މޮޅަކާއެކު އިންގްލެންޑުގެ އަމާޒު ރަޝިޔާ އަށް

Advertisement

މޮޅަކާއެކު އިންގްލެންޑުގެ އަމާޒު ރަޝިޔާ އަށް

ޢަލީ ޝަހީމް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުން ކޮސްޓަރީކާ އާއި ވާދަކޮށް އިންގްލެންޑް މޮޅުވެއްޖެ އެވެ. މި މެޗު އިންގްލެންޑް ކާމިޔާބު ކުރީ 2-0 އިންނެވެ. މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ޒުވާން މާކަސް ރެޝްފޯޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު، ކުޅުންތެރިން ދެއްކި ކުޅުމަށް ޓީމުގެ ކޯޗު  ގަރެތު ސައުތުގޭޓް ވަނީ ތައުރީފް ކޮށްފައެވެ.

މިމެޗަށް އިންގްލެންޑް ނުކުތީ މިދިޔަ ހޮނިހިރު ދުވަހު ނައިޖީރިއާގެ މައްޗަށް ކުރި ހޯދި ޓީމަށް 10 ބަދަލެއް ގެނެސްގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ޖަހައިދިނީ އުމުރުން 20 އަހަރުގެ ރެޝްފޯޑެވެ. ރެޝްފާޑް މި ލަނޑު ޖެހީ ލޮފްޓެސްޗީކް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ގޯލް އޭރިޔާ ބޭރުން ރެޝްފޯޑް ފޮނުވާލި ބާރު ބޯޅަ ހިފަހައްޓަން ކޮސްޓަރީކާ ޓީމުގެ ގޯލު ބަލަހައްޓާ ރެއާލް މެޑްރިޑްގެ ކީޕާރ ކޭލޯ ނަވާސްއަށް މާބޮޑު ކަމެއް ނުކުރެވުނެވެ. މިއީ އިންގްލެންޑަށް ކުޅެދިން 19 ރެޝްފޯޑް ޖެހި ތިންވަނަ ލަނޑެވެ.

އިންގްލެންޑްގެ ދެވަނަ ލަނޑު ޖެހީ ޑެލެ އަލީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑެނީ ވެލްބެކެވެ. ވެލްބެކް މި ލަނޑު ޖެހީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސައުތުގޭޓު ބުނީ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ވޯލްޑް ކަޕްގައި ފުރަތަމަ އެގާރައިގައި ހިމަނާނެ ކުޅުންތެރިން ކަނޑައަޅަން އުނދަގޫވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

” މި މެޗުގައި 10 ބަދަލެއް ފެނުނަސް ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ރޫހެއް. ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން މިހާރު އަހަރެންނަށް އުނދަގޫ ވެއްޖެ ފުރަތަމަ އެގާރައަށް ކުޅުންތެރިން ނަގަން” ސައުތުގޭޓު ބުންޏެވެ.

ވޯލްޑް ކަޕްގައި އިންގްލެންޑް ހިމެނެނީ ބެލްޖިއަމް އާއި މުބާރަތަށް އަލަށް ކޮލިފައިވި ޕެނަމާގެ އިތުރުން ޓިއުނީޝިޔާއާ އެކު ގްރޫޕް “ޖީ” ގައެވެ. އެ ގްރޫޕުގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި ޖޫން 18 ވަނަ ދުވަހު ނުކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *