ށ. ގޮއިދޫ ކައުންސިލް ފުޓްސަލް މުބާރާތް މިއަދު ފަށަނީ

Advertisement

ށ. ގޮއިދޫ ކައުންސިލް ފުޓްސަލް މުބާރާތް މިއަދު ފަށަނީ

ފަހުމިނެޓް
މިދިޔަ އަހަރު ގޮއިދޫގައި ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން. ފޮޓޯ: ގޮއިދޫ ކައުންސިލް

ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޮއިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް މުބާރާތް މިއަދު ފަށާނެ އެވެ.

ގޮއިދޫގައި މިއަދު ފަށާ މުބާރާތުގައި އެރަށުގެ ފަސް ޓީމު ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރަނީ އެފްސީ ޔުނީކް ބޯއީޒް، އެމްޓީ ސްޕޯޓްސް ކްލަބް، އެފްޓީ ކިންގްސްގެ އިތުރުން ކައްކަކާއޯ އަދި ކެލިފޯނިއާ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ ޔުނީކް ބޯއީޒް އެވެ. އެޓީމު ފައިނަލުގައި މޮޅުވީ އެމްޓީ ސްޕޯޓްސް ކްލަބާ ވާދަކޮށެވެ.

ކައުންސިލުން 2015 ވަނަ އަހަރުން ފެށިގެން އިންތިޒާމުކުރަމުން އަންނަ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާ ދޭނެ އެވެ.

ކައުންސިލުން ބުނީ މުބާރާތުގެ އަމާޒަކީ އެރަށުގައި ފުޓްސަލްގެ ޝައުގުވެރިކަން ބޮޑުވެ ވާދަވެރި މާހައުލެއްގައި ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

“މިރަށަކީ ފުޓްސަލް އަށް ޝައުގުވެރިވާ ޒުވާނުން އުޅޭ ރަށަކަށް ވާތީ، ބޭނުމަކީ ފުޓްސްލް ކުޅޭ ޕްލެޓްފޯމެއް ކައުންސިލުން ގާއިމްކޮށްދިނުން” ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.

ގޮއިދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ތެރެއިން. އެރަށަކީ މުބާރާތްތަކުގެ އިންތިޒާމުތައް ރަނގަޅު ރަށެއް. ފޮޓޯ: ގޮއިދޫ ކައުންސިލް

މިއަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ފެންނާނެ އެވެ. ހާއްސަކޮށް މިލައުތުރުގައި ވިދުންގަދަ ތަރިން މުބާރާތުގައި ކުޅޭނެ އެވެ.

މުބާރާތުގެ ހުރިހާ މެޗެއް ރަނގަޅު ފެންވަރުގައި ކޮމެންޓްރީއާ އެކު ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ޕޭޖުން ދައްކާނެ އެވެ.

ގޮއިދޫ އަކީ މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި މިލައުތުރުގެ ކައުންސިލް މުބާރާތް ކޯހޯސްޓް ކުރި ރަށެވެ. އެރަށުގައި މުބާރާތް ގެންދިޔައީ ވަރަށް ފުރިހަމަކޮށެވެ. ގޮއިދޫ ކައުންސިލުން ބުނީ މިއަހަރުގެ މުބާރާތުގެ އިންތިޒާމުތައް ވެސް އެފެންވަރަށް ރަނގަޅުކޮށް އިތުރަށް ފުރިހަމަކުރާނެ ކަމަށެވެ.

ގޮއިދޫ އަކީ ފުޓްސަލްގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ރަށެކެވެ. އެޓީމު ވަނީ އެންމެ ފަހުގެ މިލައިތުރު ފުޓްސަލްގެ ފައިނަލުގައި ކުޅެ ހިތްދަތި ގޮތަކަށް ކަނޑިތީމު އަތުން ބަލިވެފަ އެވެ.

އެރަށަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި 2019 ވަނަ އަހަރު ވާދަކުރުމެވެ. އެފަހަރުގެ ސެމީގައި ގޮއިދޫ ބަލިވީ ވަރުގަދަ އޭދަފުށި އަތުން ފަހު ވަގުތު ބަލިވެގެންނެވެ.

ގޮއިދޫ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. ސެމީ ފައިނަލް އޮންނާނީ ޖޫން 22 ގަ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 23 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *