ޒިދާންގެ މަގާމް ރެއާލްގައި ފުރާނީ ލޮޕެޓީގު

މިދިޔަ ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ކާމިޔާބު ކޮށްދިން ޒިނެދިން ޒިދާން ދާދި ފަހުން އެ ކްލަބް ދޫކޮށްލުމުން، ބަދަލުގައި ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ޖޫލެން ލޮޕެޓީގު ގެންނަން އެ ކްލަބުން ނިންމައިފި އެވެ. ލޮޕެޓީގް ރިއާލް މެޑްރިޑަށް ހަމަޖެއްސީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އުމުރުން 51 އަހަރުގެ ސްޕެއިންއަށް އުފަން ލޮޕެޓީގަކީ މީގެ ގޯލް ކީޕަރަށް ކުޅުނު ކުޅުންތެރިއެކެވެ. ކޯޗިންގެ ދާއިރާއިން ލޮޕެޓީގު އެންމެ ފުރަތަމަ ފެނުނީ ސްޕެއިންގެ 17 އަހަރުގެ ދަށުގެ ޓީމާއެކު 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ސްޕެއިން 19 އަހަރުން ދަށާއި 20 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޓީމުވެސް ބަލަހައްޓާފައެވެ. ކްލަބް ލެވެލްގައި ލޮޕެޓީގު އެންމެ ފުރަތަމ ފެނުނީ ޕޯޓޯ އިންނެވެ. ޕޯޓޯއަށް ދެ އަހަރު އިރުޝާދު ދިނުމަށްފަހު އޭނާ މިހާރު ހުރި ސްޕެއިންގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ސްޕެއިންއާ ހަވާލު ވުމަށްފަހު ލޮޕެޓީގު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެންމެ ފަހުން ކުޅުނު 20 މެޗުން ވެސް ސްޕެއިން ބަލިވެފައި ނުވާއިރު، އެޓީމަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އެއް ޓީމެވެ.
ވޯލްޑް ކަޕަށްފަހު ރިއާލް މެޑްރިޑް ޓީމާ އޭނާ ހަވާލު ވާއިރު އެންމެ މުހިއްމު އެއް މަސައްކަތަކަށް ވަނީ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭ އެޓީމުގެ ދެތަރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތް ބޭލް ޓީމުގައި ހިފެހެއްޓުމެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ރިއާލް މެޑްރިޑް ދޫކޮށްލުމަށް ފަހު ރޮނާލްޑޯ ގުޅުމުގެ އެންމެ ފުރުސަތު ބޮޑީ ފްރާންސް ގެ ޕީއެސްޖީ އާއެވެ.
ލޮޕެޓީގު ރިއާލް މެޑްރިޑާއި ގުޅުމުގެ ކުރިން އެޓީމުން ވަނީ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންދަން ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޕޮޗެޓީނޯ ޓޮޓެންހަމާއެކު އާ އެއްބަސް ވުމެއްގައި ސޮއި ކުރުމުން ރިއާލް އިން ވަނީ ޕޮޗެޓީނޯ ގެންދިއުމުގެ ވިސްނުން ދޫކޮށްލާފައެވެ.
މިދިޔަ ސީޒަން ގައި ސްޕެނިޝް ލަލީގާގެ ތިންވަނަ ރިއާލް އަށް ލިބުނު އިރު، އެޓީމުން ލީގު ނިންމާލީ އިރު ވާދަވެރި ބާސެލޯނާއާއި 17 ޕޮއިންޓުގެ ފަރަގެއް އޮތެވެ.
Advertisement


Leave a Reply