ފުޓްސަލްގެ އެންމެ ކާމިޔާބު ރަށުގައި 10 އަހަރަށް ފަހު މުބާރާތެއް ބާއްވަނީ

Advertisement

ފުޓްސަލްގެ އެންމެ ކާމިޔާބު ރަށުގައި 10 އަހަރަށް ފަހު މުބާރާތެއް ބާއްވަނީ

ފަހުމިނެޓް
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ތިމަރަފުށީގެ ބައެއް ކުޅުންތެރިން. އީދުގައި އެރަށުގައި އޮތީ ވާދަވެރި ފުޓްސަލް މުބާރާތެއް

ރާއްޖޭގެ ފުޓްސަލްގައި އެންމެ ކާމިޔާބު ރަށް، ތ. ތިމަރަފުށީގައި 10 އަހަރަށް ފަހު ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ތިމަރަފުށްޓަކީ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ހުނަރުވެރިން ގިނަ ރަށެކެވެ. ބޮޑުއީދު ބަންދާ ދިމާކޮށް އެރަށުގައި “އެފްއޭއާރު ފުޓްސަލް ޗެލެންޖް” ގެ ނަމުގައި މުބާރާތް ފަށާނީ މާދަމާ އެވެ.

Advertisement

ތިމަރަފުށީގައި އެންމެ ފަހުން ފުޓްސަލް މުބާރާތެއް ބޭއްވީ 2014 ވަނަ އަހަރު އެވެ. އޭގެފަހުން ރަށުގައި ފުޓްސަލް މުބާރާތެއް ނުބޭއްވުނީ ރަނގަޅު ފެންވަރެއްގެ ދަނޑެއް ނެތުމުންނެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި ޓާފް ފުޓްސަލް ދަނޑު ގާއިމްކޮށްފައި ހުއްޓަސް ތިމަރަފުށީ ޒުވާނުންނަށް އަދި އެ ނަސީބު ލިބިފައެއްނުވެ އެވެ. މިފަހަރުގެ މުބާރާތް ބާއްވަނީ އެތައް ދުވަހަކަށް ފަހު މިދިޔަ އަހަރު އެރަށުގައި ތަރައްގީކުރި ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ.

ތިމަރަފުށީ ފަޅުމަސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން މުބާރާތް ކުރިއަށްގެންދަނީ ތިމަރަފުށީ އެކުވެރިންގެ އާ ރޫހު ޖަމިއްޔާއާ ގުޅިގެންނެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުގެ އަމާޒަކީ ކޮންމެ އަހަރަކު ބޮޑު އީދު ބަންދާ ދިމާކޮށް ފުޓްސަލް މުބާރާތް އެރަށުގައި ބޭއްވުމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓްރޮފީ ތިމަރަފުށި ޓީމުން އުފުލާލަނީ. ފުޓްސަލްގައި އެންމެ ކާމިޔާބީ އެރަށް

މިއަހަރުގެ މުބާރާތަކީ ތިމަރަފުށީގެ ތާރީހުގައި އެރަށުގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް 10000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގައި 8 ޓީމު ވަނީ ބައިވެރިވެފަ އެވެ. އޭގެތެރެއިން އެއް ޓީމު ނިސްބަތްވަނީ އެރަށުގައި އުފައްދާފައިވާ ފުޓްބޯޅަ އެކެޑަމީއަކަށެވެ. އެ ޓީމުގައި ހިމެނެނީ 16 އަހަރުން ދަށުގެ ކުދިންނެވެ.

ގްރޫޕް އޭގައި ހިމެނެނީ ޓައިޓަންސް ފުޓްބޯޅަ ކްލަބް، ފީޓް އެކެޑަމީ، ޔުނިޓީ ސްޕޯޓްސް ކްލަބް އަދި ޓައިމްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ކަންމަތި ސްޕޯޓްސް ކްލަބް، ފަޅުމަސް، ގަލްފް ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބެވެ.

ކޮންމެ ޓީމެއްގައި ރަށުން ބޭރުން ތިން ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެއްގަޑީގައި ދަނޑުގައި ތިބެވޭނީ އޭގެތެރެއިން ދެ ކުޅުންތެރިންނަށެވެ. މުބާރާތުގައި ކުޅުމަށް ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން މިހާރު ވަނީ އެރަށަށް ގޮސްފަ އެވެ.

ތިމަރަފުށީގެ އާދަންނާ ފުޓްސަލް މެޗެއްގައި ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. ރާއްޖޭގެ ފުޓްސަލްގައި އެންމެ ތަރިން ގިނައީ ތިމަރަފުށީގައި

މުބާރާތް ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު ޔުނިޓީ އާއި ފީޓް ވާދަކުރާ މެޗުންނެވެ. މާދަމާ ހަވީރު 5 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާއި ގަލްފް ސްޕޯޓްސް ކްލަބެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 21 ވަނަ ދުވަހު ނިމޭއިރު ސެމީ ފައިނަލް ދެ މެޗު އޮންނާނީ 22 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 24 ވަނަ ދުވަހު އެވެ.

ތިމަރަފުށިން އެ އުފައްދަނީ އާ ޖީލެއް

ރާއްޖޭގެ ފުޓްސަލްގެ ތާރީހުގައި އެންމެ ކުރީގައި އޮތީ ތިމަރަފުއްޓެވެ. އެރަށުން ވަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ. އެންމެ ފުރަތަމަ ތިމަރަފުށިން މުބާރާތް ކާމިޔާބުކުރީ 2016 ވަނަ އަހަރު ސ. ފޭދޫ ބަލިކޮށްގެނެވެ. އޭގެފަހުން 2019 ވަނަ އަހަރުގެ ފައިނަލުގައި ބ. އޭދަފުށި ބަލިކުރި އެވެ. ތިމަރަފުށި ތިން ވަނަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރީ 2022 ވަނަ އަހަރު އެވެ. ވާދަވެރި އެ ފައިނަލުގައި ކ. ގާފަރާ ވާދަކޮށް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ތިމަރަފުށި ވަނީ ހޯދާފަ އެވެ. އެފަހަރު ފައިނަލުގައި ށ. ފޯކައިދޫއާ ވާދަކޮށް ގަލޮޅު ދަނޑުގައި ތިމަރަފުށި މޮޅުވީ 0-3 އިންނެވެ. ޗެމްޕިއަންކަމަށް ފަހު ތިމަރަފުށި ވަނީ ޖެހިގެން އައި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް ވާދަކޮށްފަ އެވެ. އޭގެކުރިން 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ބ. އޭދަފުށި އަތުން 0-1 އިން ބަލިވި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ކާމިޔާބުކުރި ތިމަރަފުށީ ޓީމަށް އެރަށުން ރަތްދޫލައިގެ މަރުހަބާއެއް ކިޔަނީ

މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ، އަމާޒަކީ ތިމަރަފުށީގެ ކާމިޔާބު ޖީލަށް އިތުރު ހުނަރުވެރި ކުޅުންތެރިންތަކެއް ނެރުން ކަމަށެވެ. އެކަމަކު އަވަށު ވާދަވެރިކަން އިންތިހާއަށް ބޮޑު އެރަށުގައި އެވަރުގެ ފުޓްސަލް މުބާރާތެއް އިންތިޒާމުކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

“މިކަމާ ކެރިގެން ކުރިމަތިލައިގެން ވާދަވެރިކޮށް ސުލްހަވެރިކަމާއެކު މި މުބާރާތް ރާވާ އިންތިޒާމުކުރުމަކީ ފަސޭހަކަމެއް ނޫން. މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު ގޮންޖެހުމެއް” މުބާރާތަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަ ޓީމުގެ އޮފިޝަލް ބުންޏެވެ.

ތިމަރަފުށީގެ ރަން ޖީލުގެ ހުރިހާ ކުޅުންތެރިންހެން މިފަހަރުގެ މުބާރާތުގައި އަމިއްލަ ރަށުގައި ކުޅޭނެ އެވެ. އެކަމަކު އެ ކުޅުންތެރިންނަށް ދޫނުދޭނެ ހުނަރުވެރިން މިހާރުވެސް އެރަށުގައި އެބަތިއްބެވެ.

“10 އަހަރު ވެއްޖެ ޒުވާނުން ރަށުގައި މިފަދަ ވާދަވެރި މުބާރާތަކަށް އިންތިޒާރުކުރާތާ. މި މުބާރާތް ވާނީ އާ ޖީލެއް ބިނާކުރުމަށް ކޮށޭ މަގަކަށް. ފުޓްސަލްގައި ތިމަރަފުށީގެ ނަން ދެމެހެއްޓުމަށް ތިމަރަފުށި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް މިއީ”

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *