ރަން މެޑަލްއާ އެކު އަޒްނީން އަށް ރެކޯޑެއް

Advertisement

ރަން މެޑަލްއާ އެކު އަޒްނީން އަށް ރެކޯޑެއް

ފަހުމިނެޓް
މާލޭގައި ކުރިއަށްދާ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ތެރެއިން. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދައި، ރާއްޖޭގެ ތާރީހުގައި ބައިނަލްއަގްވާމީ މުބާރާތެއްގައި ޖެހިޖެހިގެން ތިން ފަހަރު ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓުގެ ޝަރަފް އަޒްނީން ރަޝާދު އަށް ލިބިއްޖެ އެވެ.

މާލޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި އަޒްނީން ވަނީ 170 ސެންޓިމީޓަރު ސްޕޯޓްސް ފިޒީކް ކެޓަގަރީ އިން ރަން މެޑަލް ހޯދައިފަ އެވެ. މީގެކުރިން އަޒްނީން އެ ކާމިޔާބީ ހޯދީ 2022 ވަނަ އަހަރު ނޭޕާލްގައި އޮތް މުބާރާތާއި މިދިޔަ އަހަރު ރާއްޖޭގައި ހޯސްޓްކުރި މުބާރާތުގަ އެވެ.

ދެކުނު އޭޝިއާގެ އިތުރުން އަޒްނީން އަކީ ވޯލްޑް ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް ފާހަގަކޮށްލެވޭ އެތުލީޓެކެވެ. އެ މުބާރާތްތަކުގައި ވާދަކޮށް އަޒްނީން ވަނީ މީގެކުރިން ރަން މެޑަލް ހޯދާފަ އެވެ.

މާލޭގައި ކުރިއަށްދާ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ތެރެއިން. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އަޒްނީންގެ އިތުރުން ވެސް ރާއްޖޭގެ އެތުލީޓުން ކާމިޔާބީ ހޯދި އެވެ.

ރާއްޖޭގެ ފަތުހުﷲ މުހައްމަދު ވަނީ 167 ސެންޓިމީޓަރު ބައިން ރަން މެޑަލް ހޯދައިފަ އެވެ. ރާއްޖޭ ފަސް ކުޅުންތެރިއަކު ރިހި މެޑަލް ހޯދި އެވެ. އެއީ 55 ކިލޯގެ ބައިން ޝާހީން އިބްރާހީމް އާއި، 160 ސެންޓިމީޓަރު އެތުލެޓިކް ފިޒީކް ބައިން ހުސައިން ރިޔާޒްގެ އިތުރުން 60 ކިލޯގެ ބައިން ޝާލު އިބްރާހީމް 167 ސެންޓިމީޓަރު ބައިން މަހުމޫދު ޒިޔާދު އެވެ.

ދެކުނު އޭޝިއާގެ ސަރަހައްދީ މުބާރާތް ރާއްޖޭގައި ކުރިއަށް ދާނީ މި މަހުގެ 10 ވަނަ ދުވަހު ނިޔަލަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *