ފަސް އަހަރަށް ކަމަށް ބުނެ ޗެލްސީ އަށް އާ ކޯޗެއް ހަމަޖައްސައިފި
ދޭތެރެއަކުން ހުސްވާ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް، ކުރިން ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކުރި އެންޒޯ މަރެކްސާ ހަމަޖައްސައިފި އެވެ.
މަރެސްކާ، 44، ޗެލްސީއާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. ޗެލްސީ އިން ބޭނުންނަމަ އިތުރު އަހަރަކު މަރެސްކާ މަގާމުގައި މަޑުކުރުވޭނެ އެވެ. އެކަމަކު ޗެލްސީގެ ތާރީހަށް ބަލާއިރު ފަސް އަހަރު ވަންދެން އެ ކްލަބުގައި ކޯޗަކު ހުރުމަކީ ދުރު ކަމެކެވެ.
ޗެލްސީއާ ގުޅުމުގެ ކުރިން މަރެސްކާ ހުރީ ލެސްޓާ ސިޓީގެ ކޯޗުކަމުގަ އެވެ. ލެސްޓާ އިނގިރޭސި ޗެމްޕިއަންޝިޕަށް ރެލިގޭޓްވުމުން 2023 ވަނަ އަހަރު އެ ކްލަބާ ހަވާލުވެ ފުރަތަމަ ސީޒަނުގައި އެޓީމު އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިނެވެ.
“ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބާ ގުޅުމަކީ އަހަރެންގެ ހުވަފެން ހަގީގަތަކަށްވުން. އަހަރެން މި ފުރުސަތާ މެދު އުފާވީ އެހެންވެ” ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު މަރެސްކާ ބުންޏެވެ.
ގާޑިއޯލާގެ އެސިސްޓެންޓުގެ ގޮތުގައި މެންޗެސްޓާ ސިޓީގައި އެއް ސީޒަނުގައި މަރެސްކާ މަސައްކަތްކުރި އެވެ.
މަރެސްކާ ބުނީ އޭނާ އަށް ލިބިފަ އޮތީ ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި އުއްމީދަކީ ކާމިޔާބީ ހޯދައި ސަޕޯޓަރުން ފަހުރުވެރިކޮށްދިނުން ކަމަށެވެ.
ޗެލްސީގެ ރޯލާ ރަސްމީކޮށް މަރެސްކާ ހަވާލުވާނީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ. މަރެސްކާ އަކީ މިދިޔަ ފަސް އަހަރުތެރޭ ޗެލްސީއާ ހަވާލުވާ ހަ ވަނަ ކޯޗެވެ. އަދި، 2022 ގެ މެއި މަހު ޗެލްސީ ހިންގުމާ ޓޮޑް ބޮއެލީގެ ކުންފުނިން ހަވާލުވި ފަހުން އެޓީމަށް ގެނައި ހަތަރު ވަނަ ކޯޗެވެ.
މިދިޔަ ސީޒަނުގެ ލީގު ހަ ވަނަ ހޯދި ޗެލްސީ އަންނަ ސީޒަނުގައި ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ވާދަކުރާނެ އެވެ. މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި ޗެލްސީ ވަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ލީގު ކަޕް ފައިނަލުގައި ކުޅެ އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ލީގު ކަޕް ފައިނަލުގައި ފަހު ވަގުތު ލިވަޕޫލް އަތުން ބަލިވިއިރު އެފްއޭ ކަޕް ސެމީގައި ބަލިވީ މެންޗެސްޓާ ސިޓީ އަތުންނެވެ.
Advertisement
Leave a Reply