މުޅި ރާއްޖޭން ފުޓްސަލްގެ އެންމެ ގަދަ 16 ޓީމު ކަށަވަރުވެއްޖެ

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގަދަ 16 ޓީމު ކަށަވަރުވެއްޖެ އެވެ.
ގަދަ 16 ގައި ހިމެނޭ ޓީމުތަކުގެ ޒޯން ފައިނަލްތައް މިރޭ ފަށާނެ އެވެ.
ޒޯން އެކަކުން ޒޯން ފައިނަލުގެ ޖާގައާއެކު ގަދަ 16 އަށް ހޮވުނީ ހދ. ނައިވާދޫ އާއި ހއ. ދިއްދޫ އެވެ. ނައިވާދޫ އިން ވަނީ ފަހު މެޗުގައި 1-0 އިން ހދ. ނޭކުރެންދޫ ބަލިކޮށްފަ އެވެ. ދިއްދޫ ޒޯން ބުރުގެ ޖާގައެއް ކަށަވަރުކުރީ ފަހު ވަގުތު ފަށަވަރު 2-3 އިން ބަލިކޮށްގެންނެވެ. ޒޯން އެކެއްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނައިވާދޫ އެވެ. އެޓީމު މިފަހަރު ގަދަ 16 އިން ފުރުސަތު ހޯދީ ފަހު މެޗުން މޮޅުވެގެންނެވެ.
ޒޯން ދޭއްގައި ހިމެނޭ ށ. ނ. އަދި ރ. އަތޮޅުން ގަދަ 16 ގެ ޖާގަ ކަށަވަރުކުރީ ރ. އިނގުރައިދޫ އާއި ރ. ދުވާފަރެވެ. ރ. އަތޮޅުގެ އެ ދެ ޓީމަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ދެ ޓީމެވެ.
ޒޯން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ އިނގުރައިދޫ އިން ވަނީ 2-3 އިން ދުވާފަރު ބަލިކޮށްފަ އެވެ. މިފަހަރުގެ މުބާރާތުގައި ވާދަވެރި ދުވާފަރާ ވާދަކޮށް ތިން މެޗުން ވެސް އިނގުރައިދޫ ވަނީ މޮޅުވެފަ އެވެ. އެ ދެޓީމުގެ ހަތަރު ވަނަ މެޗަކަށް ވަނީ ޒޯން ދޭއްގެ ފައިނަލެވެ.

ދިއްދޫ އިން ވަށަފަރު ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
ޒޯން ތިނެއްގައި ހިމެނެނީ ބ. ޅ އަދި ކ އަތޮޅެވެ. އެ ޒޯނުން އެއްވަނަ ހޯދައި ގަދަ 16 އިން ފުރުސަތު ހޯދީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުއްޓެވެ. ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ ކ. ކާށިދޫ އެވެ. އެ ޒޯނުން ކެޓީ ކ. މާފުއްޓާއި ޅ. ކުރެންދޫ އެވެ.
ޒޯން ހަތަރަކުން ގަދަ 16 އަށް ދަތުރުކުރީ އއ. މަތިވެރި އާއި އދ. މަހިބަދޫ އެވެ. މަތިވެރި ވަނީ މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. މުބާރާތުގައި މިދިޔަ އަހަރުތަކުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ޓީމަކީ މަތިވެރި އެވެ. މަހިބަދޫ ގަދަ 16 އިން ފުރުސަތު ޔަގީންކުރީ ޒޯން ބުރުގެ ފަހު މެޗުގައި މަތިވެރިއާ ވާދަކޮށް ޕޮއިންޓެއް ހޯދައިގެންނެވެ.
ޒޯން ފަހެއްގެ ފައިނަލުގައި ވާދަކުރާނީ ދ. ކުޑަހުވަދޫ އާއި ފ. ދަރަނބޫދޫ އެވެ. ކުޑަހުވަދޫ ވަނީ ޒޯން ލީގު ބުރުގެ އެއްވަނަ ހޯދައިފަ އެވެ. އެޓީމަކީ މުބާރާތުގެ ތާރީޚަށް ބަލާއިރު އެ ޒޯނުން ތައްޓާ އެންމެ ގާތަށް ގޮސްފައިވާ ރަށެވެ. ކުޑަހުވަދޫ އިން 2022 އަދި 2023 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ވާދަކުރި އެވެ. ދަރަނބޫދޫ އިން ފުރަތަމަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދައި މިއަހަރުގެ މުބާރާތުގައި ކުރިއަށްދަނީ އުއްމީދާ އެކު އެވެ.
ޒޯން ހައެއްގައި ހިމެނެނީ ތ އަދި ލ އަތޮޅެވެ. އެ ޒޯނުން ފައިނަލުގައި ވާދަކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުއްޓާއި ލ. ގަމެވެ. ތިމަރަފުށިން ތިން ފަހަރު ގޯލްޑަންގެ ޗެމްޕިއަންކަން ހޯދާފައިވާއިރު ގަމުން ވަނީ 2023 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ޒޯން ބުރުގައި ގަމުން ވަނީ ތިމަރަފުށި 1-0 އިން ބަލިކޮށްފަ އެވެ. މިފަހަރުގެ ގަދަ 16 އަށް ތިމަރަފުށި ކޮލިފައިވީ ޒޯން ބުރުގެ ފަހު މެޗުގައި އުނދަގޫ މަސައްކަތަކަށްފަހު ލ. އިސްދޫއާ 4-4 އިން އެއްވަރުކޮށްގެންނެވެ.

ނައިވާދޫ އާއި ނޭކުރެންދޫ ކުޅުނު މެޗުގައި ނައިވާދޫގެ ކެޕްޓަން ޝާއްޕެ ބޯޅަ ހިފައިގެން. ފޮޓޯ: އިމޭޖަސް.އެމްވީ
ޒޯން ހަތެއް ފެނުނީ އެންމެ ފޯރިގަދަ ޒޯނުގެ ގޮތުގަ އެވެ. އެ ޒޯނުގައި ހިމެނޭ ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ހިމެނޭހެން ހަތް ޓީމު ޒޯން ބުރުގައި ވާދަކުރި އެވެ. ދެ ގްރޫޕަށް ބަހާލައިގެން ކުޅުނު ޒޯން ބުރުގެ މެޗުތަކުން ފުރޭނިގެން ގަދަ 16 އަށް ކޮލިފައިވީ ގދ. ގައްދޫ އާއި ފުވައްމުލަކު ދަނޑިމަގެވެ. އެ ދެޓީމު ޒޯން ފައިނަލުގައި ވާދަކުރާއިރު އެއީ މިދިޔަ އަހަރުގެ ޒޯން ފައިނަލުގެ ރިޕީޓެކެވެ.
މާލެ ހިމެނޭ ޒޯން އަށަކުން ގަދަ 16 އަށް ކޮލިފައިވީ ވިލިމާލެ އާއި މައްޗަންގޯޅި އެވެ. ވިލިމާލެއަކީ އިތުރަށް ވަރުގަދަކޮށްގެން މިއަހަރުގެ މުބާރާތަށް ނުކުތް ޓީމެކެވެ.
މިރޭ އެންމެ ފުރަތަމަ ކުޅޭނީ ޒޯން ހައެއް އަދި ޒޯން އަށެއްގެ ފައިނަލްތަކެވެ. ޒޯން ހައެއްގެ ފައިނަލުގައި ތިމަރަފުއްޓާއި ގަން ވާދަކުރާއިރު ޒޯން އަށެއްގައި ވިލިމާލެ އާއި މައްޗަންގޯޅި ވާދަކުރާނެ އެވެ. އެ މެޗުތައް ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ.
މިރޭ 10 ޖަހާއިރު ކުޅޭނީ ޒޯން ތިނެއް އަދި ޒޯން ހަތަރެއްގެ ދެ ފައިނަލެވެ. ޒޯން ތިނެއްގައި އޭދަފުއްޓާއި ކާށިދޫ ވާދަކުރާއިރު ޒޯން ހަތަރެއްގެ ފައިނަލުގައި ކުޑަހުވަދޫ އާއި ދަރަނބޫދޫ ވާދަކުރާނެ އެވެ.
Advertisement


Leave a Reply