ވަލްވާޑޭ އަތުގަ ހިފައިގެން ދިވެހި ކުއްޖަކު ޗެމްޕިއަންސް ލީގު ފައިނަލްގައި
ބޭންކް އޮފް މޯލްޑިވްސް ޕްރޮމޯޝަންގެ ނަސީބު ލައްވާލި ދިވެހި ކުޑަކުއްޖަކު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ޕްލެޔާ މެސްކޮޓެއްގެ ދައުރު އަދާކޮށްފި އެވެ.
ބީއެމްއެލްގެ މާސްޓާ ކާޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ދަށުން ނަސީބު ވެރިއަކަށް ހޮވުނީ، ސ. މަރަދޫ، ހުސްނޫވިލާ، މުހައްމަދު މުހުދިން އެވެ. މުހުދިންއަށް ލިބުނު ފުރުސަތުގައި ޕްލެޔާ މެސްކޮޓުގެ ގޮތުގައި ދަނޑަށް އަރުވަން ގެންދިޔައީ އޭނާގެ ކޮއްކޮ އިބްރާހީމް ޒާއިން ޒިޔާދު އެވެ.
މުހުދިން ވަނީ ލިބުނު ފުރުސަތާ އެކު ޗެމްޕިއަންސް ލީގު ފައިނަލް ބަލަން ލަންޑަނަށް ގޮސްފަ އެވެ. ލަންޑަނުގެ ވެބްމްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ޕްލެޔާ މެސްކޮޓުގެ ގޮތުގައި ޒާއިންގެ ދައުރު އަދާކުރި އެވެ. ޒާއިން ދަނޑަށް އެރީ ރެއާލަށް ކުޅޭ އުރުގުއޭގެ ތަރި ފެޑެރިކޯ ވަލްވާޑޭގެ އަތުގައި ހިފައިގެންނެވެ.
ޒާއިން ދަނޑުގައި ހުރި މަންޒަރުގެ ފޮޓޯތައް ބީއެމްއެލް އިން މިއަދު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ގުރުއަތުން ލިބުނު ފުރުސަތުގެ ދަށުން މުހުދިން އާއި ޒާއިން އަށް ވަނީ ލަންޑަނު ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުމުގެ އިތުރުން ފައިނަލް މެޗުގެ ޓިކެޓް އަދި ޕޮކެޓް މަނީ ވެސް ދީފަ އެވެ.
ވެމްބްލީ ސްޓޭޑިއަމްއަކީ 90000 މީހުންގެ ޖާގައިގެ ބޮޑު ސްޓޭޑިއަމެކެވެ. އިނގިރޭސި ވިލާތުގެ ގައުމީ ސްޓޭޑިއަމްގެ ގޮތުގައި ވެމްބްލީ ސްޓޭޑިއަމް ބޭނުންކުރަނީ ހާއްސަ މެޗުތައް ކުޅުމަށެވެ. އެ ސްޓޭޑިއަމްއަކީ ޔޫރަޕްގައި ދެ ވަނަ އަށް އެންމެ ބޮޑު ސްޓޭޑިއަމެވެ.
ފައިނަލް މެޗު ބެލުމަށް ދެ ކްލަބުގެ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅައިގެ ތަރިން ވެމްބްލީ ސްޓޭޑިއަމަށް ދިޔައެވެ. ވާދަވެރި ފައިނަލް މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑް 0-2 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރެއާލް މެޑްރިޑެވެ.
Advertisement
Leave a Reply