40 އަހަރުގައި ވެސް ފަނޑުނުވި 10 ފުޓްބޯޅަ ތަރިން

Advertisement

40 އަހަރުގައި ވެސް ފަނޑުނުވި 10 ފުޓްބޯޅަ ތަރިން

ފަހުމިނެޓް

ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން 40 އަހަރުވުމުން ކުޅުމުގައި ދެމިތިބޭ ކުޅުންތެރިން ވަރަށް މަދެވެ. ފުޓުބޯޅައަކީ ފިޒިކަލް ކުޅިވަރަކަށް ވުމުގެ އިތުރުން ކުޅުންތެރިޔާގެ ވިސްނުމާއި، ދަނޑުމަތީގައި ބޭނުންކުރާ ކްރިއޭޓިވިޓީއާއި އަދި ދިރިއުޅުމުގެ ވައްޓަފާޅި ވެސް މުހިންމު ދައުރެއް އަދާކުރާ ކުޅިވަރަކަށްވުމާ އެކު އުމުރުން 40 އަހަރުގައި ދަނޑުމަތީގައި މޮޅު ކުޅުމެއް ކުޅޭތަން ގިނަ ކުޅުންތެރިންގެ ފަރާތުން ފެނުމަކީ އެހާ އާންމު ކަމެއް ނޫނެވެ. މިދިޔަ ބުދަ ދުވަހު 40 އަހަރު ފުރުނު ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަދިވެސް ދަނޑުމަތީގައި ނުރައްކާތެރި ކުޅުންތެރިއެކެވެ. ދުނިޔޭގެ އެތައްބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާއަކީ ކުޅިވަރުގައި އުފެދުނު އެންމެ “ކޮމްޕްލީޓް” ކުޅުންތެރިޔާ އެވެ. މިހެން މިގޮތަށް ބުނަންޖެހޭ ސަބަބުތައް ވެސް ވަރަށް ބައިވަރެވެ. ފަސް ފަހަރު ބެލޮން ޑިއޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ މިދިޔަ ހޯމަ ދުވަހު ސައުދީ ޕްރޯ ލީގުގައި އޭނާ ކުޅެމުން އަންނަ އަލް-ނަސްރަށް ދެ ގޯލު ޖަހައިދީ ކެރިއަރުގައި އޭނާ ޖެހި ގޯލްގެ އަދަދު 923 އަށް އަރުވާފަ އެވެ. މިއީ މިހާތަނަށް އެއްވެސް ފުޓުބޯޅަ ކުޅުންތެރިއަކަށް ހެދިފައިވާ ރެކޯޑެއް ނޫނެވެ.

ޕޯޗުގަލްގެ ރޮނާލްޑޯ. އުމުރުން 40 އަހަރު މި މަހު ވަނީ ފުރިފަ

ރޮނާލްޑޯ ފަދައިން 40 އަހަރު ފުރުމަށްފަހުވެސް މޮޅުކުޅުމެއް ދެއްކި މަޝްހޫރު ކުޅުންތެރިންގެ ހަނދާން އާކޮށްލަން މިއަށްވުރެ ވަކި މުނާސަބު ވަގުތެއް އޮންނާނެ ހެނެއް ހިއެއް ނުވެ އެވެ. އެންމެ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ޕީޓަރ ޝިލްޓަން، ޑީނޯ ޒޮފް، ރޮޖާ މިލާ އަދި މަޝްހޫރު ސާ ސްޓޭންލީ މެތިއުސް ފަދަ ނަންތަކަކީ މި ޖީލުގެ ސަޕޯޓަރުންގެ ހަނދާނުގައި ހުންނާނެ ނަންތަކެއް ނޫނެވެ. އެހެންކަމާއެކު އެ ކުޅުންތެރިން ދޫކޮށްލުމަށްފަހު މި ގަރުނުގައި ފެނުނު ކުޅުންތެރިންގެ ތެރެއިން އުމުރުން 40 އަހަރު ވުމުން ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންނަށް މި ރިޕޯޓުގައި ބަލައިލާނަމެވެ.

ފްރަންޗެސްކޯ ޓޮޓީ

މި މަޝްހޫރު ޕްލޭމޭކަރަކީ ހަމައެކަނި އިޓަލީގެ އެންމެ ބޮޑު އެއް މަޝްހޫރު ކްލަބްކަމުގައިވާ ރޯމާއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އުމުރުން 16 އަހަރުން ފެށިގެން އެކްލަބަށް އޭނާވަނީ 786 މެޗްކުޅެ، 307 ގޯލް ކާމިޔާބުކޮށްދީފަ އެވެ. އުމުރުން އެންމެ 22 އަހަރުގައި ރޯމާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މިކުޅުންތެރިޔާއަކީ އިޓަލީގެ ސެރިއާގެ ތާރީހުގައި ވެސް އެންމެ ހަގު އުމުރުގައި ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އެވެ.

ރޯމާގައި ވަފާތެރިކަމާއެކު ކެރިއަރު ނިންމާލި ޓޮޓީ. އުމުރުން 40 އަހަރުގައި ވެސް ކުޅުނު

ރޯމާގެ އިތުރުން އިޓަލީގެ ގައުމީ ޓީމަށް ވެސް މުހިންމު ކާމިޔާބީތަކެއް ހޯދާދީފައިވާ މިކުޅުންތެރިޔާ ވަނީ ރޯމާއަށް އިޓާލިއަން ލީގް އެއްފަހަރު އަދި، ކޮޕާ އިޓަލިއާ 2 ފަހަރު ހޯދައިދިނުމުގެ އިތުރުން އިޓަލީގެ ގައުމީ ޓީމަށް 2006 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދާދީފަ އެވެ.

‘ދަ ކެޕްޓަން’ ގެ ނަމުން މަޝްހޫރު ވެފައިވާ ޓޮޓީ އެންމެ ފަހުން ރޯމާއަށް ކުޅެފައިވަނީ 28 މެއި 2017 ގައެވެ. އެއީ އޭނާގެ އުމުރުން 40 އަހަރު ފުރުނުތާ އަށް މަސް ފަހުންނެވެ.

ޓެޑީ ޝެރިންގްހަމް

އިނގިރޭސިވިލާތުގެ ކުރީގެ ފޯވާޑް ޓެޑީ ޝެރިންގްހަމް އަކީވެސް 40 އަހަރުވުމަށް ފަހު ވެސް ރިޓަޔާ ނުކޮށް ކުޅުނު ކުޅުންތެރިއެކެވެ.

ޓީނޭޖް އުމުރުގައި އިނގިރޭސި ކްލަބް މިލްވޯލްގައި ފާހަގަކޮށްލެވޭ ފަދަ ކުޅުމެއް ދެއްކުމުގެ ސަބަބުން، 1991 ގައި ނޮޓިންގްހަމް ފޮރެސްޓްގެ މެނޭޖަރު ބްރަޔަން ކްލަފް ޝެރިންގްހަމް ގަތުމަށް ނިންމި އެވެ. އޭގެ ފަހުން 1992 ގެ އޯގަސްޓް މަހު ޓޮޓެންހަމް ހޮޓްސްޕާއާ ގުޅުމަށްފަހު، 92/93 ގެ ސީޒަންގައި އޭނާ ވަނީ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ފަހު ވަގުތު ގޯލު ޖެހުމަށްފަހު ޝެރިންހަމް އުފާފާޅުކުރަނީ

އެއަށްފަހު 1997 އިން 2001 އަށް އޭނާ ކުޅެފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. މި އަހަރުތަކުގައި އޭނާވަނީ އެޓީމަށް ތިން ފަހަރު އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބުކޮށްދީފަ އެވެ. އަދި މީގެ އިތުރުން 1999 ވަނަ އަހަރު މެނެޗެސްޓާ ޔުނައިޓެޑުން ޗެމްފިއަންސް ލީގު ކާމިޔާބުކުރުމުގައި ވެސް ޝެރިންގްހަމްގެ ހިއްސާ ވަރަށް ބޮޑެވެ.

2000/2001 ވަނަ ސީޒަންގައި ފުޓްބޯޅަ ލިޔުންތެރިންގެ އެސޯސިއޭޝަނުން ދޭ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ކާމިޔާބުކޮށްފައިވާ މިކުޅުންތެރިޔާއަކީ ޕްރިމިއާ ލީގުގައި ގޯލުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ ވެސް މެ އެވެ. ފަހުން ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނުއިރު ޕޯޓްސްމަތުގެ ކޮޅަށް ވައްދާލި ޖޯލު ޖެހިއިރު އޭނާގެ އުމުރަކީ 40 އަހަރާ 286 ދުވަހެވެ.

1993 އިން 2002 އަކަށް އިނގިރޭސި ގައުމީ ޓީމަށް 51 މެޗް ކުޅެ 11 ގޯލު ކާމިޔާބު ކޮށްދީފައިވާ މި ކުޅުންތެރިޔާ 2008 ވަނަ އަހަރު ކުޅުން ހުއްޓާލިއިރު އުމުރަކީ 42 އަހަރެވެ.

ރޮމާރިއޯ

ފުޓުބޯޅައިގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ މޮޅު ގޯލުތައް ޖަހާފައިވާ ކުޅުންތެރިންގެ ތެރެއިން އެކަކު ކަމުގައި ބެލެވޭ ބްރެޒިލްގެ ރޮމާރިއޯއަށް އެންމެ ފުރަތަމަ ސަމާލުކަން ލިބުނީ 1988 ގެ އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމާއި ގުޅިގެންނެވެ.

1988 ވަނަ އަހަރު ވާސްކޮޑަގާމާ ދޫކުރުމަށްފަހު، ޕީއެސްވީ އަދި ބާސެލޯނާގައި ވަރަށް ކާމިޔާބު އަހަރުތަކެއް އޭނާވަނީ ހޭދަކޮށްފަ އެވެ. މި ދެކްލަބަށް 167 ގޯލު ޖެހުމަށްފަހު 1995 ގައި އޭނާ ބްރެޒިލްގެ ފްލަމެންގޯ އާ ގުޅުނެވެ.

ގައުމީ ޓީމަށް  70 މެޗު ކުޅެ 55 ގޯލު ކާމިޔާބުކޮށްދީފައިވާ ރޮމާރިއޯ ވަނީ 1994 ގައި ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތްކަމުގައިވާ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ.

ބްރެޒިލްގެ މަޝްހޫރު ތަރި ރޮމާރިއޯ. 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ 5 ލަނޑު ޖެހި

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ މިކުޅުންތެރިޔާ އެންމެ ފަހުން ކުޅުނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރިއޯ ޑި ޖެނެއިރޯގެ އެމެރިކާ ފުޓްބޯޅަ ކްލަބަށެވެ. އޭރު އޭނާގެ އުމުރަކީ 43 އަހަރެވެ. ނަމަވެސް، ފާއިތުވި އަހަރު އޭނާ ވަނީ ރިޓަޔަރމަންޓުން އެނބުރި އައިސް އޭނާގެ ދަރިފުޅު ރޮމަރިންހޯ އާއެކު ކުޅެފަ އެވެ.

ހަވިއޭ ޒަނެޓީ

އާޖެންޓީނާގެ ކުރީގެ މޮޅު ކުޅުންތެރިޔާ ހަވިއޭ ޒަނެޓީ ވަނީ 1995 ގައި ބާންފީލްޑުން މަސީމޯ މޮރާޓީގެ ޓީމާ ގުޅި 19 އަހަރު އިޓަލީގެ އިންޓަ މިލާނުގައި ހޭދަކޮށް، 862 މެޗް ކުޅެދީފަ އެވެ. އިންޓަ މިލާނުގައި ސެރިއާ ފަސް ފަހަރު ކާމިޔާބުކޮށް ހަތަރު ފަހަރު ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފައިވާ މިކުޅުންތެރިޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ކުޅުން ހުއްޓާލަންދެން އެޓީމުގެ ކެޕްޓަންގެ މަގާމު އަދާކުރަމުންދިޔަ ކުޅުންތެރިޔާ އެވެ. ފާހަގަކޮށްލެވޭ އިތުރު ކާމިޔާބީތަކަށް ބަލާއިރު ޔޫއެފާ ކަޕް އެއްފަހަރު އަދި 2010 ވަނަ އަހަރު އިންޓަ މިލާނަށް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި  2009-2010 ގެ ސީޒަނުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ތާރީހީ ސީޒަންގެ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެ އެވެ.

2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިންޓަ މިލާނުގެ ކެޕްޓަން ޒަނެޓީ. އޭނާ ވެސް 40 އަހަރުގަ ފުޓްބޯޅަ ކުޅުނު

2011 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ އާޖެންޓީނާ އަށް 145 މެޗް ކުޅެދީފަ އެވެ. 2013-2014 ވަނަ ސީޒަންގައި ފުޓުބޯޅަ ކުޅުން ހުއްޓާލީ އޭނާގެ 41 ވަނަ އުފަންދުވަހުގެ 3 މަސްދުވަސް ކުރިންނެވެ.

ޖިއަންލުއީޖީ ބުފޮން

އިޓަލީ ލީގުގައި އެންމެ ގިނަ މެޗްގައި ގޯލު ކީޕަރެއްގެ ގޮތުގައި ކުޅެފައިވާ އަދި އެންމެ ގިނަ ކްލީންޝީޓް ހަދާފައިވާ ޖިއަންލުއިޖީ ބުފޮން ފުޓްބޯޅަ ކުޅުން ހުއްޓާލީ 2023 ގެ އޯގަސްޓް މަހު އޭނާގެ އުމުރުން 45 އަހަރުގަ އެވެ.

ކާމިޔާބުކަމާއިއެކު 28 އަހަރު ދަނޑުމަތީގައި ހޭދަކޮށްފައިވާ އިޓަލީގެ މިކުޅުންތެރިޔާ ވަނީ ޔުވެންޓަސް އާއެކު 10 ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި އިޓަލީ އަށް 2006 ގައި ވޯލްޑް ކަޕް ކާމިޔާބުކުމުގައި އޭނާއަކީ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ބުފޮން ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަނުގައި ފްރާންސްގެ ޕީ.އެސް.ޖީ އާއިއެކު ފްރާންސްގެ ލީގު 1 ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ އޭނާ ފުރަތަމަ ފަހަރަށް އިޓަލީ ލީގު ދޫކޮށް އެހެން ގައުމެއްގައި ކުޅުނު ސީޒަނުގަ އެވެ. ނަމަވެސް އޭނާގެ ކެރިއަރު ނިންމާލީ އެންމެ ފުރަތަމަ ކުޅެންފެށި ސެރީއޭ ބީގައި، ޕާމާ އަށް 19 މެޗު ކުޅުމަށްފަހުގަ އެވެ.

ފުޓްބޯޅަ ލެޖެންޑް ބުފޮން. ދުނިޔޭގައި އެންމެ ފާހަގަކޮށްލެވުނު ކީޕަރުންގެ ތެރޭގައި ބުފޮން ހިމެނޭ

ޒްލަޓަން އިބްރަހިމޮވިޗް

ސްވިޑަންގެ ވަރުގަދަ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ވަނީ ފްރާންސްގެ ޕީއެސްޖީ، އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް އަދި އިޓަލީގެ މިލާންގެ ދެ ޓީމް ހިމެނޭ ގޮތަށް ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބްތަކަށް ކުޅެ 511 ގޯލު ޖަހާފަ އެވެ. ޖުމްލަ 34 މުބާރާތް ކާމިޔާބުކޮށްފައިވާ މިކުޅުންތެރިޔާވަނީ 14 ފަހަރު ލީގު ޗެމްޕިއަންޝިޕް ހޯދައި އަދި 11 ފަހަރެއްގެ މަތިން ބެލޮން ޑިއޯއަށް ނޮމިނޭޓްވެފަ އެވެ.

މަޝްހޫރު އިބްރަހިމޮވިޗް. 40 އަހަރުގައި ވެސް ފެނުނީ ފިޓްކޮށް

އޭނާގެ ފަހުރުވެރި ކެރިއަރުގައި ވެސް ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ ނަސީބެއް ލިބިފައިނުވާ މިކުޅުންތެރިޔާ، 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާއިއެކު ޔޫރަޕާ ލީގް ކާމިޔާބުކޮށްފައިވެ އެވެ. ސްވިޑެންގެ ގައުމީ ޓީމަށް 122 މެޗު ކުޅެދީފައިވާ މި އިތުބާރު ފޯވާޑު ވަނީ ގައުމީ ޓީމަށް 62 ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ އެޓީމަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާވެސްމެ އެވެ. އުމުރުން 41 އަހަރުގައި ކުޅުން ހުއްޓާލިއިރު މިކުޅުންތެރިޔާ ކުޅެމުންދިޔައީ އިޓަލީގެ އޭސީ މިލާނުގަ އެވެ.

ރަޔަން ގިގްސް

އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާއަށްވުމުގެ އިތުރުން ކުރީގެ މެންޗެސްޓާ ޔުނައިޓެޑް އަދި ވޭލްސްގެ ވިންގާ ރަޔަން ގިގްސް ވަނީ 13 ލީގު ޗެމްޕިއަންޝިޕާއި، ހަތަރު އެފްއޭ ކަޕާއި، 2 ޗެމްޕިއަންސް ލީގާއިއެކު، ޖުމްލަ 34 މުބާރާތް މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބުކޮށްދީފަ އެވެ. އެޓީމަށް 963 މެޗް ކުޅެދީފައިވާއިރު، ވޭލްސްގެ ގައުމީ ޓީމަށް އޭނާވަނީ 64 މެޗް ކުޅެދީފަ އެވެ.

ޔުނައިޓެޑްގެ ކާމިޔާބު ކުޅުންތެރިޔާ ގިގްސް. އެއ ފެންވަރެއްގައި ގިނަ ދުވަހު ކުޅުނު

ވޭލްސްއާ އެކު ބޮޑު އިންޓަނޭޝަނަލް މުބާރާތެއްގައި ބައިވެރިވެފައި ނުވިނަމަވެސް، 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވުނު އޮލިމްޕިކް ގޭމްސްގައި ޓީމް ގްރޭޓް ބްރިޓެންގެ ކެޕްޓަންކަން ގިގްސް ކޮށްފައިވެ އެވެ. ގިގްސް މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ފަހުން ކުޅުނީ 2014 ވަނަ އަހަރުގެ މެއި މަހު ހަލް ސިޓީއާ ދެކޮޅަށް، 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކުރި މެޗުގަ އެވެ. އޭރު އޭނާގެ އުމުރަކީ 40 އަހަރެވެ. އޭގެ ފަހުން އޭރުގެ މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖަރު ލުއީ ވެން ހާލްގެ އެހީތެރިޔާގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.

ޕައޮލޯ މަލްޑީނީ

ގިނަ ބަޔަކު އެންމެ މޮޅު ޑިފެންޑަރުގެ ގޮތުގައި އަދިވެސް ގަބޫލުކުރާ ޕައޯލޯ މަލްޑީނީ އޭނާގެ މުޅި ކެރިއަރު ހޭދަކުރީ އޭސީ މިލާންގައެވެ. އޭނާ ވަނީ އެ ކްލަބަށް 902 މެޗު ކުޅެ، ހަތް ފަހަރު އިޓަލީ ލީގުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މީގެ އިތުރުން ފަސް ޗެމްޕިއަންސް ލީގާއި އެއް ކޮޕާ އިޓާލިއާ ކާމިޔާބުކޮށްދީފައިވެ އެވެ. 25 އަހަރުގެ ފާހަގަކޮށްލެވޭ މުޅި ކެރިއަރުގައި އިޓަލީ އަށް 126 މެޗު ކުޅުނު ނަމަވެސް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ކުރިން އޭނާ ވަނީ ގައުމީ ޓީމުން ރިޓަޔަކޮށްފަ އެވެ. ކްލަބް ފެންވަރުގައި އޭނާ ކުޅުން ހުއްޓާލީ 2009 ވަނަ އަހަރު އުމުރުން 41 އަހަރުގަ އެވެ.

ޑިފެންޑަރު މަލްޑީނީ. 40 އަހަރުގައި ކުޅުނު ދުނިޔޭގައި ފާހަގަކޮށްލެވޭ ޑިފެންޑަރެއް

މަލްޑީނީ ކުޅުން ހުއްޓާލުމާ ގުޅިގެން މިލާނުން ވަނީ އެ ކްލަބްގެ 3 ނަންބަރު ޖާޒީ ވެސް ރިޓަޔަކޮށްފަ އެވެ.

ކަޒުޔޯޝީ މިއުރާ

ރޮނާލްޑޯ، ބުފޮން، މަލްޑީނީ އަދި އެހެން ކުޅުންތެރިން ހަނދާންނައްތާލަންވީ އެވެ. ކަޒުޔޯޝި މިއުރާ 2007 ވަނަ އަހަރު 40 އަހަރު ފުރުނުއިރު އޭނާގެ ކެރިއަރުގެ ނިމުމާ ކައިރިވެސް ނުވެ އެވެ.

ރޮނާލްޑޯ އަށް 40 އަހަރު ފުރޭތާ 3 ހަފްތާ ފަހުން މިއުރާ އަށް ފުރޭނީ 58 އަހަރެވެ. މިހާރުވެސް ވަރުގަދައަށް ކުޅެމުންދާ މިކުޅުންތެރިޔާ މިހާރު ކުޅެމުންދަނީ ޖަޕާނުގެ ހަތަރު ވަނަ ޑިވިޝަންގެ އެޓްލެޓިކޯ ސުޒުކާގަ އެވެ.

“ކިންގް ކަޒޫ” ގެ ނަމުން މަޝްހޫރު މިއުރާގެ ކެރިއަރު ފެށުނީ 1986 ވަނަ އަހަރު ބްރެޒިލްގެ ކްލަބް ސަންޓޯސްގަ އެވެ. އަދި އޭނާ ވަނީ ޕަލްމެއިރާސް، ޖެނޯއާ، ޑިނަމޯ ޒަގްރެބް، ވިސެލް ކޯބެ، ސިޑްނީ އަދި ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ކްލަބް އޮލިވެއިރެންސެގައި ކުޅެފަ އެވެ.

ކަޒުޔޯޝި މިއުރާ، 57 އަހަރުގައިވެސް ފުޅުބޯޅަ ކުޅުމުގައި ކުރިޔަށް

އޭނާ ވަނީ 1990 އާއި 2000 އާ ދެމެދު ޖަޕާނަށް 89 މެޗުކުޅެ 55 ގޯލު ޖަހައި، 1992 ވަނަ އަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 18 މުބާރާތުގެ ތެރެއިން އެކެކެވެ. އަދި އޭނާއަށް 1992 ވަނަ އަހަރުގެ އޭޝިއަން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބިފައިވެ އެވެ.

މަދުން ނަމަވެސް 40 އަހަރު ވުމުން ވެސް ފުޓްބޯޅަ ކުޅޭ ބައެއް ކުޅުންތެރިން ދައްކުވައިދެނީ އާދަޔާ ހިލާފު ހިތްވަރަކާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި، ހުނަރުވެރިކަމެވެ. ކުޅިވަރުގެ ދާއިރާގެ ސިއްހީ ހިދުމަތްތަކާއި ތަމްރީނުތަކުގައި އަންނަ ކުރިއެރުންތަކުގެ ސަބަބުން ކުޅުންތެރިންނަށް އެމީހުންގެ ކެރިއަރުގައި ދިގުމުއްދަތަކަށް ކުޅުމުގެ ފުރުސަތު ލިބެ އެވެ. ހަމަ ޔަގީނުންވެސް މި ކުޅުންތެރިންނަކީ ރޯލް މޮޑެލުންގެ ގޮތުގައި އެންމެން ބަލައިގަންނާނެ އެވެ. އަދި އުމުރަކީ ކޮންމެހެން ފުޓްބޯޅައިގައި ކާމިޔާބު ހޯދުމަށް ހުރަހަކަށް ނުވާނެކަން މިކުޅުންތެރިންވަނީ ސާބިތުކޮށްދީފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *