ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާނު އަތްދަށުން އިންޑިއާ ސަލާމަތްވީ ކިރިޔާ
އެމެރިކާގައި މިހާރު ކުރިއަށްދާ ޓީ 20 ކްރިކެޓް ވޯލްޑް ކަޕްގައި ރޭ އިންޑިއާއިން ވާދަވެރި ޕާކިސްތާނު ބަލިކޮށްފި އެވެ.
30 ހާހަށްވުރެ ގިނަ މީހުން ކުޅިބަލަން ވަން މެޗުގި އިންޑިއާއިން ޕާކިސްތާނުގެ މައްޗަށް ކުރި ހޯދީ އެންމެ ހަ ލަނޑުންނެވެ.
ނިއު ޔޯކްގައި ކުޅުނު މެޗުގައި ޓޮސް ދިމާވެގެން ޕާކިސްތާނުން ނިންމީ ފުރަތަމަ އުކާށެވެ. މި ނިންމުމާއެކު އިންޑިއާ އިން ކުޅެން އަރާ ބާކީ އެއް އޯވަރު އޮއްވައި އެންމެން ނުބައިވެގެން ހެދުނީ 119 ލަނޑެވެ. މި އިނިންގްސް ގައި އިންޑިއާގެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 31 ބޯޅައިން 42 ލަނޑު ހެދި ރިޝާބު ޕާންޓެވެ. އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން އެންމެ ރަގަޅަށް އުކީ ހާރިސް ރައޫފާއި، ނަސީމް ޝާހް އެވެ. ރޭގެ މެޗުގައި މިއިން ކޮންމެ ކުޅުންތެރިޔަކު 21 ލަނޑަށް ތިން ވިކެޓް ނެގި އެވެ.
ޕާކިސްތާނުން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 113 ލަނޑެވެ. މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަގަޅަށް ކުޅުނީ 44 ބޯޅައިން 31 ލަނޑު ހެދި މުޙައްމަދު ރިޒްވާނެވެ. މި މެޗުގެ 15 ވަނަ އޯވަރާ ހަމައަށް އައިއިރު އެންމެ ތިން ކުޅުންތެރިން ނުބައިވެގެން ޕާކިސްތާނުން 80 ލަނޑު ހެދުމާއެކު އެ ޓީމުން އިންޑިއާގެ މައްޗަށް ކުރި ހޯދާނެ ކަމަށް ބެލެވުނެވެ. އެކަމަކު އިންޑިއާގެ ނުރައްކާތެރި އުކުންތެރިޔާ ބުމްރާހްގެ ހަމަލާއަކުން ރިޒްވާން ނުބައިކޮށްލުމާއެކު މުޅި މެޗު އިންޑިއާ ކޮޅަށް އެނބުރުނެވެ. މެޗުގައި އިންޑިއާއިން އެންމެ ރަގަޅަށް އުކާފައިވަނީ 15 ލަނޑަށް ތިން ވިކެޓް ނެގި ބުމްރާހެވެ.
މި މޮޅާއެކު މުބާރާތުގެ ގަދަ އަށަކާ ގާތަށް އިންޑިއާ ޖެހިލިއިރު މި މުބާރާތުގެ އެއްވެސް މެޗެއް އަދި ކާމިޔާބުކުރެވިފައި ނުވާ ޕާކިސްތާން ވަނީ މި ބައްޔާއެކު މުބާރާތުން ނުކުންނަން ހުރި ދޮރާ ދިމާލަށް ސޮއްސާލާފަ އެވެ.
Advertisement
Leave a Reply