ތައްޓާ ރައްޓެހި ކޮންޓޭ ދިގު ޗުއްޓީއަކަށް ފަހު ނަޕޯލީ އަށް

ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހު ޗުއްޓީގައި ހުރުމަށް ފަހު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ނަޕޯލީގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
ކޮންޓޭ، 54، ނަޕޯލީގެ ކޯޗުކަމާ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ.
ކޯޗިންގައި ކޮންޓޭ އެންމެ ފަހުން ކުރި މަސައްކަތަކީ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ އަށް އިރުޝާދުދިނުމެވެ. ޓޮޓެންހަމްގެ ނަތީޖާތައް ދަށްވެ އޭނާ އަމިއްލައަށް ބޭނުންވެގެން އެ މަގާމް ދޫކޮށްލީ 2023 މާޗް މަހު އެވެ. އޭގެފަހުން ލިބުނު އެއްވެސް އޮފާއަކަށް ސަމާލުކަން ނުދީ ހުރީ ގޭގައި މަޑުކޮށްގެންނެވެ.
ޓޮޓެންހަމްގައި ހޭދަކުރި 16 މަސް ދުވަހު އެ ކްލަބަށް ކާމިޔާބީއެއް ހޯދައިނުދެވުނު ނަމަވެސް، ކޮންޓޭ އަކީ ކޯޗިންގައި ގިނަ ތަށިތަކެއް ހޯދާފައިވާ ކޯޗެވެ. ކޮންޓޭ ވަނީ ޔުވެންޓަސް ކޯޗުކޮށްދިން ދުވަސްވަރު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކޮށްދީފަ އެވެ. އޭގެފަހުން ޗެލްސީ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި އެވެ. ދެ ވަނަ ސީޒަނުގައި ޗެލްސީ އަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިނެވެ.
ކޮންޓޭ ވަނީ އޭގެފަހުން އިންޓަ މިލާނަށް ބަދަލުވެ އެ ޓީމަށް 11 އަހަރަށް ފަހު އިޓާލިއަން ލީގު 2021 ވަނަ އަހަރު ކާމިޔާބުކޮށްދީފަ އެވެ.
ނަޕޯލީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ކޮންޓޭ ބުނީ ނަޕޯލީ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ މުހިއްމުކަން ދައްކުވައިދޭ ކްލަބެއް ކަމަށާއި އެޓީމާ ހަވާލުވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ނަޕޯލީ އިން 33 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިޓަލީ ލީގު ކާމިޔާބުކުރީ 23-2022 ސީޒަނުގަ އެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެޓީމުގެ ނަތީޖާތައް ދަށްވެ ލީގު ނިންމާލިއިރު އޮތީ 10 ވަނައިގަ އެވެ.
ކޯޗުކަމުގައި ހުރި ވޮލްޓާ މަޒާރީ މަގާމުން ވަކިކޮށް ސީޒަނުގެ ފަހުކޮޅު ނަޕޯލީ އަށް އިރުޝާދުދިނީ ފްރެންސެސްކޯ ކަލްޒޯނާ އެވެ. ކަލްޒޯނާ އަކީ ޔޫރޯގައި ވާދަކުރާ ސްލޮވޭކިއާގެ ވެސް ކޯޗެވެ. ނަޕޯލީ އަށް ވަގުތީގޮތުން އިރުޝާދުދިނީ ސްލޮވޭކިއާ އަށް ކޯޗުކޮށްދެމުންނެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދި އިޓަލީގެ ބޮލޯނިއާގެ ކޯޗުކަމަށް ފިއޮރެންޓީނާގެ ކޯޗު ވިންސެންޒޯ ވަނީ ހަމަޖައްސައިފަ އެވެ. ބޮލޯނިއޯ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިން ތިއާގޯ މޯޓާ އަންނަ ސީޒަނުގައި ކޯޗުކޮށްދޭނީ ޔުވެންޓަސް އަށެވެ. އެކަމަކު ރަސްމީކޮށް ޔުވެންޓަސް އިން އަދި އެކަން އިއުލާނެއް ނުކުރެ އެވެ.
Advertisement


Leave a Reply