ.
މިމެޗުގައި ސިޓީގެ ސަޕޯޓަރުން ވަނީ މިދިޔަ އަހަރުގެ ބެލެންޑިއޯ ނުލިބުމުން ރެއާލްގެ ތަރި ވިނީޝިއަސް ޖޫނިއާ އަށް މަލާމަތްކޮށް ބެނާއެއް ބޭނުންކޮށްފަ އެވެ. އެހެންނަމަވެސް މިކަމުން އިތުރު ހިތްވަރު ލިބި ވިނީޝިއަސް ވަނީ މިމެޗުގެ ފަހު ދެގޯލު ޖެހުމަށް އެސިސްޓްވެ މޮޅުކުޅުމެއް ދައްކައި ސިޓީގެ ސަޕޯޓަރުންނަށް އޭނާއަކީ މިދިޔަ އަހަރުގެ ބެލެންޑިއޯ ލިބެންޖެހޭ ކުޅުންތެރިޔާކަން ސާބިތުކޮށްދީފަ އެވެ. މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗް ރެއާލްގެ ދަނޑުގައި ކުޅޭއިރު، ރެއާލަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނަސް، އެމެޗު ވެސް ވެގެންދާނީ ފޯރިގަދަ މެޗަކަށްކަން ޔަގީނެވެ.
މިމެޗުގެ އިތުރުން ފްރާންސް ލީގުގެ 8 ވަނައިގައި މިގުތު އުޅޭ ބްރެސްޓްއާ ދެކޮޅަށް ފްރާންސްގެ ޕީ.އެސް.ޖީ އިން ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ޕީ.އެސް.ޖީ އެވެ. އޮސްމާން ޑެމްބެލޭ މޮޅުކުޅުމެއް ދެއްކި މިމެޗުގައި އޭނާވަނީ 2 ގޯލު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން އެޓީމުން ކާމިޔާބު ކުރި ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުން ވިޓީނިއާ އެވެ. އަންނަ ހަފްތާގައި މި ދެޓީމުގެ މެދުގައި ދެވަނަ ލެގުގެ މެޗް ކުޅެވޭއިރު، ޕީ.އެސް.ޖީ އަށް ގަދަ 16 އަށް ކޮލިފައި ވެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ރޭގައި ކުޅުނު މެޗްތަކުގެ ތެރެއިން ޔުވެންޓަސް އާއި ނެދަލެންޑްސްގެ ޕީއެސްވީ ބައްދަލުކުރި މެޗު ހަނި ގޮތަކަށް ކާމިޔާބުކުރީ ޔުވެންޓަސް އިންނެވެ. 2-1 އިން އެޓީމު ކާމިޔާބު ހޯދި މެޗްގައި އިޓަލީގެ ޓީމަށް ލީޑު ހޯދައިދިނީ ދުޝާން ވްލަހޮވިޗް ގޯލުންނެވެ. އޭގެ ފަހުން ފެޑެރިކޯ ކިއޭސާ ޖެހި ގޯލަކުން ލީޑު ފުޅާކުރިނަމަވެސް، ޕީ.އެސް.ވީ އަށް މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކުރެވުނު ލަނޑުގެ ސަބަބުން، އަންނަ ހަފްތާގައި މިދެޓީމުގެ މެދުގައި ކުޅެވޭ ލެގަށް އެޓީމުން ވަނީ އުއްމީދު އާކޮށްފަ އެވެ.
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ ޕޯޗުގަލްގެ ލިސްބަންގައި މޮޅުކުޅުމެއް ދައްކައި ސްޕޯޓިންއާ ދެކޮޅަށް އެޓީމު ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށްފަ އެވެ. އެޓީމަށް ފުރަތަމަ ގޯލު ސެރޫ ގިރަސީ ކާމިޔާބުކުރިއިރު، ޕަސްކަލް ގްރޯސް ވަނި އިތުރު ގޯލެއްޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. އެއަށްފަހު ކަރީމް އަޑެއެމީ 82 ވަނަ މިނެޓްގައި ޖެހި ގޯލުން މިމެޗް އެޓީމުން ކާމިޔާބުކުރި އެވެ. މި ނަތީޖާގެ ސަބަބުން ޖަރުމަނުގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅޭ ދެވަނަ ލެގު، ޑޯޓްމުންޑް އަށް ފަސޭހަވެގެން ދާނެ އެވެ.
މި ހަތަރު މެޗުގެ ދެވަނަ ލެގްތައް ތާވަލުކުރެވިފައިވަނީ މި ފެބުރުއަރީ 18 އަދި 19 ގައެވެ. މި ދެ މެޗުގެ ޖުމްލަ ނަތީޖާއިން ގަދަ 16 އަށްދާ ޓީމުތައް ކަށަވަރުވެގެން ދާނެ އެވެ. ނޮކްއައުޓް ސްޓޭޖްގައި މިރޭވެސް ވަރުގަދަ މެޗުތަކެއް ކުޅެވިގެންދާނެ އެވެ. އޭގެ ތެރޭގައި ބެލްޖިއަމްގެ ކްލަބް ބުރޫޖް ނުކުންނާނީ އިޓަލީގެ އެޓްލާންޓާއާއި ދެކޮޅަށެވެ. ފްރާންސްގެ އޭ.އެސް މޮނާއިން ޕޯޗުގަލްގެ ބެންފީކާ އާއި ދެކޮޅަށް ނުކުންނަ އިރު، ސްކޮޓްލެންޑްގައި، ސެލްޓިކް އިން ނުކުންނާނީ މިހާތަނަށް ހަ ފަހަރު މިމުބާރާތް ކާމިޔާބޮކޮށްފައިވާ ބަޔާން މިއުނިކާ ދެކޮޅަށެވެ. އަދި މީގެ އިތުރުން ނެދަލެންޑްސް ގައި އެގައުމުގެ ފޭޔެނޫޑުން ނުކުންނާނީ މިހާތަނަށް ހަތް ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީގެ އޭސީ މިލާނާ ދެކޮޅަށެވެ.
Advertisement


Leave a Reply