ވޯލްޑް ކަޕް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް ސްޕެއިންގެ ކޯޗު ވަކި ކޮށްފި

Advertisement

ވޯލްޑް ކަޕް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް ސްޕެއިންގެ ކޯޗު ވަކި ކޮށްފި

ޢަލީ ޝަހީމް

ފީފާ ވޯލްޑް ކަޕް މާދަމާ ރަޝިޔާގައި ފަށާއިރު، މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ސްޕެއިން ޓީމުގެ ކޯޗު ޖޫލެން ލޮޕެޓީގު އެޓީމުގެ ކޯޗު ކަމުން މިއަދު ވަކިކޮށްފިއެވެ. ވޯލްޑް ކަޕަށްފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައިވާ ލޮޕެޓީގު ސްޕެއިންގެ ކޯޗު ކަމުން ވަކިކުރީ މުބާރާތް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ރެއާލް މެޑްރިޑާ ރަސްމީކޮށް ހަވާލުވުމާއި ގުޅިގެން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނާއި އުފެދުނު ހިޔާލު ތަފާތު ވުމެއްގެ ސަބަބުންނެވެ.

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް މީގެ ކުޑަ އިރުކޮޅެއް ކުރިން ބޭސްވި ނޫސް ކޮންފަރެންސެއްގައި ވަނީ ލޮޕެޓީގު މަގާމުން ވަކިކުރިކަން އިއުލާން ކޮށްފައެވެ.

” ލޮޕޭޓީގު މަގާމުން ވަކިކުރަން މަޖުބޫރުވީ ސްޕެއިން އަށް ނޭނގި ރެއާލް މެޑްރިޑާ ހަވާލުވުމުން. މިއީ ސްޕެއިން ޓީމު. އޭނާއަށް (ލޮޕެޓީގަށް) އެގޮތަކަށް ކަންތަކެއް ނުކުރެވޭނެ. އަހަރެން ލޮޕެޓީގަށް އިހުތިރާމް ކުރަން. ލޮޕެޓީގާ ނުލާވެސް ކޯޗިން ސްޓާފުންގެ އުއްމީދަކީ ސްޕެއިންއަށް ކާމިޔާބު ވޯލްޑް ކަޕަކަށް ވުން” ލޮޕެޓީގު މަގާމުން ވަކިކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލުއިސް ބުންޏެވެ.

ވޯލްޑް ކަޕަށްފަހު ރެއާލް މެޑްރިޑާއި ހަވާލު ވާނެކަމަށް ބުނެ ރަސްމީކޮށް އެ ކްލަބުން އިއުލާން ކުރީ އިއްޔެ އެވެ. ރެއާލް އާއި ހަވާލުވާނެކަން ހާމަކުރި ހިސާބުންވެސް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ނިންމުމަށް ފާޑު ކިޔާފައެވެ.

2016 ވަނަ އަހަރުގެ ޖުލައިމަހު ސްޕެއިންގެ ކޯޗު ކަމާ ހަވާލުވެ ލޮޕެޓީގު ވަނީ އެޓީމު ކުޅުން ވަރަށް ބޮޑުތަން ރަނގަޅު ކޮށްފައެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމާއި އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ހިސާބަކަށް ނުދެވުމުން ލޮޕެޓީގާއެކު ސްޕެއިން ވެފައި ވަނީ މިފަހަރުގެ މުބާރާތުގެ ފޭވަރިޓުންނަށެވެ. އޭނާގެ އިރުޝާދުގެ ދަށުން 20 މެޗު ސްޕެއިން ޓީމުން ކުޅެފައި ވާއިރު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. 20 މެޗު ތެރެއިން 14 މެޗުން މޮޅު ވެފައި ވާއިރު 6 މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މި މެޗުތަކުގައި އެޓީމުން ވަނީ 61 ލަނޑު ޖަހާފައެވެ. ބައިކޮޅަށް ވަދެފައި ވަނީ 13 ލަނޑެވެ.

ލޮޕެޓީގު ވަކި ކުރުމުން އެޓީމާ ހަވާލު ވާނީ ކާކު ކަމެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *