އެމްބާޕޭގެ ހުވަފެން އަހަރެން ހަގީގަތަކަށް ހަދައިދޭނަން: ވިނީޝިއުސް

Advertisement

އެމްބާޕޭގެ ހުވަފެން އަހަރެން ހަގީގަތަކަށް ހަދައިދޭނަން: ވިނީޝިއުސް

ފަހުމިނެޓް

ސްޕެނިޝް ލީގުގެ ޓޮޕް ސްކޯރާގެ މަގާމު ފްރާންސްގެ ކިލިއަން އެމްބާޕޭއަށް ހޯދައިދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގައި އެމްބާޕޭއާއެކު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ވިނިޝިއުސް ޖޫނިއާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އެމްބާޕޭ ރެއާލް މެޑްރިޑާ ގުޅުނުއިރު ވިނީ އަކީ އެ ޓީމުގެ މުހިންމު ތަނބެކެވެ. އޭރު އޭނާ ވަނީ ރެއާލް މެޑްރިޑަށް 100 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި، ޑޮމެސްޓިކް ތިން މުބާރާތަކާއި، ޗެމްޕިއަންސް ލީގު ދެ މުބާރާތް ރެއާލްއަށް ކާމިޔާބުކޮށްދިނުމުގައި ވިނީ ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. މި ސަބަބުތަކާހުރެ އެމްބާޕޭ ރެއާލްގައި ކުޅޭ މަގާމަށް ބަދަލުވެސް ގެންނަންޖެހުނެވެ.

ރެއާލް މެޑްރިޑްގައި ވިނީ ކުޅެމުން އަންނަނީ ވާތްފަރާތު އަރިމަތިން ކަމަށް ވުމާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސްގެ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރި އެމްބާޕޭއަށް ޖެހުނީ އޭނާ ކުޅޭ އަސްލު މަގާމުގެ ބަދަލުގައި މެދުތެރެއިން ކުރިއަށް ކުޅޭށެވެ. ސީޒަންގެ ކުރީކޮޅު މި ބަދަލަށް ހޭނެން ވަގުތު ނެގި ނަމަވެސް މިހާރު އެ މަގާމުގައި އޭނާ އަންނަނީ ރަގަޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް މި ސީޒަންގައި އެމްބާޕޭ ވަނީ 19 ގޯލް ރެއާލްއަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތެރެއިން 12 ގޯލަކީ ސްޕެނިޝް ލީގުގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑެވެ. މިއީ މިވަގުތު ސްޕެނިޝް ލީގުގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އުޅޭ ބާސެލޯނާގެ ފޯވާޑް ލެވަންޑޮސްކީ ޖަހާފައިވާ ލަނޑަށްވުރެ ހަތަރު ލަނޑު މަދު އަދަދެކެވެ.

ބްރެޒިލްގެ ނޫހެއް ކަމަށްވާ ޓީއެންޓީ ސްޕޯޓްސް އަށް ވިނީ ދިން އިންޓަވިއުއެއްގައި ވިނީ ބުނެފައިވަނީ ލަނޑު ޖެހުމަށްޓަކައި މަސައްކަތްކުރަމުން އަންނަނީ ވަރަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެންނެވެ.

“އަހަރެމެން (ވިނީ، އެމްބާޕޭ އަދި ރޮޑްރިގޯ) އަކީ މި ޓީމުގެ ތިން ފޯވާޑުން، އަހަރެމެން ތިން މީހުންގެ ޒިންމާއަކީ ގޯލް ޖެހުމާއި، ގޯލް ޖެހުމަށް އެހީތެރިވެދިނުން. އެމްބާޕޭ ޓީމާ ގުޅުމަކީ އަހަރެމެން ވަރަށް އުފާވާ ކަމެއް.” ވިނީ ބުނެފައިވެ އެވެ.

“ފަށައިގަންނައިރު ކޮންމެ މީހަކަށްވެސް އުނދަގޫތަކެއް ހުންނާނެ. އެކަމަކު އެމްޕާބޭ މިހާރު ވަނީ ވަރަށް ރަގަޅަށް ޓީމުގެ ކުޅުމަށް ހޭނިފަ. އެމްބާޕޭ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ޓީމުގެ ކުޅުމަށް ހޭނެމުން އައި މަރުހަލާގައިވެސް އެމްޕާބޭ ވަނީ ގިނަ ގޯލްތަކެއް ކާމިޔާބުކޮށްފަ. އެމްބާޕޭއަށް ޓޮޕް ސްކޯރާގެ މަގާމު ހޯދައިދޭން އަހަރެންނާއި ރޮޑްރިގޯއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން.” ވިނީ އިތުރަށް ބުނެފައިވެ އެވެ.

ސީޒަން ދެބައިވެފައިވާއިރު ރެއާލް މެޑްރިޑް މިހާރު ވަނީ ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް ކުރިއަށް ޖެހިލާފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *