ޔޫރޯގެ ކުރިން ސްޕެއިން ބޮޑު މޮޅެއް ހޯދައިފި

އަންނަ ހުކުރު ދުވަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން ކުޅުނު ފަހު މެޗުގައި ރޭ ނޮދާލް އަޔަލެންޑް 1-5 އިން ބަލިކޮށްފި އެވެ.
ޔޫރޯގައި ސްޕެއިން ހިމެނެނީ މަރުގެ ގްރޫޕުގަ އެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ، ކްރޮއޭޝިއާ އަދި ކޮލިފައިން ގްރޫޕުގެ އެއް ވަނަ ހޯދި އަލްބޭނިއާ އެވެ.
ރޭގެ މެޗުގެ ދެ ވަނަ މިނެޓުގައި ނޮދާން އަޔަލެންޑުން ވަނީ ގޯލު ޖަހައި ސްޕެއިނަށް ސިހުން ގެނުވައިފަ އެވެ. އެ ގޯލު ޖެހީ ޑެނިއެލް ބަލާޑް އެވެ. ސްޕެއިން ފަސް ގޯލު ޖެހީ ފަހަތުން އަރަ އެވެ. ފުރަތަމަ ހާފު ސްޕެއިން ނިންމާލީ ހަތަރު ގޯލާ އެކު އެވެ. އޭގެތެރެއިން ދެ ގޯލު ޖެހީ ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ އެވެ. އަނެއް ގޯލު ޖެހީ ފަބިއަން ރުއިޒް އެވެ.
ސްޕެއިންގެ ފަހު ގޯލު 60 ވަނަ މިނެޓުގައި ޖެހީ މިކެލް އޮޔާޒަބަލް އެވެ.
އެކުވެރިކަމުގެ އަނެއް މެޗުގައި މީގެ ދެތިން ދުވަސް ކުރިން ސްޕެއިން ވަނީ އެންޑޯރާ 0-5 އިން ބަލިކޮށްފަ އެވެ.
ރޭ ޕޯޗުގަލް ވަނީ އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އަތުން 2-1 އިން ބަލިވެފަ އެވެ. ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން 8 ވަނަ މިނެޓުގައި ޖެހީ ލޫކަ މޮޑްރިޗެވެ. ޕޯޗުގަލް ނަތީޖާ ހަމަހަމަކުރީ 48 ވަނަ މިނެޓުގައި ޑިއޯގޯ ޖޯޓާ ޖެހި ގޯލުންނެވެ.
ކްރޮއޭޝިއާ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ 56 ވަނަ މިނެޓުގައި އަންޓޭ ބުޑިމިރް އެވެ.
ޗުއްޓީ އަށް ފަހު ރޭގެ މެޗުގެ ސްކޮޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުނެވެ. އެކަމަކު މެޗުގައި ރޮނާލްޑޯ ކުޅެފައެއްނުވެ އެވެ.
ޔޫރޯ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ނުކުންނާނީ ޗެކް ރިޕަބްލިކް، ޖޯޖިއާ އަދި ތުރުކީއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ޗެކް ރިޕަބްލިކާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕޯޗުގަލް އިން އެކުވެރިކަމުގެ ފަހު މެޗުގައި އަޔަލެންޑާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗު ކުޅޭނީ އަންގާރަ ދުވަހު އެވެ.
Advertisement


Leave a Reply