އެންމެ އަގުބޮޑު ޓްރާންސްފާ ބާޒާރުގެ ޝައުގުވެރި އުސްއަލިތައް

Advertisement

އެންމެ އަގުބޮޑު ޓްރާންސްފާ ބާޒާރުގެ ޝައުގުވެރި އުސްއަލިތައް

ފަހުމިނެޓް
ސައުދީގެ އަލް ނަސްރަށް ބަދަލުވި ޑުރާން. ކޮލަމްބިއާގެ އުއްމީދީ ފޯވާޑް ބަދަލުވީ ބޮޑު އަގަކަށް

ފުޓްބޯޅަ ޓްރާންސްފާ ބާޒާރުގައި ކްލަބްތަކުން ކުޅުންތެރިން އެއްކްލަބުން އަނެއް ކްލަބަށް ބަދަލުވާ ދުވަސްވަރަކީ މިހާރަކަށް އައިސް ވަރަށް ގިނަބައެއްގެ ސަމާލުކަން ލިބޭ ދުވަސްވަރެކެވެ. އަހަރުގެ ކުރީކޮޅު އަދި މެދުތެރޭގައި ނުވަތަ ފުޓުބޯޅަ ސީޒަންގެ ފިނި މޫސުމާއި ހޫނު މޫސުމުގައި ކްލަބްތަކުން ޓްރާންސްފާ ފީއާ، ކުޅުންތެރިންގެ މުސާރައާ، އެއްބަސްވުމުގެ ޝަރުތުތަކާ މެދު މަޝްވަރާތައް ކުރެ އެވެ. އަދި މިކަމުގައި ކުޅުންތެރިންގެ އޭޖެންޓުން މި މުޢާމަލާތްތައް ފަސޭހަކޮށްދޭއިރު، މަޝްހޫރު ޓްރާންސްފާތަކުގައި ގިނަފަހަރު ބޮޑެތި އަދަދުތަކެއް ހިމެނެ އެވެ. މީގައި ކުޅުންތެރިޔާގެ ޕާފޯމަންސްއާއި، އުމުރާއި، އަދި މާކެޓަށް ކުރާ އަސަރު ފަދަ ކަންކަމުން އަގަށް އަސަރުކުރެ އެވެ. ހަމަމިގޮތަށް މިކަން ހަރުދަނާކޮށް ގެންދިޔުމަށް ފައިނޭންޝަލް ފެއަރ ޕްލޭ (އެފް.އެފް.ޕީ) ފަދަ ގަވާއިދުތަކަށްވެސް ކްލްބުތަކުން އަމަލުކުރަންޖެހެ އެވެ. މި ބާޒާރުގައި ހިލޭ ޓްރާންސްފާތަކާއި ލޯނު އުސޫލުން ކުޅުންތެރިން އެއްކުލަބުން އަނެއް ކުލަބަށް ބަދަލުވުންވެސް ހިމެނެ އެވެ.

އެންމެ ފަހުން މިނިމުނު ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމަށް ރެކޯޑު އަދަދަކަށް (2.35 ބިލިއަން ޑޮލަރު) ހަރަދުކޮށްފައިވާކަމަށް، ދުނިޔޭގެ ފުޓްބޯޅައިގެ ވެރިފަރާތް، ފީފާއިން ހުކުރު ދުވަހު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 58 އިންސައްތައިގެ އިތުރުވުމެކެވެ.

ސިޓީން ހޭދަކުރި 223 މިލިއަން ޑޮލަރު، ބޮޑު ސަމާލުކަމެއް

ފީފާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ހަތަރު ކުޅުންތެރިން ގަތުމަށް 223 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު މިއީ ދުނިޔޭގެ ހުރިހާ ކްލަބުތަކުން ކުރި ހޭދައިގެ 10 އިންސައްތަ އެވެ. އެގޮތުން ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޕެޕް ގާޑިއޯލާގެ ސްކޮޑަށް އުމަރު މާމޫޝް، ނިކޯ ގޮންޒާލެޒް، އަބްދުކޮދީރު ކުސާނޯވް އަދި ވިޓަ ރެއިސް ސޮއިކުރުމާއެކު، މުޅި ޕްރިމިއާ ލީގުން ޖުމްލަ 621.6 މިލިއަން ޑޮލަރު ހޭދަކޮށް، އެންމެ ގިނައިން ހޭދަކުރި ލީގުކަމަށް ވަނީ ކަނޑައެޅިގެން ގޮސްފަ އެވެ.

ސިޓީ އަށް ބޮޑު އަގުގައި ގެނައި މިސްރުގެ މާމޫޝް. ޖެނުއަރީ ބާޒާރުގައި ސިޓީ ބޮޑު ހަރަދެއް ކުރި

އެންމެ ގިނަ ފައިސާ ފްރާންސަށް

މީގެ އިތުރުން ކުޅުންތެރިން ގަތުމަށް އެންމެ ގިނައިން ހޭދަކުރި ގައުމުގެ ތެރޭގައި، ޖަރުމަނު ވިލާތުން 295.7 މިލިއަން ޑޮލަރު، އިޓަލީއިން 223.8 މިލިއަން ޑޮލަރު، ފްރާންސްގެ ކްލަބްތަކުން 209.7 މިލިއަން ޑޮލަރު އަދި ސައުދީ އަރަބިއާގެ ކްލަބުތަކުން ހަރަދުކުރި 202.1 މިލިއަން ޑޮލަރު ހިމެނެ އެވެ.

ޓްރާންސްފާ ފީގެ ގޮތުގައި އެންމެ ގިނަ އަދަދެއް ލިބުނު ގައުމުތަކަށްބަލާއިރު އެންމެ ކުރީގައި އުޅެނީ ފްރާންސްގެ ކްލަބްތަކެވެ. އެއީ 371 މިލިއަން ޑޮލަރެވެ. ދެން އެންމެ ގިނައިން ލިބުނު ޖަރުމަނުވިލާތުގެ ކްލަބްތަކަށް ލިބުނީ 226.2 މިލިއަން ޑޮލަރެވެ. އިނގިރޭސިވިލާތުގެ ކްލަބްތަކަށް 185.2 މިލިއަން ޑޮލަރު ލިބުނުއިރު ޕޯޗުގަލްގެ ކްލަބްތަކަށް 176.4 މިލިއަން ޑޮލަރު އަދި އިޓަލީގެ ކްލަބްތަކަށް 162 މިލިއަން ޑޮލަރު ލިބުނެވެ.

ބްރެޒިލްގެ ކްލަބްތަކަށް 471 ކުޅުންތެރިން

ޖުމްލަ 471 ކުޅުންތެރިންނާއިއެކު މުޅި ޓްރާންސްފާ ބާޒާރުގައި އެންމެ ގިނަ ކުޅުންތެރިން ގެންދިޔައީ ބްރެޒިލްގެ ކްލަބުތަކަށެވެ. އާޖެންޓީނާގެ ކްލަބުތަކުން 265 ކުޅުންތެރިން އިތުރުކުރިއިރު ޕޯޗުގަލްގެ ކްލަބްތަކުން 207 ކުޅުންތެރިން،  ސްޕެއިންގެ ކްލަބްތަކުން 200 ކުޅުންތެރިން އަދި އިނގިރޭސިވިލާތުގެ ކްލަބުތަކުން ވަނީ 190 ކުޅުންތެރިން ކުލަބުތަކުގެ ސްކޮޑުތަކަށް އިތުރުކޮށްފަ އެވެ. އެހެންމެ ގިނައިން ކުޅުންތެރިން ވިއްކާލީ އާޖެންޓީނާގެ ކްލަބުތަކުންނެވެ. އެގޮތުން އެގައުމުގެ ކްލަބުތަކުން 255 ކުޅުންތެރިން އެހެން ކްލަބުތަކުން ޖާގަ ހޯދިއިރު، ދެން އެންމެ ގިނައިން ކުޅުންތެރިން ވިއްކާލީ ބްރެޒިލްގެ ކްލަބުތަކުންނެވެ. ފުޓްބޯޅައިގެ ހުނަރު އިންތިހާއަށް އޮތް ބްރެޒިލުން 212 ކުޅުންތެރިން އެހެން ކްލަބްތަކަށް ވިއްކާލި އެވެ. އަދި އިނގިރޭސިވިލާތުގެ ކްލަބުތަކުން 211، އެމެރިކާގެ ކްލަބުތަކުން 188، އަދި ޕޯޗުގަލްގެ ކަލްބުތަކުން 170 ކުޅުންތެރިން ވަނީ އެހެން ކްލަބުތަކަށް ފޮނުވާލާފަ އެވެ.

ޓްރާންސްފާ ބާޒާރުގައި ބްރެޒިލަށް ބަދަލުވި ބައެއް ކުޅުންތެރިން.

ފީފާގެ ލީގަލް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުން ތައްޔާރުކޮށްފައިވާ މިރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން ޖެނުއަރީ 1 އިން ފެބުރުއަރީ 4 އަށް ޖުމްލަ 5،863 ޓްރާންސްފާ ފުރިހަމަކުރިއިރު މި ޓްރާންސްފާ ބާޒާރަކީ ކުރީގެ ރެކޯޑު ކަމުގައިވާ 2024 ގެ ޖެނުއަރީއަށްވުރެ 19.1 އިންސައްތަ އިތުރު އަދަދެކެވެ.

އަންހެން ކުޅުންތެރިންނަށް މިފަހަރު ބޮޑު ޑިމާންޑެއް

އަންހެނުންގެ ފުޓްބޯޅައިގައި ވެސް ޖަނަވަރީމަހު ވަނީ ޓްރާންސްފާ ފީގެ ގޮތުގައި ރެކޯޑު އަދަދެއް ހަރަދުކޮށްފަ އެވެ. އެގޮތުން ކުޅުންތެރިން ގަނެ ވިއްކުމަށް 5.8 މިލިއަން ޑޮލަރު މިކްލަބުތަކުން ހޭދަކޮށްފައިވާއިރު، ޖުމްލަ 455 ޓްރާންސްފާ މިމުއްދަތުގެ ތެރޭގައި ފުރިހަމަކޮށްފައިވެ އެވެ. އަންހެނުންގެ ފުޓްބޯޅައިގައިވެސް އެންމެ ކުރީގައި އުޅެނީ އިނގިރޭސިވިލާތުގެ ކްލަބުތަކެވެ. އެ ޤައުމުގެ ކްލަބުތަކުން 38 ކުޅުންތެރިން ގަންނަން 2.3 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އެންމެ ގިނަ ޓްރާންސްފާތައް ހިންގާފައިވަނީވެސް އެ ޤައުމުގެ ކްލަބުތަކުންނެވެ.

ޗެލްސީގެ އަންހެން ޓީމަށް ސޮއިކުރި އެމެރިކާގެ ޑިފެންޑަރ ނައޯމީ ގިރްމާ. އަންހެނުން ކުޅުންތެރިންގެ އަގުވެސް ވަނީ އުފުލިފައި

ޔޫރަޕުން ކުރަމުން އައި ހަރަދުގެ ބޮޑު މަންޒަރު ބަދަލުވެފައި

މި ޓްރާންސްފާ ބާޒާރުގައި އެންމެ ބޮޑު އަގެއްގައި ކްލަބް ބަދަލުކޮށްފައިވާ ކުޅުންތެރިއަކީ އިނގިރޭސިވިލާތުގެ އެސްޓަން ވިލާއަށް ކުޅުނު ކޮލަމްބިއާގެ ފޯވާޑް ޖޮން ޑުރާންގެވެ. އެގޮތުން އޭނާ ހޯދުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅެމުންދާ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ވަނީ 79.9 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

މީގެ ކުރީގެ އަހަރުތަކުގައި މިފަދަ ޓްރާންސްފާ ބާޒާރުތަކުގައި އާންމު ގޮތެއްގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުން ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރުގައި އޮތް ކޮންޓްރޯލް މިހާރު ދުނިޔޭގެ އެކިހިސާބުތަކަށް ވަނީ ހުޅުވިގެން ގޮސްފަ އެވެ. ހާއްސަ ގޮތެއްގައި މެދުއިރުމަތީގެ ގައުމުގެ ކްލަބްތަކަށާއި އެމެރިކާ ބައްރުގެ ކްލަބްތަކަށް އަދި އޭޝިއާގެ ކްލަބްތަކަށް ކުޅުންތެރިން ބޮޑެތި އަގުތަކުގައި ގެންދާކަންވަނީ ފާހަގަވެފަ އެވެ. އަދި މީގެ އިތުރުން ކްލަބުތަކުންވެސް ދުރުރާސްތާ ވިސްނުމުގެ ތެރެއިން މޮޅެތި ކުޅުންތެރިން އުފެއްދުމަށާއި އަދި އުމުރުން ހަގު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިން ހޯދައި އެކުޅުންތެރިންގެ ހުނަރުތައް އިތުރަށް ކުރިއެވުމަށް އެކްލަބްތަކުގެ މާލީ ވިސްނުންތައް ދަނީ ބަދަލުކުރަމުންނެވެ.

ޕީއެސްޖީ އަށް ބަދަލުވި ޖޯޖިއާގެ ކްވިޗާ ކްރަވަޝްކޭލިއާ. ޔޫރަޕާ ނުބައްދަލު އަގުތަކުގައި ސައުދީ އިން މިހާރު އަންނަނީ ކުޅުންތެރިން ގަންނަމުން

ކޮންމެއަކަސް ޝައުގުވެރިކަން ލިބުނު މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސްކޮޑުތައް ވަރުގަދަ ކުރި ޓީމުތަކާއި އަދި އެކްލަބުގެ މާލީ ހާލަތުގެ ސަބަބުންނާއި އެހެނިހެން ކަންކަމުގެ ސަބަބުން އެކަށީގެންވާ ވަރަށް ކުޅުންތެރިން ނުހޯދުނު ކުލަބުތައް ހިމެނެ އެވެ. މިސީޒަން ނިންމާފައި ހޫނު މޫސުމުގައި ހުޅުވޭ ޓްރާންސްފާ ބާޒާރުގައިވެސް މިގޮތަށް ގިނަ ކުޅުންތެރިން އެއްކުލަބުން އަނެއް ކުލަބަށް ބަދަލުވުމާއި އަދި މަޝްހޫރު ކުޅުންތެރިންގެ ޓްރާންސްފާ ކުރިޔަށްދާނެ ކަމަށް މިހާރުވެސް އަޑުތައްވަނީ ފެތުރިފަ އެވެ. އެގޮތުން ލިވަޕޫލްގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހާއި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ހިމެނޭއިރު، ސައުދީގެ ކްލަބުތަކުންވެސް ދަނީ މަޝްހޫރު ކުޅުންތެރިންނަށް ފާރަލަމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *