އިންޑިއާ ފުޓްބޯޅައިގެ އެންމެ ރީތި ބާބު ނިމިއްޖެ

Advertisement

އިންޑިއާ ފުޓްބޯޅައިގެ އެންމެ ރީތި ބާބު ނިމިއްޖެ

ފަހުމިނެޓް
ޗެތުރީ އިންޑިއާ ގައުމީ ޓީމަށް ކުޅުނު ފަހު މެޗުގައި އަލްވަދާއު ކިޔަނީ. ފޮޓޯ: ޓެންޑުލްކާ

އިންޑިއާ ފުޓްބޯޅައިގެ ހިތް ކަމުގައިވާ ސުނިލް ޗެތުރީ އުމުރުން 39 އަހަރުގައި ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކޮށްފި އެވެ.

ޗެތުރީ އިންޑިއާ ފުޓްބޯޅަ ޓީމު ޖާޒީގައި ފަހު މެޗު ކުޅުނީ އިއްޔެ ވޯލްޑް ކަޕް ކޮލިފައިންގައި ކުވެއިތާ ދެކޮޅަށެވެ. އިންޑިއާގެ ކަލްކަތާ ސްޓޭޓްގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

Advertisement

މުޅި މެޗު ހާއްސަވީ ޗެތުރީ އަށެވެ. މެޗަށް ފަހު ޗެތުރީ އަށް އިންޑިއާގެ ޓީމުން ވަނީ “ގާޑް އޮފް އޮނާ” އެއް އަރުވައިފަ އެވެ. ޗެތުރީގެ ހިދުމަތް ބަލައިގަނެ ސަޕޯޓަރުން ވަނީ ދަނޑުގައި ބެނާތައް ދަމައިފަ އެވެ. ގައުމީ ސަޕޯޓަރުންނާއި އިންޑިއާގެ ނޫ ޖާޒީ އަށް އަލްވަދާއު ކީ ވަގުތު ޗެތުރީ އަށް ރޮވުނެވެ.

ޗެތުރީ އިންޑިއާ ޓީމަށް ކުޅުން ހުއްޓާލިއިރު 151 މެޗުގައި 94 ގޯލު ވަނީ ޖަހައިފަ އެވެ. ޗެތުރީ އަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ހަތަރު ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ޗެތުރީގެ ކުރިން ލިސްޓުގެ އެއް ވަނައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އުޅޭއިރު ދެ ވަނައިގައި އޮތީ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ އެވެ. ތިން ވަނައިގައި އޮތީ ލިއޮނެލް މެސީ އެވެ.

އިންޑިއާ ސަޕޯޓަރުން ޗެތުރީގެ ބެނާއެއް ހިފައިގެން ދަނޑުގައި. ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ޗެތުރީ ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާ ކުރިއިރު ރެކޯޑްތައް ގިނަ އެވެ. ޗެތުރީ އަކީ އެގައުމަށް 50 ގޯލަށް ވުރެ ގިނައިން ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ. ފައިނަލެއްގައި ހެޓްރިކް ހެދި އިންޑިއާގެ ހަމައެކަނި ކުޅުންތެރިޔަކީ ވެސް ޗެތުރީ އެވެ. އަދި، ޗެތުރީ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތިން ފައިނަލުގައި ގޯލު ޖަހައިފަ އެވެ.

ޗެތުރީ 2004 ވަނަ އަހަރު އެންމެ ފުރަތަމަ ފެނުނީ އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމުންނެވެ. ސީނިއާ ޓީމުން ޗެތުރީ އަށް ފުރުސަތު ލިބުނީ 2005 ވަނަ އަހަރު އެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ހޭދަކުރި 20 އަހަރުގެ ތެރެއިން ޗެތުރީގެ ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅީ 2011 ވަނަ އަހަރު އެވެ. އެ އަހަރު ކުޅުނު 18 މެޗުގައި 13 ގޯލު ޖެހި އެވެ.

އިންޑިއާއާ އެކު ޗެތުރީ ވަނީ އޭއެފްސީ ޗެލެންޖް ކަޕް 2008 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއާ އެކު ހަތަރު ފަހަރު ހޯދި އެވެ. އޭގެތެރެއިން 2011، 2021 އަދި 2023 ވަނަ އަހަރު ސާފްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.

މެޗަށް ފަހު ޗެތުރީ އިންޑިއާ ސަޕޯޓަރުންނަށް އަލްވަދާއު ކިޔަނީ. ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ބައިނަލްއަގްވާމީ ފުޓްބޯޅަ ހުއްޓާލިޔަސް ކްލަބް ލެވެލްގައި ޗެތުރީ އަދިވެސް ކުޅޭނެ އެވެ. ޗެތުރީ 2016 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަނީ ބެންގަލޫރު އެފްސީ އަށެވެ.

ޗެތުރީގެ ފަހު މެޗުގައި އިންޑިއާ ނުކުތީ ކުވެއިތު ބަލިކުރާށެވެ. އެކަމަކު ފުރުސަތުތައް ލިބި އެޓީމަށް ގޯލެއް ނުޖެހުނެވެ. ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ 13 ޕޮއިންޓް ހޯދާފައިވާ ގަތަރެވެ. ދެ ވަނައިގައި އޮތް އިންޑިއާ އާއި ތިން ވަނައިގައި އޮތް އަފްގާނިސްތާނަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ފުލުގައި އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ ކުވެއިތެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *